ads
ގަތަރު ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންނެވުން
ވޯލްޑްކަޕަށް ރައީސް ކުރެއްވި ދަތުރުފުޅަށް ހަރަދުކުރެއްވީ އަމިއްލަފުޅަށް: މިއުވާން
މިދިޔަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރުގައި ގަތަރުގައި އޮތް ވޯލްޑް ކަޕް މެޗްބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ބެލެހެއްޓެވީ ރައީސް އަމިއްލަފުޅަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް ގަތަރަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ރައީސް އޮފީހުން މީގެކުރިން ވަނީ ރާއްޖޭގެ ބައެއް ނޫސްތަކަށް ހިއްސާކޮށަފައެވެ.

ރައީސް އޮފީހުން ބައެއް މީޑިއާތަކަށް ކުރިން ދިން މައުލޫމާތުގައި ރައީސް ގަތަރަށް ކުރެއްވި ދަތުރުފުޅަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 997،743.28 ރުފިޔާ ހޭދަކޮށްފައި ވެއެވެ.

އެގޮތުން ޕޮކެޓްމަނީއަށް 150،822 ރުފިޔާއާއި އިންސިޑެންޓަލްއަށް  76،950 ރުފިޔާއާއި ހުރުމާއި ކެއުމަށް 414،555 ރުފިޔާ އަދި ޓިކެޓަށް 355،415 ރުފިޔާއެވެ. މި މައުލޫމަތު ހިއްސާކޮށް އެއީ ރައީސް ކުރެއްވި ހަރަދުކަން ސިފަވާގޮތަށް ބައެއް ފަރާތްތަކުން މައުލޫމާތު އާއްމުކޮށްފައި ވެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުުމުގައި ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ގަތަރަށް ކުރެއްވި ދަތުރުފުޅުގައި ރައީސްއާއި ރައީސްގެ އާއިލާގެ ޓިކެޓް ކަންތަކާއި އެހެނިހެން ހަރަދުތައް ހަމަޖެއްސެވީ ރައީސް އަމިއްލަފުޅަށް ކަމަށެވެ. އަދި ގަތަރުގައި ހުންނެވުމާއި އެހެނިހެން ހަރަދުތައް ހަމަޖެއްސީ ގަތަރު ސަރުކާރުންކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކޮންމެ ތަނަކަށް ވަޑައިގެންނެވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރައްވާނެކަމަށާއި އެކަމަށްޓަކައި އެކުގައި އަބަދުވެސް ސަޕޯޓް ސްޓާފުންނާއި ސެކިއުރިޓީ ދަތުރުކުރައްވާނެ ކަމަށެވެ.

އެހެންކަމުން ދައުލަތުގެ ބަޖެޓުން ހަރަދުކުރިކަމަށް ފެންނަ މިލިއަނެއްހާ ރުފިޔާއަކީ ސެކިއުރިޓީއާއި ސަޕޯޓް ސްޓާފުންގެ ޓިކެޓާއި ކެއުމާއި ދަތުރު ހަރަދަށް ހޭދަވި ފައިސާކަމަށް މިއުވާން ވިދާޅުވިއެވެ.

ގަތަރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އައްސާނީގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން ކުރެއްވި ދަތުރުފުޅުގައި ވޯލްޑްކަޕް ސެމީ ފައިނަލް މެޗްތައް ބައްލަވާލެއްވިއެވެ. ދަތުރުފުޅަށް ފަހު ރައީސް ރާއްޖެވަޑައިގެންނެވީ ޑިސެމްބަރު 15 ގައެވެ.

50%
ކަމުގޮސްފި
30%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް