
މި ޕޯޓަލް ގާއިމުކުރިކަން ހާމަކޮށް އެމްއޭސީއެލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ޕޯޓަލް ރަސްމީކޮށް އިފްތިތާހު ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ ފަސްވަނަ ދުވަހު ކަމަށެވެ.
އެމްއޭސީއެލުން ބީލަމުގެ މަރުހަލާ އޮންލައިން ކުރުމާ އެކު އެ ކުންފުނިން ހުޅުވާލާ ބީލަންތައް އޮންލައިންކޮށް ހުށަހަޅައި، ބީލަމާ ގުޅޭ މައުލޫމާތު ސާފުކުރުމާ އެކު ކޯޓޭޝަން ހޯދުމަށް އެދެވޭނެއެވެ.
މި ޕޯޓަލްގެ ސަބަބުން އެމްއޭސީއެލްގެ ބީލަމުގެ ހުރިހާ މަރުހަލާއެއްގައި ހުށަހަޅާ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރެވޭނެ ކަމަށާއި ބީލަން ހުށަހަޅާ ފަރާތްތައް އެއް ތަނަކަށް ގެނެވޭ ކަމަށް އެމްއޭސީއެލުން ބުނެއެވެ. އެ ކުންފުނިން ބުނީ އެކަމުގެ ސަބަބުން މުޅި މަރުހަލާގެ ހާމަކަން ބޮޑުވެ، އިތުބާރު ހިފެހެއްޓޭނެ ކަމަށެވެ. އަދި ކަރުދާހުން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް މަދު ކުރެވި، އަވަސް ޕްރޮކިއުމެންޓް ނިޒާމެއް ގާއިމުކުރެވޭނެ ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.
އެމްއޭސީއެލް ވެބްސައިޓު މެދުވެރިކޮށް މި ޕޯޓަލްގައި ވެންޑައެއްގެ ގޮތުގައި ރަޖިސްޓަވެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެމްއޭސީއެލުން ބުނި ގޮތުގައި މިއީ އެ ކުންފުނީގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައެވެ.
މި ޕޯޓަލް ތައާރަފުކުރެވުމަކީ ކުންފުނި ހިންގުމުގައި ހާމަކަމާއި އެފިޝިއެންސީ ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ ބައެއް ކަމަށާއި ޕޯޓަލްގެ ސަބަބުން ވިޔަފާރިތަކަށް މިހާރަށްވުރެ ފަސޭހަވެ، މުޅި ޕްރޮކިއުމަންޓް މަރުހަލާ އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ.