
ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް) ތައުލީމާއި ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި އުރީދޫން އިސްނަގައިގެން އެޑިއުކޭޝަން މިނިސްޓްރީ އާއި ވިމެން އިން ޓެކް މޯލްޑިވްސް އާއެކު ކުރިއަށް ގެންދާ އުރީދޫ ސްޓެމް ފެއާ ބާއްވަނީ އިއްޒުއްދީން ސްކޫލް ހޯލުގައެވެ.
އުރީދޫން ބުނީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެއާގައި މުޅި އެކު ހަތް ސްކޫލަކުން ނޮވިސް، ޖޫނިއަ އަދި ސީނިއަ ކެޓަގަރީގައި ބައިވެރިވެފައިވާ ކަމަށެވެ. މި ފެއާގައި ބައިވެރިވާ ސްކޫލުތަކުގެ ތެރޭގައި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ، އިސްކަންދަރު ސްކޫލް، ބްރައިޓްވޭ އިންޓަނޭޝަނަލް، މަޖީދިއްޔާ ސްކޫލުގެ އިތުރުން ކަލާފާނު ސްކޫލް ހިމެނޭ ކަމަށް އުރީދޫން ބުނެއެވެ.
މި ފެއާގެ ފުރަތަމަ ދުވަސް ހާއްސަކޮށްފައި ވަނީ ފެއާގައި ބައިވެރިވި ސްކޫލް ކުދިން ދައްކާލާފައިވާ ޕްރޮޖެކްޓުތަކަށް ފަނޑިޔާރުން ބަލާ މާކްސް ދިނުމަށް ކަމަށާއި އެ މަސައްކަތް މިއަދު މެންދުރުފަހު 2:30 އިން ރޭގަނޑު 10:00 އަށް ކުރިއަށް ދާނެ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނި ގޮތުގައި މި ފެއާ އާންމުންނަށް ބަލާލުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ކަމުގައެވެ.
އުރީދޫ މޯލްޑިވްސްއިން އިންތިޒާމްކުރާ އުރީދޫ ސްޓެމް ފެއާ ކުރިއަށް ދަނީ - ފޮޓޯ:އުރީދޫ
"ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތްތަކާ އެކު ހުރިހާ ސިނާއަތްތަކެއްގެ މަސައްކަތުގެ ވައްޓަފާޅިއަށް ވެސް ދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުން. އަދި ކުރިއަށް އޮތް ތަނުގައި ޓެކްނޮލޮޖީ ކުރިއަރަމުން މިދާ ބާރު ސްޕީޑާ އެކު މި ބަދަލުތައް އިތުރުވެގެންދާނެ. އެހެންކަމުން ދުނިޔޭގެ މި ބަދަލުވަމުންދާ މާހައުލަށް އަންނަން އޮތް ޖީލުން ސްޓެމް ދާއިރާތަކުގައި ހަރަކާތްތެރިވާނެ ތަޖުރިބާކާރުން ބިނާކުރުމަކީ، ރާއްޖޭގައި އީޖާދީ ހައްލުތައް ފޯރުކޮށްދީ، ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތްތައް ކުރިއެރުވުމަށް ވަރަށް މުހިންމު ކަމެއް. އުރީދޫ ސްޓެމް ފެއާގެ މަގުސަދަކީ ހަލުވިކަމާ އެކު ބަދަލުވަމުން އަންނަ ދުނިޔޭގައި ކާމިޔާބީ ހޯދުމަށްޓަކައި ޒުވާން ސިކުނޑިތަކަށް ލިބިފައިވާ އިލްމާއި ހުނަރުން ބާރުވެރިކުރުން،" - އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް
އުރީދޫ ސްޓެމް ފެއާގެ މަގުސަދަކީ ސްޓެމް ދާއިރާއިން ދަރިވަރުން ހޭލުންތެރިކުރުވުމާއި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް ބޭނުންކޮށްގެން ހަގީގީ ދުނިޔޭގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބާރުއެޅުމާއި ސްޓެމް މާއްދާތައް ތަޖުރިބާކުރުމަށް ދަރިވަރުންނަށް ތައުލީމީ ތަޖުރިބާއެއް ހޯދައިދިނުން ކަމަށް އުރީދޫން ބުނެފައިވެއެވެ.
އުރީދޫ މޯލްޑިވްސްއިން އިންތިޒާމްކުރާ އުރީދޫ ސްޓެމް ފެއާ ކުރިއަށް ދަނީ - ފޮޓޯ:އުރީދޫ
އުރީދޫ މޯލްޑިވްސްއިން ވަނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 4:00 އަށް މި ފެއާއަށް ޒިޔާރަތްކޮށް، ބައިވެރިވާ ދަރިވަރުންގެ ޕްރޮޖެކްޓުތަކާއި ހުނަރު ބަލާލުމަށް އާންމުންނަށް ދައުވަތު ދީފައެވެ. އުރީދޫން ބުނީ ފެއާގައި ދަރިވަރުން ހުށަހެޅި ޕްރޮޖެކްޓުތަކުގެ ނަތީޖާ އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 އިން 6:00 އަށް ބާއްވާ އެވޯޑް ހަފްލާގައި ކަމަށެވެ.