މިދިޔަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު ތުރުކީއާއި ސީރިއާ ބޯޑަރު ސަރަހައްދަށް އައި ބިންހެލުމުގައި ދެގައުމަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު ބައި ލައްކައަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
އަދި އެތައް ބައެއްގެ ގެދޮރުގެއްލި ހާލުގައި ޖެހިފައިވާއިރު، އޭގެ ފަހުންވެސް އެތައް ބިންހެލުމެއް ވަނީ ތުރުކީއަށް ކުރިމަތިވެފައެވެ.
މި ހިތާމަވެރި ހާދިސާއާއި ގުޅިގެން އެހީވުމަށް ރާއްޖެއިން އެއް މިލިއަން މަސްދަޅު ހަދިޔާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްވަނީ ނިންމަވާފައެވެ. ފޮރިން މިނިސްޓްރީން ބުނީ އިއްޔެ އެގައުމަށް ފޮނުވި ބައި މިލިއަން މަސްދަޅަކީ ރާއްޖެއިން ވުމަށް ނިންމި އެހީގެ ބައެއް ކަމަށެވެ.
މަސްދަޅުތައް ހަވާލުކޮށް ދެއްވީ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ އަހުމަދު ލަތީފެވެ. ތުރުކީ ސަރުކާރުގެ ފަރާތުން އެތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ކޮންސިއުލޭޓްގެ ބޭފުޅުންނެވެ.