ads
ޕީޖީ ޝަމީމް
”ވެންޓިލޭޓަރު ދައުވާގައި އިސްލާހުކުރަން އިނީ ކުޑަކަމެއް، އިސްލާހުކޮށްފަ ދައުވާކުރާނަން“
ކޮވިޑް-19 އިގެ ތެރޭ ހިނގި ވެންޓިލޭޓަރު ހިޔާނާތު މައްސަލާގައި ދައުވާނުކުރެވިގެން އުޅެނީ ކުދިކުދި “ޓެކްނިކަލް” މައްސަލަ އުޅޭތީ ކަަމަށާއި، ދައުވާކުރަންޖެހޭ ފަރާތްތަކަށް ދަައުވާކުރަން ފޮނުވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޕްރޮސިކިއުޓަ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އޭސީސީން މިމައްސަލާގައި ދައުވާކޮށްދޭން ޕީޖީގައި އެދިގެން އުޅޭތާ މިހާރު ވަނީ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފަ އެވެ.

އެ މައްސަލައިގައި އޭސީސީން ވަނީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ އިސްވެރިން ހިމެނޭހެން 12 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް 2020 ވަނަ އަހަރުގެ މެދުތެރޭ ހިސާބުގައި ޕީޖީ އޮފީހަށް ހުށަހަޅާފަ އެވެ. ނަމަވެސް އެފަހަރު ޕީޖީން އެއްވެސް ފަރާތަކަށް ދައުވާއެއް ނުކުރި އެވެ. 

އެމައްސަލަ މުރާޖާކޮށް އަލުން ޕީޖީ އޮފީހަށް ހުށަހަޅަން އޭސީސީއަށް ފުރުސަތު ލިބުނީ ރައްޔިތުންގެ ޕްރެޝަރާއި ހެދި އެވެ. 

ނަމަވެސް އިސްލާހުކުރަންޖެހޭ ކަންކަން ހުރެގެން ކަމަށް ބުނެ، މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ޕީޖީން ވަނީ އޭސީސީއަށް އެ މައްސަލަ އަނބުރާ ފޮނުވާލާފަ އެވެ.

އަދި ތުހުމަތު ކުރެވޭ ގިނަ މީހުންގެ މައްޗަށް ދައުވާނުކޮށް އެ ހިޔާނާތުގެ މައްސަލަ އޮގަސްޓު މަސްތެރޭ އޭސީސީން ވަނީ ފައިލްކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން މިއަދު މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ޕީޖީ ޝަމީމާއިއެކު ބޭއްވި ބައްދަލުވުމުގައި އެ މައްސަލަ އޮތް ހިސާބެއް ސާފުކޮށްދިނުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ އެދިފައެވެ. 

އެކަމަށް ޖަވާބުދާރީ ވަމުން ޝަމީމް ވިދާޅުވީ، އެންމެފަހުން އޭސީސީން މައްސަލަ ފޮނުވިއިރުވެސް އިސްލާހުކުރަންޖެހޭ ކުދި ކުދި ފަންނީ ކަންތައްތަކެއް  ހުރިކަމަށާއި އެކަންކަން އިސްލާހުކުރުމުން މައްސަލާގައި ދައުވާކުރުމާއިމެދު ގޮތެއް ނިންމޭނެ ކަމަށެވެ.

”އެހާ ބޮޑެތި ކަންތައްތަކެއް ނޫންް، ވަރަށް ކުދިކުދި ކަންކަން ދެން އެކަންކަން އިސްލާހުކޮށްލީމައި ދައުވާކުރުމާއިމެދު ގޮތެއް ނިންމޭނެ، އަޅުގަނޑުމެން މި ބަލަނީ އަޅުގަނޑުމެންނަށް މިހާރު ލިބިފައިވާ މައުލޫމާތުތަކުން ބައިވެރިވި ބައެއްގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށް،“ޝަމީމް ވިދާޅުވި އެވެ.

އިސްލާހުކުރަން ހުރި ކަންކަމުގެ ތަފްސީލު ދެއްވަން ބޭނުންނުވާކަން ފާހަގަކުރަމުން ޝަމީމް ވިދާޅުވީ، ”އެ ޓެކްނިކަލް ކަންތައްތައް” ރަނގަޅުކޮށްލުމުން ދައުވާކުރުމުގައި އަލިމަގެެއް ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ.

އެކަންކަން އިސްލާހު ކުރުމަށް މަސައްކަތް ކުރަމުންދަނީ، އިސްލާހުނުކޮށް ހުށަހަޅައިފިނަމަ މައްސަލަ ގެއްލިދާނެތީ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ދުބާއީގެ އެގްޒެކިއުޓާސްއާ އެކު އެއްބަސްވި 75 ވެންޓިލޭޓަރުގެ ތެެރެއިން މިހާތަނަށް ލިބިފައިވަނީ އެންމެ 15 ވެންޓިލޭޓަރެވެ. އޭގެ ތެރެއިން ފަސް ވެންޓިލޭޓަރު ފޮނުވިއިރު ބައެއް އާލާތްތައް މަދެވެ. ސަރުކާރަށް ލިބެން ޖެހޭ ބާކީ 60 ވެންޓިލޭޓަރު އަދި ވެސް ނުލިބި ހުރި އިރު އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލައި އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް