
އެ މަނިކުފާނު މިހެން ވިދާޅުވެފައިވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން އިންތިޒާމްކޮށްގެން ބޭއްވި 'ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ 2023' ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުން އިންސާނީ ވަސީލަތާއި ހުނަރުވެރި އަދި އުފެއްދުންތެރި ޖީލެއް ބިނާކުރުމުގައި ޒުވާނުންގެ ކުރިއެރުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށެވެ. އެގޮތުން މުސްތަގުބަލުގައި ގައުމު ހިންގުމާ ހަވާލުވެ ތިބޭނެ ލީޑަރުން ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތްތެރިކަމުގެ ހުނަރުތަކާއި ފަންނީ ހުނަރުތައް އިތުރުކޮށް، މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ސަރުކާރުން ފަހިކޮށްދެމުން އަންނަކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގައި ކޮންމެ މެންބަރެއްގެ މުހިންމުކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ ހުރިހާ ފަރާތްތަކަކަށް، ހާއްސަކޮށް އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދޭންޖެހޭ ކަމުގައި ސަރުކާރުން ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން އަންހެނުން ކުރިއަރުވައި ބާރުވެރި ކުރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
އެޗްއާރު ކޮންވެންޝަނުގައި ތަގުރީރުކުރެއްވި ފަރާތަކަށް ނައިބު ރައީސް ހަނދާނީ ފިލާ ހަވާލުކޮށްދެއްވަނީ - ފޮޓޯ:ރައީސް އޮފީސް
އެޗްއާރު ކޮންވެންޝަންގެ ބައިވެރިންނާ މުހާތަބުކުރައްވާ އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މި ކޮންވެންޝަނުގައި ދަސްވި ކަންކަމުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށާއި ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުން މަތީގައި ދެމި ތިބެ، އެކަކު އަނެކަކަށް އިހުތިރާމު ކުރުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.
'ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ 2023' ގައި ހިއުމަން ރިސޯސް ދާއިރާގެ ތަޖުރިބާކާރުންނާއި ކުރިއަރަމުން އަންނަ ލީޑަރުންނާއި އެކިއެކި ޖަމިއްޔާ ޖަމާއަތްތަކުގައި އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ކޮންވެންޝަން ނިންމުމުގެ ރަސްމިއްޔާތުގައި ކޮންވެންޝަނުގައި ތަގުރީރު ކުރެއްވި ފަރާތްތަކަށާއި ކޮންވެންޝަން ކުރިއަށް ގެންދިޔުމުގައި ބައިވެރިވި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.