ޖުމްހޫރީ ޕާޓީގެ ހަތަރު ވަނަ ގައުމީ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި މިރޭ ޖިހާދު ހަމަޖެއްސެވީ ޖޭޕީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށެވެ. ޖިހާދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތިން ވަނަ ނައިބު ރައީސް އެވެ.
މީގެ އިތުރުން ފަސް އެޑްވައިޒަރުން ހަމަޖައްސަވާ އެބޭފުޅުންނަށް އެ މަޤާމުގެ ލިއުން މިރޭ ގާސިމްވަނީ ހަވާލު ކުރައްވާފައެވެ.
އެބޭފުޅުންނަކީ ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހްމަދާއި ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދާއި ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސެއިން މަނިކާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަޙްމަދުގެ އިތުރުން ކުރީގެ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް އެވެ.
ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން އެޕާޓީގެ ލީޑަރުގެ އެޑްވައިޒަރުންނަކީ އެ ގަމާމުގެ ހައިސިއްޔަތުން އެޕާޓީގެ ކައުންސިލް މެމްބަރުންނެވެ. އެހެން ކަމުން މިބޭފުޅުން ހިމެނިގެންދާނީ ޖޭޕީގެ ކައުންސިމް މެމްބަރުގެ ތެރޭގައެވެ.
ގާސިމްގެ އެޑްވައިޒަރުންގެ މަގާމަށް ޖުމްލަ ހަ ބޭފުޅަކު އައްޔަން ކުރައްވާފައިވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ގޮވާލާ އެޕާޓީގެ ކޮންގްރެސްގައި ރޭ ވަނީ ގަރާރެއް ފާސްކޮށްފައެވެ.
ނަމަވެސް ގަރާރާއިމެދު ގޮތެއް ނިންމާނީ ޖޭޕީގެ ކައުންސިލުންނެވެ. ގާސިމް ރޭ ވިދާޅުވީ ޖޭޕީގެ ކޮންގުރެއްގައި ފާސްކުރި ގަރާރު އެޕާޓީގެ ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށެވެ.