މި އެއްބަސްވުމުގައި ސޮއިކުރުމަށް ސްޓެލްކޯގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ހާޝިމެވެ.
އެއްބަސްވުމުގެ ދަށުން ސްޓެލްކޯގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީ ސެޓިފައިޑް ބަޔަކަށް ހެދުމަށް ތަމްރީނު ދިނުމާ އެކު، ޕޮލިޓެކްނިކުން ކޯސްތައް ފުރިހަމަ ކުރާ ދަރިވަރުންނަށް ކުރިއަށް ދާން ބޭނުންވާ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ސްޓެލްކޯއިން ހޯދައިދޭނެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ އެ ކުންފުނީގެ އެންމެ މުހިންމު އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އެ ކުންފުނީގެ ކޮންމެ މުވައްޒަފަކީ ސެޓްފިކެޓެއް ލިބިފައިވާ މީހަކަށް ހެދުން ކަމަށެވެ.
ސްޓެލްކޯގެ ހިދުމަތްތައް ދޭ ރަށްރަށުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީ ސެޓިފައިޑް ޓްރެއިންޑް ބަޔަކަށް ހެދުމުގެ ޕްލޭނެއް ރާވާފައިވާ ކަމަށާއި އެ ޕްލޭނުގެ ދަށުން ކޮންމެ ސްޓޭޝަނެއްގައި ހުންނަ ޓެކްނިކަލް ހެޑުންނަކީ ސެޓިފައިޑް ބަޔަކަށް ހަދަން މަސައްކަތް ކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯ މުހައްމަދު ހާޝިމް ވިދާޅުވީ، އިދާރާތަކުން ވަޒީފާ ދިނުމުގައި ލިބިފައިވާ ސަނަދަށް ބަލާ ކަމަށެވެ. ޕޮލިޓެކްނިކަކީ ވިޔަފާރި އުސޫލުން ހިންގާ ތަނަކަށް ނުވާތީ އެ ތަނުން ތަމްރީނު ހޯދާ ދަރިވަރުންނާ މެދު ކުންފުނިތަކުގެ އިތުބާރު އޮންނަ ކަމަށް ހާޝިމް ވިދާޅުވިއެވެ.
ހާޝިމް ވިދާޅުވެފައިވަނީ ސްޓެލްކޯ އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ގިނަ ބަޔަކު ތަމްރީނު ކުރެވި، ސަރުކާރު ގަބޫލުކުރާ ފެންވަރުގެ ސަނަދެއް ލިބޭނެ ކަމަށެވެ. އެގޮތުން ކޮލިފިކޭޝަނެއް ނެތި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް އެ މަރުކަޒުން ތަމްރީނު ހިންގާ ކޮންމެ ދާއިރާއަކުން ވެސް ތަމްރީނު ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ހާޝިމް ވިދާޅުވިއެވެ.