ads
ޕީޖީ ޝަމީމް ނޫސްވެރިންނާއި ބައްދަލުކުރައްވަނީ——ފޮޓޯ: ސީއެންއެމް
ވެންޓިލޭޓަރު މައްސަލައިގައި މިހަފްތާތެރޭ ގޮތެއް ނިންމާނަން: ޕީޖީ ޝަމީމް
ކޮވިޑް 19 ގެ ބަލިމަޑުކަން ރާއްޖޭގައި އެންމެ ހަލުވިކަމާއެކިު ފެތުރެމުންދިޔަ ދުވަސްވަރު ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެއަށް ގަތް ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލައިގައި މި ހަފްތާތެރޭ ގޮތެއް ނިންމަވާނެ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ވަނީ ވެންޓިލޭޓަރު މައްސަލައިގެ ދައުވާ ކުރަން ފޮނުވުމާއި ބެހޭ ގޮތުން ޝަމީމަށް ސުވާލެއް ކުރިމަތިކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ، އެ މައްސަލަ ޕީޖީ އޮފީހުގައި އެބަ އޮތް ކަމަށާއި މި ހަފްތާގެ ތެރޭގައި އެ މައްސަލައާ ގުޅިގެން ގޮތެއް ނިންމާނެ ކަމަށެވެ. 

"އަޅުގަނޑުމެން އަތުގަ މައްސަލަ އެބަ އޮތް، މައްސަލަ އޮތީ ތަންކޮޅެއް ލަސްވެފަ. އެކަމަކު އިރާދަކުރެއްވިއްޔާ މި ހިނގާ ހަފްތާތެރޭ އެ މައްސަލައިގެ ވަކި ގޮތެއް ނިންމާނަން"

އޭސީސީން މިމައްސަލާގައި ދައުވާކޮށްދޭން ޕީޖީގައި އެދިގެން އުޅޭތާ މިހާރު ވަނީ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައެވެ.

އެ މައްސަލައިގައި އޭސީސީން ވަނީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ އިސްވެރިން ހިމެނޭހެން 12 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް 2020 ވަނަ އަހަރުގެ މެދުތެރޭ ހިސާބުގައި ޕީޖީ އޮފީހަށް ހުށަހަޅާފަ އެވެ. ނަމަވެސް އެފަހަރު ޕީޖީން އެއްވެސް ފަރާތަކަށް ދައުވާއެއް ނުކުރިއެވެ. 

އެމައްސަލަ މުރާޖާކޮށް އަލުން ޕީޖީ އޮފީހަށް ހުށަހަޅަން އޭސީސީއަށް ފުރުސަތު ލިބުނީ ރައްޔިތުންގެ ޕްރެޝަރާއި ހެދި އެވެ. 

ނަމަވެސް އިސްލާހުކުރަންޖެހޭ ކަންކަން ހުރެގެން ކަމަށް ބުނެ، މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ޕީޖީން ވަނީ އޭސީސީއަށް އެ މައްސަލަ އަނބުރާ ފޮނުވާލާފަ އެވެ.

އަދި ތުހުމަތު ކުރެވޭ ގިނަ މީހުންގެ މައްޗަށް ދައުވާނުކޮށް އެ ހިޔާނާތުގެ މައްސަލަ މިދިޔަ އަހަރުގެ އޮގަސްޓު މަސްތެރޭ އޭސީސީން ވަނީ ފައިލްކޮށްފައެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް