ads
ހޮނޑާފުށި ރިސޯޓުގައި ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާ އަދާކުރި އަހުމަދު ޝިމްހާޒް---ފޮޓޯ: ސޯޝަލް މީޑިއާ
ރިސޯޓުން ކަނޑާލި މުވައްޒަފުގެ ދިފާއުގައި ގިނަ ބަޔަކު ތެދުވެއްޖެ
ސަރވިސް ޗާރޖަށް ދެނީ އެންމެ 11 ޑޮލަރު ކަމަށް ބުނުމުން ހޮނޑާފުށި އައިލެންޑް ރިސޯޓްގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން އެ މުވައްޒަފުގެ ދިފާއުގައި ގިނަ ފަރާތްތަކަކުން އަޑު އުފުލަން ފަށައިފި އެވެ.
Advertisement
ސާވިސް ޗާޖަށް ދެނީ އެންމެ 11 ޑޮލަރު ކަމަށް ބުނި ކަމަށް ތުހުމަތުކޮށް ހޮނޑާފުށި އައިލެންޑް ރިސޯޓްގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެ މުވައްޒަފުގެ ދިފާއުގައި ގިނަ ފަރާތްތަކަކުން އަޑު އުފުލަން ފަށައިފި އެވެ.

ސާވިސް ޗާޖުގެ މައްސަލައިގައި ވަޒީފާއިން ވަކިކޮށްފއިވަނީ ތ. ގުރައިދޫއަށް ނިސްބަތްވާ އަހްމަދު ޝިމްހާޒު އެވެ. އޭނާ ވަޒީފާއިން ވަކިކުރީ ފޭސްބުކް ޕޭޖެއް ކަމަށް ވާ ރިސޯޓް ބޯއީޒް މޯލްޑިވްސް ހިންގާ ކަމުގެ ތުހުމަތުވެސް ކޮށްފަ އެވެ.

ޝިމްހާޒްގެ ދިފާއުގައި ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ހިމެނެ އެވެ. މީގެއިތުރުން އާންމުންގެ އެތައް ބަޔަކު ވެސް ގެންދަނީ ޝިމްހާޒްގެ ދިފާއުގައި ސޯޝަލް މީޑިއާގައި ވާހަކަދައްކަވަމުންނެވެ.

ޝިމްހާޒްގެ ދިފާއުގައި ޑރ. ޝަހީމް ވިދާޅުވީ އެމްޑީޕީގެ އެޖެންޑާ 19އަށް ވޯޓު ދިނުމުން، އަނބިދަރިން ގާތުގައި ނިދަން މުވައްޒަފުންނަށް ދެވޭނެ ކަމުގައި ބުނި އަޑު އެއްސެވި ކަމަށެވެ. އަދި އަނބިދަރިން ގާތަށް ދެވޭ ގޮތަކީ ވަޒީފާއިން ވަކިކުރީމައި އަނބިދަރިން ގާތަށް ދިއުންތޯވެސް ޝަހީމު ވަނީ ސުވާލުކުރައްވާފަ އެވެ. އަދި މި މައްސަލާގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދު ފިޔަވަޅު އަޅުއްވަންޖެހޭނެ ކަމުގައިވެސް ޑރ. ޝަހީމް ވަނީ ވިދާޅުވެފަ އެވެ.


ގާނޫނޫގައި ބަޔާންކޮށްފައިވާ ގޮތަށް ސާވިސް ޗާޖު ނުދޭ ފަރާތްތަކަަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖްވެސް ވަނީ ވިދާޅުވެފަ އެވެ. ސިރާޖު ވިދާޅުވީ މުވައްޒަފުން ވަޒީފާއިން ވަކިކުރާ މައްސަލަ ބަލައިނުގަނެވޭނޭ ކަމަށާއި މުވައްޒަފުންގެ ހައްގުތައް ރައްކާތެރި ކުރަންޖެހޭ ކަމަށެވެ. އަދި ސާވިސް ޗާޖަކީ މުވައްޒަފުންގެ ހައްގެއް ކަމަށާއި ހަމައަށް ސާވިސް ޗާޖު ނުދޭ ނަމަ އެ ވާހަކަތައް ދައްކާނެ ކަމަށްވެސް ވިދާޅުވި އެެވެ.

މި މައްސަލާގައި ކުރީގެ މަޖިލިސް މެމްބަރު އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އައްޑޫގެ މޭޔަރު ކަމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ އަލީ ނިޒާރު ވިދާޅުވީ އާއިލާއާއި ދުރުގައި މަސައްކަތްކުރަން ޖެހިފައިވާ ރިސޯޓު މުވައްޒަފުންގެ އުދާސްތައް ކަނުލައި އަޑުއަހަން ޖެހޭ ކަމަށާއި އެކަމަށް ހައްލުވެސް ހޯދައިދޭން ޖެހޭ ކަމަށެވެ. އަދި މަލްޓި މިލިއަން ޑޮލަރުގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި މުސާރައާއި އިނާޔަތްތައް ބޮޑު ވާންޖެހޭނެ ކަމަށްވެސް އަލީ ނިޒާރު ވިދާޅުވި އެވެ.


ހޮނޑާފުށި ރިސޯޓުގައި ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާ އަދާކުރާ އަހުމަދު ޝިމްހާޒްގެ ވާހަކަ މީޑިއާތަކަށް ތިލަވެގެން ދިޔައީ ހޮނޑާފުށީ ރިސޯޓުން ނުހައްގުން ވަޒީފާއިން ވަކިކުރިކަމަށް ބުނެ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ މެމްބަރުންނަށް ޝިމްހާޒު ފޮނުވި މެސެޖެއް މީސްމީޑިއާގައި ދައުރުވި ހިސާބުންނެވެ.


ސާވިސް ޗާޖާއި ގުޅޭގޮތުން މިނިސްޓަރު އަލީ ވަހީދު ވާހަކަ ދެއްކެވުމާ ގުޅިގެން މިނިސްޓަރަށްވެސް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އަލީ ވަހީދު ދެއްކެވި ވާހަކަތައް މިނިސްޓްރީން އިތުރަށް ސާފުކޮށްދީފައިވާއިރު ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ބައެއްފަހަރު "މެއިން ސްޓްރީމް" ވެގެން އަންނަނީ ރިސޯޓުން ކަނޑާލާ މީހާ ދައްކާ ވާހަކަ އެކަނި ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ރިސޯޓުތަކުގައި ހުރި ޝަކުވާތައް ވެސް ގިނަފަހަރު ޓްވީޓު ކޮށްފައި ހުންނަނީ ވެސް ވަގު އެކައުންޓުތަކުން ކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ.

ގިނަ ފާޑުކިޔުންތަކެއް އަލީ ވަހީދަށް އަމާޒުވެފައިވާއިރު އޭނާގެ ދިފާއުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޓްވީޓު ކުރައްވާފަ އެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ މިނިމަމް ވޭޖާއި ސާވިސް ޗާޖު މައްސަލަ އަލީ ވަހީދަށް ހައްލު ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން މުސާރައާއި ސާވިސް ޗާޖު ކަނޑައަޅާނީ މިނިސްޓަރު ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްވެސް ވަނީ ވިދާޅުވެފަ އެވެ.

ހޮނޑާފުށި ރިސޯޓަކީ ތްރީއޭ ކުންފުނިން ރާއްޖޭގައި ހުޅުވި ފަސްވަނަ ރިސޯޓެވެ. ތްރީ އޭ ކުންފުންޏަކީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަހްމަދު ހަމްޒާގެ އާއިލީ ކުންފުންޏެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް