މި މައްސަލައިގައި މާކެޓް ރެގިއުލޭޓަރު، ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ބޯޑް އޮފް އިންޑިއާ އިން ބުނީ ވަކި ހިއްސާތަކެއްގެ އަގު މަސްނުއީކޮށް ބޮޑުކުރުމަށް ޔޫޓިއުބްގެ ހަތަރު ޗެނަލެއް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އަރުޝަދާއި އޭނާގެ އަންހެނުން ނަށްވަނީ އިންޑިއާގެ ހިއްސާގެ ބާޒާރަށް ވަނުން މަނާކޮށްފައެވެ.
އެ ބޯޑުން ބުނީ ޝައްކު ކުރެވޭ މީހުން ސާދްނާ ބްރޯޑްކާސްޓާއި ޝާޕްލައިން ބްރޯޑްކާސްޓްގެ އަގުތައް ބޮޑުކުރީ "ޕަމްޕް އެންޑް ޑަމްޕް" ސްކީމްތައް ބޭނުންކޮށްގެން ކަމަށެވެ.
އޭނާގެ އަންހެނުން މާރިއާ ގޮރެޓީއާ އެކު އެ މައްސަލައިގައި ޝާމިލުވާ އެކްޓަރު އަރުޝަދު ވާސީ ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
އިންފްލޫއެންސަރު މަނީޝް މިޝްރާގެ ޔޫޓިއުބް ޗެނަލްތައް ކަމަށްވާ "ދަ އެޑްވައިޒާ" އަދި "މަނީވައިސް" އިން މަޝްހޫރު ފަރާތްތައް ބޭނުންކޮށްގެން ދެ ކުންފުންޏެއްގެ ސްޓޮކް ރީޓެއިލް އިންވެސްޓަރުންނަށް ރެކޮމެންޑް ކުރި އެވެ. މިޑްކެޕް ކޯލްސް އަދި ޕްރޮފިޓް ޔާޓްރާ ޗެނަލްތަކުގައި ވެސް މިފަދަ ވީޑިއޯތައް އަޕްލޯޑްކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތަހުގީގުތަކުން އެނގުނު ގޮތުގައި ލައްކައެއްހާ ސަބްސްކްރައިބަރުން ތިބި މި ޗެނަލްތަކުގެ ވީޑިއޯތަކަކީ ޕޭޑް މާކެޓިން ކެމްޕޭންތަކުގެ އެހީގައި އެތައް މިލިއަން ބަޔަކު ބަލާފައިވާ ވީޑިއޯތަކެކެވެ.
ހިއްސާގެ ބާޒާރުގައި އަގު އޮޅުވާލުމުގައި ބައިވެރިވި ފަރާތްތަކުން ފައިދާ ހޯދީ އަގުތައް ބޮޑުވިއިރު އަމިއްލަ ހިއްސާ ވިއްކައިގެން ކަމަށް ބީބީސީން ރިޕޯޓްކޮށްފައިވެ އެވެ.
އެ ހިޔާނާތުގައި ބައިވެރިވި މީހުންނާއި ފަރާތްތަކުން ހޯދާފައިވާ ގާތްގަނޑަކަށް 540 މިލިއަން ރުޕީޒް ނާޖާއިޒު ފައިދާ މިހާރު ވަނީ ހިފަހައްޓާފައެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު އަރުޝަދު ވާސީއަށް 2.9 މިލިއަން ރުޕީޒް (544،774 ރުފިޔާ) ގެ ފައިދާއެއް ލިބިފައިވާއިރު އޭނާގެ އަންހެނުން މާރިއާ ގޮރެޓީއަށް 3.7 މިލިއަން ރުޕީޒް (.695,056 ރުފިޔާ) ގެ ފައިދާއެއް ލިބިފައިވެއެވެ.
އަރުޝަދު ހުސެއިން ވާސީ އަކީ ހިންދީ ފިލްމުތަކުން ފެނިގެންދާ އިންޑިއާގެ މަޝްހޫރު އެކްޓަރެކެވެ. ފަސް ނޮމިނޭޝަނުން ފިލްމްފެއާ އެވޯޑެއް ހިމެނޭ ގޮތަށް ގިނަ އެވޯޑްތަކެއް ވަނީ ހޯދާފައެވެ. އޭނާ އަކީ ތަފާތު ފިލްމު ޖޯންރާތަކުގައި އެކްޓް ކުރުމަށް ފާހަގަކޮށްލެވޭ މީހެކެވެ.