ads
ދިވެހި ހައްޖުވެރިން
މިއަހަރު ހައްޖަށް މީހުން ގެންދިޔުމަށް ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވާލައިފި
މި ހިނގާ 1444 ދިވެހި ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ޕްރޮޕޯޒަލް ހުށަހެޅޭނީ ދިވެހި ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާއި ބެހޭގޮތުން މިދިޔަ އަހަރު މޭ މަހުގެ 18 ވަނަ ދުވަހު ގެޒެޓްކުރި، ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާއި ބެހޭ އުސޫލުގައި ބުނެފައިވާ ޝަރުތު ހަމަވާ ކުންފުނިތަކަށް އެކަނި ކަމަށެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ޕްރޮޕޯޒަލް ފޮތާއި ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކަށް ދެވޭ މައުލޫމާތު ކަރުދާސް މިއަދުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި އަދި އެކަމާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ބީޑް ބައްދަލުވުމެއް މި ފެށޭ މާޗު މަހުގެ ދެ ވަނަ ދުވަހު އެ މިނިސްޓްރީގައި އޮންނާނެ ކަމަށެވެ.

ހައްޖަށް މީހުން ގެންދިޔުމަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯޒަލް ހުށަހަޅާ މީހުން ފީއެއްގެ ގޮތުގައި 10000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

އިތުރަށް އެ މިނިސްޓްރީން ބުނެފައިވަނީ ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާޗު މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކަމަށެވެ.

ޕްރޮޕޯޒަލް ތައް މާޗް 14 ވަނަ ދުވަހުގެ ހެންދުނު 10:00 ގައި ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި ބަލައިގަތުމަށް ނިންމާފައިވާއިރު މިފަހަރު ހައްޖަށް ގެންދަން ހުށަހަޅާ ޕްރޮޕޯޒަލް ހުށަހަޅަން ވާނީ ސިޓީ އުރައެއްގައި ރަނގަޅަށް ބަނދުކޮށް އެ އުރައިގެ ބޭރުގައި "1444 ވަނަ އަހަރު ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި" މިހެން ލިޔެފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ގެންނަ ޕްރޮޕޯޒަލްތައް ބަލައިނުގަންނާނެ ކަމަށެވެ. އަދި ބަލައި ގަނެވޭނީ ހަމައެކަނި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފީ ދައްކާފައިވާ ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް ކަމަށް ވެސް މިިނިސްޓްރީން ވަނީ އަންގާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް