
'ދައުލަތުގެ އިންޓަނަލް އޮޑިޓް ކޮންފަރެންސް' އާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ސްޓޭޓް އިންޓަނަލް އޮޑިޓް ކޮމިޓީގެ މެންބަރު އައިޝަތު އަބްދުﷲ ވިދާޅުވެފައިވަނީ މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ އިންޓަނަލް އޮޑިޓް ރޭވިފައިވާ ގޮތާއި އޮޑިޓާ ގުޅޭ ޓެކްނިކަލް ދާއިރާތަކާއި އިދާރާތައް ހިންގުމާ ގުޅުންހުރި ކަންތައްތަކާ ގުޅޭގޮތުން ކަމަށެވެ.
މި ކޮންފަރެންސްގައި ސަރުކާރުގެ އިދާރާތަކުން 300 މީހުންނާއި ލޯކަލް ކައުންސިލްތަކުން ބައިވެރިވާ ފަރާތްތަކުގެ އިތުރުން އޮންލައިންކޮށް 400 ފަރާތަކުން ބައިވެރިވާނެއެވެ. އެގޮތުން މިއީ މި ދާއިރާއިން ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް ކޮންފަރެންސްއަށް ވާނެ ކަމަށް އައިޝަތު އަބްދުﷲ ވިދާޅުވެއެވެ.
މި ކޮންފަރެންސްގެ ބޭނުމަކީ ދައުލަތުގެ ވުޒާރާތަކުގެ އޮޑިޓަރުންނާ އެކު އެއްތަނަކުން ބައްދަލުވެ، އޮޑިޓުގެ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތް ކުރުމެވެ.
'ދައުލަތުގެ އިންޓަނަލް އޮޑިޓް ކޮންފަރެންސް' ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ އޮޑިޓް ސެޕްޝަލިސްޓް މުހައްމަދު ޒައީމް ވިދާޅުވި ގޮތުގައި މި ކޮންފަރެންސް ނިމިގެންދާއިރު ދައުލަތުގެ އިންޓަނަލް އޮޑިޓް ނިޒާމު އެކުލަވާލާފައިވާ ގޮތް ބަޔާންކޮށް، އިދާރާތަކުގެ އޮޑިޓް ފަންކްޝަންތައް ހަރުދަނާވެގެންދާނެ ކަމުގައެވެ.
މި ފަދަ ކޮންފަރެންސްތަކަކީ އާންމުކޮށް ބޭރު ގައުމުތަކުގައި ކުރިއަށް ދާ ކޮންފަރެންސްތަކަށް ވުމުން މިފަދަ ކޮންފަރެންސެއް ރާއްޖޭގައި ބޭއްވުމަކީ ސަރުކާރުގެ ހުރިހާ އިދާރާތަކުން ބޭނުންވެފައިވާ ކަމެއް ކަމަށް މުހައްމަދު ޒައީމް ވިދާޅުވެފައިވެއެެވެ.
އިންޓަނަލް އޮޑިޓް ނިޒާމަކީ އޮފީސްތަކުގައި ހުންނަ ހިރާސްތައް ދެނެގަނެ އެ ކަންކަން ކުޑަކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރުމާއި ދައުލަތުގެ އޮފީސްތައް ހިންގަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުމަށް ކުރިއަށް ގެންދާ ނިޒާމެކެވެ.