
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ އެކައުންޓަކުން ނަވީން އަށް 100،000 ޑޮލަރު ޖަމާވެފައިވާ ކަން އޭސީސީން ހިންގި ތަހުގީގަށް ހާމަވެފައިވެއެވެ.
އޭރު އެ މައްސަލަ ފެންމަތިވުމާއެކު ނަވީން ވަނީ އެމްއެންޑީއެފްގެ ވަޒީފާއިން ސަސްޕެންޑުވެސް ކޮށްފައެވެ. ނަމަވެސް ފަހުން އަނބުރާ އޭނާ ވަޒީފާއަށް ނެރެން ފެށިއެވެ. އޭރު އޭނާގެ ސަސްޕެންޝަން އުވާލާ ވަޒީފާއަށް ނެރެފައިވަނީ މައްސަލަ ބެލުމަށްފަހު ހިޔާނާތުގެ ކަމެއް ފާހަގަކުރެވިފައިނުވާތީ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އޭސީސީން މިއަދު ޕީޖީ އޮފީހަށް ހުށަހެޅީ ނަވީންގެ މައްޗަށް ހަ ދައުވާއެއް ކޮށްދިނުމަށެވެ. އޭގެ ތެރޭގައި ރިޝްވަތު ހިފުމުގެ ދައުވާ އާއި ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދައުވާ އާއި ރިޝްވަތު ލިބިގަތުމަށް އެއްބަސްވުމުގެ ދައުވާއެވެ.
މީގެ އިތުރުން އެމްއެންޑީއެފްގެ ކެޕްޓަނެއްގެ މަގާމުގައި ހުރެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި މީހަކަށް ނުވަތަ ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި ރިޝްވަތުގެ ކުށުން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ނަވީންގެ މައްޗަށް ކޮށްދިނުމަށް އޭސީސީން ވަނީ ޕީޖީ އަށް ހުށަހަޅާފައެވެ.
ނަވީންގެ މައްސަލާގައި ދައުލަތަށް ލިބެންޖެހޭ 100،000 ޑޮލަރު ހޯދުމަށް އޭސީސީން ވަނީ އެމްއެމްޕީއާރްސީ އަށް ވެސް އަންގާފައެވެ.