މިއަދުގެ މަޖިލީހުގައި ފުރަތަމަ އޮތީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ހުށަހަޅުއްވާފައިވާ، ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާ ގަރާރުގެ ބަހުސް އެވެ.
މި ގަރާރަށް ބަހުސްގައި ސަރުކާރު ދިފާއު ކުރައްވާ ވާހަކަދައްކަވަމުން މެމްބަރު ރާޝިދު ވިދާޅުވީ، ދަރަނީގެ މައްސަލާގައި މާ ކަންތައް ބޮޑުވާ ހިސާބަށް ގޮސްފައިވާ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. ކޮވިޑްގެ ދަތިކަމާއިއެކުވެސް މި ސަރުކާރުން ނެގި ލޯނުތަކުންނާއި، އެހެނިހެން ގޮތްގޮތުން ހޯދި އާއްމުދަނީން ރައްޔިތުންނަށް ގިނަގުނަ ކަންތައްތަކެއް ކޮށްދީފައި ހުރިކަން ފެންނަ އެބަހުރި ކަމަށެވެ.
މި ސަރުކާރުން ކޮށްދިން ކަންކަމުގެ ވާހަކަދައްކަވަމުން ރާޝިދު ދެން ނެންގެވީ ރަށް ފުށުގެ އަންހެނުންގެ މިސާލެކެވެ. އެގޮތުން ފެނާއި ނަރުދާމައަށް މި ސަރުކާރުން ގެނައި ތަރައްގީ އާއިއެކު މީގެ ކުރީން " ރީތި ލޯބި އަންހެން ކުދިންގެ ގައިން ދުވާ ނުބައިވަސް" މިހާރު ނުދުވާ ކަމަށް ވިދާޅުވި އެވެ.
މިވާހަކަތަށް ނުނިމެނީސް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ނިޒާމީ ނުކުތާއެއް ނަންގަވާ އެވާހަކަތައް ކުއްވެރި ކުރެއްވި އެވެ. އިލްޔާސް ވިދާޅުވީ، ދިވެހި އަންހެން ބޭފުޅުންނާއި މުހާތަބުކޮށް އެހާ ބޭއަދަބީ ބަހެއް ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ލަބީބުގެ މި ނިޒާމީ ނިކުތާއަށް ފަހު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރާޝިދުގެ ބަހުސްކުރުމުގެ ފުރުސަތު އަތުލައްވާ އެހެން ބޭފުޅަކަށް ފުރުސަތު ދެއްވާފަ އެވެ. ނަޝީދު ވިދާޅުވީ، ވާހަކަފުޅު ދައްކަވާއިރު ވަކި ޖިންސަކަށް ކުޑާމީސް ވާގޮތަށް ވާހަކަދެއްކެވުން ބަލައިނުގަންނާނެ ކަމަށެވެ.
ވާހަަކަ މެދުކަނޑާލައްވާ އެހެން މެމްބަރަކަށް ފުރުސަތު އެރުވުމުން ރާޝިދު ވަނީ އޭނާގެ ވާހަކަތައް "އަދި ނުނިމޭ" ކަމަށް ވިދާޅުވެ އަޑުގަދަ ކުރައްވާފަ އެވެ. އެކަމަކު ވާހަކަ ނިންމަވާލެއްވުމަށް ރާޝިދަށް ފުރުސަތު އަރުވާފައެއް ނުވެ އެވެ.