
އެޗްޑީސީން ބުނެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަަރައްގީކޮށްފައިވާ އެމްޑަބްލިއުއެސްސީގެ މަލަސް އިމާރާތް އެ ނެޓްވޯކާ ގުޅާލާފައިވާ ކަމަށެވެ. އިމާރާތުގެ އެޕާޓްމަންޓުތަކުގެ ވެރިފަރާތްތަކާއި ތަޅުދަނޑި ހަވާލުކުރުމުގެ ކުރިން އިމާރާތަށް ކަނެކްޝަން އަޅާ މި މަހުގެ 15 ވަނަ ދުވަހު ރަސްމީކޮށް އިންޓަނެޓް އަދި ޓީވީގެ ހިދުމަތް ލިބޭނެ ނިޒާމް ގާއިމުކުރެވިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނި ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމުގައި އެޗްޑީސީގެ އެންމެ ކާމިޔާބު އެއް މަސައްކަތަކީ އެ ކޯޕަރޭޝަނުގެ އޯޕަން އެކްސެސް ފައިބަ ނެޓްވޯކް ކަމުގައެވެ. މި ނެޓްވޯކް ގާއިމުކުރެވުމުން އިންޓަނެޓް އަދި ޓީވީ ހިދުމަތް ފައިބަ ނެޓްވޯކް މެދުވެރިކޮށް ދޭ ފަރާތްތަކަށް ކޮންމެ ކަސްޓަމަރަކާ ހަމައަށް ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެޗްޑީސީން ބުނީ ނެޓްވޯކް އެޅުމުގެ ސަބަބުން ހިދުމަތްދޭ ފަރާތްތައް މަގުކޮނެ ކޭބަލް އެޅުމުގެ މަސައްކަތް ހުއްޓުމަކަށް ގެނެވުމުން މަސައްކަތުގެ ތެރޭގައި އެހެނިހެން ކޭބަލްތަކަށް ގެއްލުން ލިބި ކަނެކްޝަން ކެނޑެން ދިމާވާ ހާލަތްތައް މަދު ކުރެވިފައިވާ ކަމަށެވެ.
އެކަމުގެ ސަބަބުން މިދިޔަ އަހަރުގެ ތެރޭގައި ނެޓްވޯކްގެ އަޕްޓައިމް ހުރީ 100 އިންސައްތައިގައި ކަމަށް އެޗްޑީސީން ބުނެއެވެ.
އެ ކޯޕަރޭޝަނުން ބުނި ގޮތުގައި ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރެވުނު 7،000 ހިޔާ ފުލެޓް، ސްޓެލްކޯގެ ބްލޫ ރިޖްގެ އިތުރުން އެމްއޭސީއެލްގެ ފުލެޓަށް ރައްޔިތުން ބަދަލުވިއިރު، އެޗްޑީސީގެ ސްމާޓްކޮމް ޓީމުން ވަނީ އެއިން ކޮންމެ އިމާރާތެއްގެ ހުރިހާ ފުލެޓްތަކެއް އޯޕަން އެކްސެސް ނެޓްވޯކް އާ ގުޅާލައި އެޕާޓްމަންޓުތަކުގައި އޯއެންޓީ ޑިވައިސް ހަރުކޮށް ހިދުމަތްތައް ދިނުމަށް ތައްޔާރުކޮށްފައި ކަމުގައެވެ.
އެޗްޑީސީން ބުނެފައިވަނީ، މި މަސައްކަތުން ލިބޭ ފަސޭހަތަކުގެ ތެރޭގައި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތް ބަދަލުކޮށްލަން ބޭނުންވި ކަމުގައި ވީ ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެކަމަށް މަގުފަހިވެގެންދާނެ ކަަމަށެވެ. އޭގެ އިތުރުން ހިދުމަތް މެދުކެނޑުމަށް ދިމާވާ މައްސަލަތައް މަދުކުރެވިފައިވާ ކަމަށްވެސް އެޗްޑީސީން ފާހަގަ ކުރެއެވެ.
އެ ކޯޕަރޭޝަނުގެ އެންމެ ބޮޑު އަމާޒަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރާ ކޮންމެ އިމާރާތެއް ބޭނުން ކުރަން ފަށާއިރު މުއާސަލާތީ ވިއުގާ އަކުން ގުޅާލާ ތައްޔާރުވެފައިވާ ތަނަކަށް ހެދުން ކަމަށް އެޗްޑީސީން ބުނެއެވެ.