ސާފުކޮށް ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ ރައީސް މިހެން ވިދާޅުވީ ތ ހިރިލަންދޫގައި ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. އެހެން ކަމުން ބެލެވެނީ ރައީސް ރައްދުދެއްވީ ރައީސް މުހައްމަދު ނަޝީދަށް ކަމަށެވެ.
ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިންގައި، ރައީސް ސޯލިހު އެންމެ ބޮޑަށް ވިއްކެވީ ކޯލިޝަނެއް ހެދޭނީ އެބޭފުޅާއަށް ކަމުގެ ފިކުރެވެ. އަދި ކޯލިޝަނަކާއި ނުލައި އެމްޑީޕީއަށް ވެރިކަން ނުހޯދޭނެކަމުގެ ފިކުރެވެ.
ނަމަވެސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދެވީ ކޯލިޝަން ސަރުކާރުތަކުގެ ސަބަބުން އެމްޑީޕީއަށް ވެރިކަން ރަނގަޅަށް ނުކުރެވޭ ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދުގެ ކެމްޕެއިން ވާހަކަފުޅުތައް ބޮޑަށް ހުރީ ކޯލިޝަން ނުހެދުމާއި ގުޅޭގޮތުންނެވެ.
ރޭ ހިރިލަންދޫގައި ދެއްކެވި ވާހަކަ ފުޅުގައިވެސް، ރައީސް ސޯލިހްވަނީ ވެރިކަން ހޯދުމަށް ކޯލިޝަންގެ މުހިއްމުކަމުގެ ވާހަކަފުޅުތައް ދައްކަވާފައެވެ. ރައީސް ވިދާޅުވީ އާގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި މިހާތަނަށް ބޭއްވި ރިޔާސީ އިންތިހާބުތައް ކާމިޔާބުކޮށްފައިވަނީ ކޯލިޝަންތަކުން ކަމަށެވެ.
އެހެންކަމުން ވެރިކަން ހޯދުމަށް އޮތް ހަމައެކަނި ފޯމިއުލާއަކީ ކޯލިޝަނަކާއިއެކު އިންތިހާބަށް ނިކުތުންކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް މީގެކުރިން ކޯލިޝަނާއި ދެކޮޅަށް ވަކާލާތު ކުރެއްވި ބައެއް ބޭފުޅުން މިހާރު ކޯލިޝަން ހެދުމަށް މަސައްކަތް ކުރަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއިރު، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއް ނެރެ އެޕާޓީއާއިއެކު ރިޔާސީ އިންތިހާބުގައި ކުރިއަށް ވަޑައިގެންނެވުމަށް ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
އެމްޑީޕީ ފަހަތަށް އަރާ ކޯލިޝަނާއިއެކު ކުރިއަށް ދިއުމަށް މިހާރުގެ ކޯލިޝަން ހަތަރު ޕާޓީއަށް ރައީސް ސޯލިހްވަނީ ދައުވަތު ދެއްވާފައެވެ. އޭގެތެރެއިން އަދާލަތު ޕާޓީން ކޯލިޝަނަށް އެއްބަސްވެފައިވާއިރު ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމުން އަދި ގޮތެއް ނުނިންމަވައެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްއާއި ރައީސް ސޯލިހްވަނީ މިދިޔަ ބުދަ ދުވަހު ރައީސް އޮފީހުގައި ބައްދަލު ކުރައްވާފައެވެ.
ރޭގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކޯލިޝަން މަޝްވަރާތައް ކާމިޔާބު ކަމަށާއި މަޝްވަރާތައް ކުރިއަށްދަނީ ރަނގަޅަށް ކަމަށެވެ. އަދި އޭގެ ނަތީޖާ ފެންނާނެކަމަށް ރައީސް ވިދާޅުވިއެވެ.