ads
ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ކަނދުފަތި ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދަނީ - ފޮޓޯ:ފިޝަރީޒް މިނިސްޓްރީ
‏ވަދު މަސްވެރިކަމާއި ސްޕޯޓް ފިޝިންއަށް ހާއްސަ ކަނދުފަތި ގާއިމުކުރަނީ
ވަދު މަސްވެރިކަމާއި ސްޕޯޓް ފިޝިންއަށް ހާއްސަ ކަނދުފަތި ގާއިމުކުރުމުގެ ޕްރޮގްރާމެއް ފިޝަރީޒް މިނިސްޓްރީން ފަށައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން ގެސްޓްހައުސް ވިޔަފާރި އާއެކު މިހާރު ފުޅާވަމުން އަންނަ މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަން އަދި ސްޕޯޓް ފިޝިންއަށާއި ކެއިންބުއިމުގެ ބޭނުމަށް ރަށާއި ކައިރިން މަސްވެރިކަން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ވަދު ކަނދުފަތި ގާއިމުކުރުމުގެ ޕްރޮގްރާމް މިއަދު ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ 2021 ވަނަ އަހަރު އަޖުމަބެލުމުގެ ގޮތުން އެ މަސްވެރިކަމަށް ހާއްސަ ކަނދުފައްޗެއް ފަރުމާކޮށް، ގާއިމުކޮށްފައިވާ ކަނޑުފަތީގެ ނަތީޖާ ބަލައި، ކަނދުފަތީގެ ޑިޒައިނަށް ބައެއް ބަދަލުތައް ގެނެސްގެން މިއަދު ފެށި ދަތުރުގައި ދެކުނުގެ ހަތަރު ސަރަަހައްދެއް ސާވޭކޮށް އެ ސަރަހައްދުތަކުގައި ވަދު ކަނދުފަތި ގާއިމުކުރެވޭނެ ކަމަށެވެ.

އެ މިނިސްޓްރީގެ ފަރާތުން މިހާރު ކުރަމުންދާ ދަތުރުގައި ކަނދުފަތި ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ގއ، ޏ އަދި ސ. އަތޮޅުގައި ކަމަށާއި މި ޕްރޮގްރާމުގެ ދަށުން މި އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަަހައްދުތަކުގައި ވަދު ކަނދުފަތި ގާއިމުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި އަލަށް ގާއިމުކުރާ ވަދު ކަނދުފަތިތަކާ އެކު، ރާއްޖޭގައި މަސްވެރިކަން ކުރުމަށް އަންނަ ފަތުުރުވެރިންނަށް މުޅިން އާ ފުރުސަތުތަކެއް ހުޅުވި މި މަސައްކަތުގައި ހަރަކާތްތެރިވާ ޒުވާނުންނަށް މަސްވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ އާ ދޮރެއް ހުޅުވިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމުގައެވެ. ކުދި އުޅަނދުފަހަރުގައި މަސްވެރިކަން ކުރާ ފަރާތްތަކަށް ރަށާއި ކައިރިން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ކަމާ އެކު މަސްވެރިކަން ކުރުމުގެ ފުރުސަތު ފަހިވެ އޭގެ ސަބަބުން ކާނާގެ ޔަގީންކަން އިތުރުވެގެންދާނެ ކަމަށް ދެކޭ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

your imageފިޝަރީޒް މިނިސްޓްރީން ގާއިމުކޮށްފައިވާ ކަނދުފައްޗެއް - ފޮޓޯ:ފިޝަރީޒް މިނިސްޓްރީ

މީހުން ދިރިއުޅޭ ރަށްރަށާއި ކައިރީގައި، ރަށްރަށުގެ ފުށޮޅުގައި އަލަށް ގާއިމުކުރަން ފެށި ވަދު ކަނޑުފަތި އެ މިނިސްޓްރީގެ ފަރާތުން ފަރުމާކޮށްފައިވަނީ ދުރަށް ފެންނަ ފަދަ ބައްތިއަކާއި ކަނދުފަތި އޮތްތަން ދެނެގަތުމަށް އުޅަނދުފަހަރަށް ދެނެގަނެވޭ ފަދަ 'ރާޑަ ރިފްލެކްޓަ' އަކާ އެކުގައި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި ވަދު މަސްވެރިކަމަށް ހާއްސަ ކަނދުފަތި ފަރުމާކޮށްފައިވަނީ ދޮށީގެ މަސްވެރިކަމަށް  ހާއްސަ ކަނދުފަތިތަކާ ވަކިކުރުމަށް ފަސޭހަވާ ގޮތަށް އަދި ނުލުގެ އުދަރެހާ އެކު ހޯދުމަށް ފަސޭހަވާ ގޮތަށް 'ރީނދޫ' ކުލައިގައި ކަމުގައެވެ. ރަށްރަށުގެ ވަށައިގެން ތިން މޭލާއި ހަ މޭލާ ދެމެދުގެ ދުރުމިނުގައި ގާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގައި އަދި ސްޕޯޓް ފިޝިން މަސްވެރިކަމަށް ހާއްސަ ކަނދުފަތިތަކެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހަށް އެ މިނިސްްޓްރީގެ ޓީމުން ފަށާފައިވާ ކަނދުފަތި ގާއިމުކުރުމުގެ ދަތުރުގައި ހަތަރު ވަދު ކަނދުފަތި އަދި ދޮށީގެ މަސްވެރިކަމަށް އެއް ކަނދުފަތި ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ ކަނދުފައްޗަކީ ދައުލަތުން ވަރަށް ބޮޑު ހޭދައެއްކޮށްގެން ދޮށީގެ މަސްވެރިކަމާއި ވަދު މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންގެ ލާބަ އާއި މަންފާއަށް ގާއިމުކޮށްފައިވާ ކަނދުފަތިތަކެއް ކަމުގައިވާތީ، ރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގައިވާ ފަދައިން ދޮށީގެ މަސްވެރިކަމަށް ހާއްސަކޮށް ގާއިމުކޮށްފައިވާ އޮއިވާލި ކަނދުފަތިތަކަށް ގެއްލުން ވާ ފަދަ އަމަލެއް ނުހިންގުމަށާއި އޮއިވާލި ކަނދުފަތީގެ ވިޔުމުގައި ހިމެނޭ އެއްވެސް ކަނދުފައްޗެއްގެ ވަށައިގެންވާ ތިން މޭލުގެ ސަރަހައްދުގައި އާންމުކޮށް ދިވެހިން ކުރާ ކަނޑުމަހުގެ ދޮށީގެ މަސްވެރިކަން ފިޔަވައި އެހެން ބާވަތެއްގެ މަސްވެރިކަން ނުކުރުމަށާއި ވަދު މަސްވެރިކަމަށް އަމާޒުކޮށް ގާއިމުކޮށްފައިވާ ކަނޑުފަތިތަކުން ދޮށީގެ މަސްވެރިކަން ނުކުރުމަށް ފިޝަރީޒް މިނިސްޓްރީން ހަނދާންކޮށްދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް