ads
ކުޑަގިރީގެ މޫދަށް އެރޭ ސްލައިޑެއް ދަށުގައި މީހަކު ހިޔާ ހޯދުމަށް އިށީދެލައިގެން
ކުޑަގިރި: ހޫނު ނަމަވެސް ހިތްގައިމު އުންމީދީ ރަށެއް
މާލޭގައި އުޅޭތާ 50 އަހަރުވެއްޖެއެވެ. ގޮނޑުދޮށްތަކުގެ އަރާމު ސާފު ވަޔާއި، ދޮނެވެލި ތުނޑިތަކާއި، ފައިދޮށަށް ބީއްސާލާ ފިނި ފިނި ރާޅުތަކުގެ ހަނދާންތަކަކީ ކުޑައިރުގެ ހަނދާތަކެވެ. މިފަދަ އުފާވެރިކަމެއް ހޯއްދަވަން ޖެހިވަޑައިގެންފިނަމަ ހުދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހުވެސް ޖެހިވަޑައިގަންނަވަނީ ފުރަމާލެއިން ބޭރަށް ރާއްޖޭގެ ކޮންމެވެސް ރަށަކަށް ވަޑައިގަންނަވާށެވެ.
Advertisement

މާލޭގައި އުޅުއްވާތާ ބައިގަރުނު ވަރުވެފައިވާ ، ރައީސް ސޯލިހް ވެސް "ހިތްޕުޅު ހަމަޖައްސާލެއްވުމަށް" ކުރިން ކުޑަބަނޑޮހަށް ވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ. މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ތަރައްގީކުރި ކުޑަގިރި ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ ކުޑަގިރީގެ ބޭނުމަކީ ކުޑަބަނޑޮހުން ދިވެހިންނަށް ގެއްލުނު ހިތްހަމަޖެހުން އަނބުރާ ހޯދައިދެއްވުމެވެ. 

ރައީސް ވިދާޅުވާގޮތުން "ދަންވަރު ހޭލައި ތިބެގެން އަވަށްޓެރިން" ތައްޔާރުވެގެން ދާދަތުރު ވަރުބަލިކަމުން ކުޑަބަނޑުހައި ތިބޭ ގިނަ މީހުން ތިބެނީ މެންދުރުވާއިރަށް "ކޮންމެވެސް މަގޫގަހަކަށް ބޯލައިގެން ނިދާފަ" އެވެ.

ކުޑަގިރި ތަރައްގީ ކުރުމުގެ މަޝްރޫއަކީ ރައީސް ސޯލިހުގެ ވައުދުތަކުގެ ތެރެއިން ދުޅަހެޔޮ، ހިތްފަސޭހަ އަދި އިޖުތިމާއީ ގުޅުމާއި ހަމަޖެހުން ދެމެހެއްޓުމާއި ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް ވީ ވައުދު ފުއްދުމަށް މާލެ ސަރަހައްދުން ދަތުރު ދާނެ ރަށެއް ކަނޑައެޅުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ފެށުނު މަޝްރޫއެކެވެ.

your imageމިދިޔަ ހޮނިހިރު ދުވަހު ހުޅުވި ކުޑަގިރިއަށް ދަތުރު ދިއުމަށް ބޭނުންވާ ފަރާތްތަކަށް ބުކިން ހެދުމުގެ ފުރުސަތު އަލުން ވަނީ ހުޅުވާލާފައި - ފޮޓޯ:ކުޑަގިރި

މާލެ އާއި 10.8 ކިލޯމީޓަރު ދުރުގައި އޮތް ކުޑަގިރި ފަޅުން އަށް ހެކްޓަރު ބިން ހިއްކައިގެން ތަރައްގީ ކުރެވުނު މި ރަށަށް ދަތުރުދާ ފަރާތްތަކަށް ބޭނުންވާނެ ގިނަ ވަސީލަތްތަކާއި ހިދުމަތްތައް ލިބޭނޭހެން ރަށް ވަނީ ތައްޔާރުކޮށްފައެވެ. އާންމުންނަށް ބޭނުންވާނެ އަސާސީ ކަންކަމުން ފެށިގެން އިތުރު އެހެން ވަސީލަތްތަކާއި އެކު، ކުޑަގިރި ވާނީ މީގެ ކުރިން ދަތުރު ދިޔަ ރަށްތަކާ ތަފާތު ރަށަކަށްކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް ސުވާލަކީ ސަރުކާރުން ބުނެފައިވާ ކަންކަން ފުދުނީ ކިހާވަރަކަށްތޯ؟ އެވެ. 

މި ސުވާލަށް ޖަވާބުހޯދުމަށް ސީއެންއެމްގެ ފަރާތުން ވަނީ ކުޑަގިރިއަށް ދަތުރުކޮށް އެރަށް ތަޖުރިބާކޮށްފައެވެ. މިހާ ހިސާބުން މި ތަޖުރިބާ ހިއްސާކޮށްލާނަމަވެ. 

ދަތުރު ފަތުރު:

މާލެއިން ކުޑަގިރިއަށް ދަތުރުކުރުމަކީ އުނދަގޫކަމެއް ނޫނެވެ. ހުޅުމާލޭ ފެރީ ޓާމިނަލުން ހެނދުނު ހެނދުނު 6:30 އިން ފެށިގެން ފެރީތައް އެރަރަށް ދެއެވެ. މިގޮތުން  އެމްޓީސީސީގެ ދޯނި ފެރީގައި މާލެއިން ކުޑަގިރިއަށް ދިއުމަށް މޫސުން ރަނގަޅު ދުވަހެއްގައި ނަގަނީ ބަރާބަރު 30 މިނެޓެވެ. ކުޑަގިރިން މާލެ އަންނަން ފުރަތަމަ ފެރީ ފުރަނީ 14:30 ގައެވެ. ކުޑަގިރިން މާލެ އަންނަންވެސް މޫސުން ރަނގަޅު ނަމަ ނަގަނީ 30 މިނެޓެވެ. 

your imageކުޑަގިރިއަށް ހުކުރު ދުވަހު ފުރަން ގޮސް ތިބި ބައެއް މީހުން 

ފެރީތަކުގެ ފެންވަރު ވެސް ރަނގަޅެވެ. ސީޓުތައް ވެސް އަރާމެވެ. ކުޑަގިރިން އަންނަ ފެރީތައް ފުރަތަމަ ޖައްސަނީ މާލެއަށެވެ. ދެން ހުޅުމާލެއަށެވެ. ފެރީތަކުގައި ލައިފްޖެކެޓުތައް ވެސް ފެންނަ ހިސާބުގައި ހުންނައިރު، ފާހާވެސް ހުރެއެވެ. 

ކުޑަގިރީގެ ހިދުމަތްތައް:

ކުޑަގިރިއަކީ ގިނަ ހިދުމަތްތަކަކާއެކު ތަރައްގީކޮށްފައިވާރަށެކެވެ. ކުޑަގިރީގައި އުމުރުން ދުވަސްވީމީހުންނާއި ހާއްސައެހީއަށް ބޭނުންވާ މީހުންނަށްވެސް ހިދުމަތްތައް ބޭނުންކުރެވޭނެގޮތް ވަނީ ހަދާފައެވެ. އެގޮތުން ރަށުގެ ގިނަ އިމާރާތްތައް ހުރީ ފުރޮޅުލީ ގޮނޑިވެސް ވެއްދޭގޮތަށެވެ. އަދި އަންހެނުންނާއި ފިރިހެނުންނަށް ހާއްސަކޮށް ފާހާނަ ހުންނައިރު، ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ވެސް ހާއްސަ ފާހާނަތަކެއް ހުރެއެވެ. 

your imageކުޑަގިރި ކުޑަކުދިންގެ ޕާކު

ހިދުމަތްތަކުގެ ތެރޭގައި ފިހާރަ، ރެސްޓޯރަންޓު ފަދަ ތަންތަންވެސް ހުރެއެވެ. އެގޮތުން ރިއޯ އިން ރެސްޓޯރަންޓެއް ކުޑަގިރީގައި ހިންގާއިރު، ސައުތު ކޭޓަރިންގެ ފަރާތުންވެސް ބުފޭ ފަދަ ކެއުންތައް ބާއްވައެވެ. ބުފޭއެއްގެ އަގަކީ މީހަކަށް 100 ރުފިޔާއެވެ.

ކުޑަގިރީގެ ކޮޓަރިތަކާއި އަށިތަކުގެ ޑިމާންޑު ވެސް ވަރަށް ބޮޑެވެ. މިގޮތުން މިދިޔަ ހުކުރު ދުވަހުވެސް އެރަށް ގިނައަދަދެއްގެ ބަޔަކު ދިޔައިރު ކޮޓަރިތަކާއި، އަށިތައް ވަނީ ފުރިފައެވެ. ނަމަވެސް ކޮޓަރިއާއި އަށިތައް ނުލިބުނު މީހުންނަށްވެސް ހުރީ ސަންނެޓް ދަމައިގެން ހިޔާވާނެތަންތަންކޮޅު ހަދާފައެވެ. ނަމަވެސް ހޫނު ގަދަކަމުން ރޫމާއި އަށިތައް ނުލިބު މީހުންނަށް ދަތިތަކާ ކުމަތިވިއެވެ. 

ކުޑަގިރީގެ ބައެއް މައްސަލަތައް: 

ކުޑަގިރިއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑުއެއް މައްސަލައަކީ ހޫނުގަދަކަމުގެ މައްސަަލައެވެ. ސަބަބަކީ އެރަށަކީ އެއްކޮށް ހިއްކާފައިވާރަށަކަށްވާއިރު، އެރަށް މީގެ 21 ދުވަސް ކުރިން ހުޅުވާލިއިރުވެސް އެކަށީގެންވާ މިންވަރަށް ގަސް އިންދާފައި ނެތުމުން، ނުވަތަ އިންދާފައިވާ ގަސްތައް ރަނަގަޅަށް ހެދިފައި ނުވާ މައްސަލައެވެ. އަދި އެރަށުގެ ކޮޓަރިއާއި އަށިތަކުގެ ކެޕޭސިޓީއަށްވުރެ އިތުރަށް މީހުންނަށް އެރުމަށް ހުއްދަ ދީފައި އޮތުމުން ގިނަބަޔަކަށް ވަރަށް ހޫނުގައި ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހުނެވެ. ބައެއް މީހުން ހިޔާ ހޯދުމަށް ފާހަނަތަކާއި، ޕާކުތަކުގައި ހަދާފައި ހުރި ބައެއް ތަންތަނުގެ ދަށަށް ވެސް ވަދެތިއްބެވެ. 

your imageކުޑަގިރީގައި އިންދާފައި ހުރި ރުކެއް

"ކުޑަކުދިން ގޮވައިގެން އަންނައިރު ރޫމް ނުލިބޭތީ ވަރަށް ސަކަރާތް. ކިހިނެތް މިހާ ހޫނުގަ އުޅޭނީ ގިނައިރު؟" ހޫނުކަމުން ހިޔާ ހޯދުމަށް ފާހާނައެއްގެ އަސްކަނިދަށް ވަދެއިން މީހަކު ހުކުރު ދުވަހު ބުންޏެވެ.

މުވައްޒަފުންގެ ފަރާތުން ހިތްހެޔޮކަމާއި އެހީތެރިކަން ވަރަށް ބޮޑަށް ލިބެއެވެ. އަދި އައްޓާއި ކޮޓަރި ނުލިބުނު މީހުންނަށް މުވައްޒަފުން ވަނީ ކުދި ޓެންޓުތަކެއް ވެސް ޖަހާދެއެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، ކުޑަކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާ، މީހުނަގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް މުވައްޒަފުންދެއެވެ.

މުވައްޒަފުންނާ ހިދުމަތްތައް ވަރަށް ފުރިހަމަ: 

ކުޑަގިރިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ސިއްހީ މަރުކަޒުގެ ހިދުމަތާއި، ފިހާރަ، ރެސްޓޯރަންޓުގެ ހިދުމަތް ވަރަށް ރަނގަޅެވެ. މިގޮތުން ފިހާރަތަކުން ބާބަކިއު ހަދަން ބޭނުންވާ ސާމާނާއި، ތަފާތު ލުއިކާނާތަކާއި، މޫދަށް އެރެން ބޭނުންކުރާ ސީބެޑް ފަދަތަކެތި ހުއްޓެވެ. ކެފޭތަކުގައި ކާތަކެތީގެ ކޮލެޓީވެސް ރަނގަޅެވެ. 

ހުރިހާ ވަގުތެއްގައިވެސް ނަމާދަށް އެރޭ ގޮތަށް ކުޑަގިރީގައި މިސްކިތްވެސް ހުންނައިރު މިސްކިތުގައި ހުކުރު ވެސް ކުރެއެވެ. 

your imageމުވައްޒަފުން ޓެންޓް އެއް ޖަހަނީ

ރަށުގެ އެކި ހިސާބުތަކުގައި ފިލްޓަރު ހަރުކޮށް އައިފެން ލިބޭގޮތް ހަދާފައި ހުރިއިރު ކުޑަކުދިންގެ ޕާކްވެސް ތަރައްގީކޮށްފައިވަނީ ގިނަ ކުޅިވަރުތަކެއް ކުޅެވޭގޮތަށެވެ.  

ވޯޓާ ސްޕޯޓްސް ކުޅިވަރަތައް ވެސް އެރަށުގައި ކުޅޭވޭއިރު، އެ ކުޅިވަރުތަކުގެ އަގުވެސް ހުރީ އަތްފޯރާ ފަށުގައިކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ބަނާނާ ރައިޑާއި، ޖެޑްސްކީ ފަދަ ކުޅިވަރުތައް އުޅެނީ ގަޑީރަކަށް 500 ރުފިޔާއާއި 1000 ރުފިޔާއާއި ދެމެދުގައެވެ.  

ހުލާސާ: 

ކުޑަގިރިއަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވަރަށްވެސް އުންމީދީ ރަށެކެވެ. މި ރަށުގައި ގިނަ ހިދުމަތްތަކެއް ލިބެން ހުރިއިރު، ގުދުރަތީގޮތުން ވެސް އެރަށް ވަރަށް ރީއްޗެވެ.  އެ ރަށުގައި ގަސްބޯވެ، ފިނިވުމުން އެއީ ކުޑަބަނޑޮހަށްވުރެ ފުރިހަމަ ޕިކްނިކް އައިލެންޑަކަށް ވާނެއެވެ. 

85%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް