ވާނުވާ ޖަހާފައި ޖަލުގައި ދިގު މުއްދަތަކަށް ބައިތިއްބާ މައްސަލާގައި ގައިިދީން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ކަމަށާއި، އަދި ޖަލުގައި ތިބި ބައެއް ގައިދީންނަށް ކަރެކްޝަންސްގެ އޮފިސަރުން އަނިޔާ ކުރަމުންދާ ކަމަށް ބުނެ ހަބަރުތައް ދަނީ ފެތުރެމުން ނެވެ.
އެކަން ކޮމިޝަނާ އޮފް ޕްރިޒަން އަހުމަދު މުހައްމަދުފުޅު މިއަދު ވަނީ ދޮގުކުރައްވާފަ އެވެ. ވިދާޅުވީ، މާފުށި ޖަލުގެ ޔުނިޓް 11 ގެ ގައީދީންނަށް އަނިޔާ ކުރަމުންދާ ކަމަށް ދައުރުވަމުންދާ ވާހަކަ އަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި އެތަނުގައި އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށެވެ.
ނޫސްވެރިޔާ ރިލްވާން އަބްދުﷲ އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ އިސްމާއިލް އަބްދުރަހީމް(އިސޫ) ހިމެނޭހެން އިތުރު އެހެން ގައިދީންތަކަށް އަނިޔާކުރި ކަމަށް ބުނެ ހަބަރު ފަތުރާފައިވަނީ ޗެނަލް 13 ގެ ޕްރޮގްރާމެއްގަ އެވެ.
އެގޮތުން ޖަލުގައި ގައިދީން ތިބޭސަރަހައްދުގެ ކަރަންޓުކަނޑާލާ ގައިދީން ތިބޭ ސެލްތަކަށް ވަދެ ކަރެކްޝަންސްގެ އޮފިސަރުން ގައިދީން ގައިގާ “ތަޅާ” އަނިޔާ ކުރުމުގެ ސަބަބުން އިސޫ ހޭނެތުނުކަމަށްވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން މާފުށީ ޖަލުގައި ހުންނަ ހަރުކަށި ފިކުރުގެ މީހުން ބަންދުކުރާ ޔުނިޓުގައި ތިބި ގައިދީން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާ ކަމަށްވެސް ބައެއް ނޫސްތަކުގައި މިދިޔަ ހަފްތާގައި ރިޕޯޓުކޮށްފައި ވެއެވެ.