
އިންޓަނަލް އޮޑިޓުގެ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ އާ ވާހަކަދައްކަވަމުން ޒައީމް ވިދާޅުވެފައިވަނީ އޮޑިޓުގެ މަސައްކަތްތައް ކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ވަސީލަތްތައް މަދުވުން ކަމަށެވެ. މައުލޫމާތު ހަރުދަނާ ގޮތެއްގައި ރައްކާކުރެވޭނެ ނިޒާމެއް ނެތުމަކީ ވެސް އޮތް ގޮންޖެހުމެއް ކަމަށާއި އެކަން ހައްލުކުރުމަށް ތައްޔާރުވެފައިވާކަމަށް ޒައީމް ވިދާޅުވިއެވެ.
ޒައީމް ވިދާޅުވި ގޮތުގައި އޮޑިޓުގެ މަސައްކަތްތަކަކީ ސިސްޓަމެއް މެދުވެރިކޮށް ބަލަހައްޓަން ޖެހޭ ކަމަކަށް ވުމާ އެކު ފިނޭންސްގެ ބަނޑޭރި ޕޯޓަލްގައި އޮޑިޓް މޮޑިއުލްއެއް ތައާރަފުކުރުމަށް ތައްޔާރުވެފައިވާ ކަމުގައެވެ. މި އޮޑިޓް މޮޑިއުލް މެދުވެރިކޮށް ދައުލަތުގެ އޮފީސްތަކުގެ އޮޑިޓުގެ މެންބަރުންގެ މައުލޫމާތު ބެލެހެއްޓުމާއި ކޮމިޓީތަކަށް އައްޔަންކުރެވޭ ފަރާތްތަކުގެ މައުލޫމާތު ބެލެހެއްޓުމާއި ދައުލަތުގެ އޮފީސްތަކުން އޮޑިޓުގެ ކަންކަންކުރާ ގޮތް ބަލާ މޮނީޓަ ކުރަމުންދާނެ ކަމަށް ޒައީމް ވިދާޅުވިއެވެ.
މި ޕޯޓަލް ރަސްމީކޮށް އިފްތިތާހުކުރުމަށް ހަމަޖެހިފައިވަނީ މިއަދު ފެށުމަށް ހަމަޖެހިފައިވާ 'ދައުލަތުގެ އިންޓަނަލް އޮޑިޓް ކޮންފަރެންސް' ގެ ތެރެއިންނެވެ.
ފިނޭންސް މިނިސްޓްރީން ދަނީ އެ މިނިސްޓްރީގެ މަސައްކަތްތައް ޑިޖިޓަލައިސްކޮށް އާންމުންނަށް ފަސޭހަކުރުމަށްޓަކައި ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން، އެ މިނިސްޓްރީގެ ހިދުމަތްތައް ޒަމާނީ ކުރުމަށް 'ބަނޑޭރި ޕޯޓަލް' ގެ ނަމުގައި ދަފްތަރެއް ތައާރަފުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ.
ޕޯޓަލްގެ ދަށުން ދައުލަތުން ފައިސާ ދޭން ޖެހޭ ފަރާތްތަކުގެ އެކައުންޓަށް ފައިސާ ޖަމާވުމުން އެސްއެމްއެސް އަދި އީމެއިލްގެ ޒަރިއްޔާއިން އަންގައިދޭ ހިދުމަތަކާއި ދައުލަތުން މުސާރަ ދޭން ޖެހޭ ހުރިހާ ފަރާތްތަކުގެ މައުލޫމާތު ހިމެނޭ އޮންލައިން ދަފްތަރަކާއި ދައުލަތުގެ ކުންފުނިތަކުގެ މައުލޫމާތު އެއްތަނަކުން ލިބޭނެ އެސްއޯއީ ގޭޓްވޭއެއް ވަނީ ތައާރަފްކޮށްފައެވެ.
މި ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން ވަނީ ދައުލަތުގެ މުއައްސަސާތަކުން އޮންލައިންކޮށް އެކި ކަންކަމުގައި ރިކުއެސްޓް ކުރެވޭ ދަފްތަރަކާއި ދައުލަތުގެ ބަޖެޓް އޮންލައިންކޮށް ބަލާލެވޭ ހިދުމަތެއްގެ އިތުރުން ދައުލަތުގެ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކުގެ މައުލޫމާތު އެއްތަނަކުން ލިބޭނެ ގޮތް ހަމަޖައްސާފައެވެ.