
އޮލިމްޕިކް ކޮމިޓީން، 72 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅީ، އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގައެވެ. މި 72 މިލިއަން ރުފިޔާގެ ބަޖެޓްގެ ބޮޑުބައެއް ހިއްސާކުރަނީ ސަރުކާރުން ލިބޭ ފަންޑް އަށެވެ.
ބަޖެޓްގެ 80 ޕަސެންޓަކީ މި ފަހަރު ސަރުކާރުން ލިބޭނެ ބައި ކަމަށް، އެމްއޯސީން ވަނީ މައުލޫމާތު ދީފަ އެވެ. ސަރުކާރުން މި ބަޖެޓްގެ ބޮޑުބައި ހިއްސާކުރަނީ މި އަހަރަކީ ރާއްޖޭން ބައިނަލްއަގުވާމީ ފަސް ގޭމްސްއެއްގައި ވާދަކުރާ އަހަރެއް ކަމަށްވާތީ އެވެ.
ރާއްޖޭން ވާދަކުރާގޮތަށް ހަމަޖެހިފައިވަނީ ޓްރިންޑާޑް އެންޑް ޓޮބޭގޯގައި ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސް، އިންޑޮނީޝިއާގައި ބާއްވާ އެނޮކް ވޯލްޑް ބީޗް ގޭމްސް، މަޑަގަސްކަރާގައި ހޯސްޓްކުރާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)، ޗައިނާގައި ބާއްވާ އޭޝިއަން ގޭމްސް އަދި ތައިލެންޑްގައި ކުރިއަށްދާ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް އެވެ.
މީގެ ތެރެއިން އައިއޯއައިޖީ އާއި އޭޝިއަން ގޭމްސް އަކީ ރާއްޖޭން ބޮޑު ކޮންޓިންޖެންޓެއް ވާދަކުރާ ގޭމްސްތަކެކެވެ.