
މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި މެސެޖުގައި މިކަން ހާމަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި "ކޮންމެ ކުއްޖަކަށް އާއިލާއެއް" ނަމުގައި ހާއްސަ ޕްރޮގްރާމެއް ފައްޓަވާފައިވެއެވެ. މި ޕްރޮގްރާމަކީ އާއިލާތަކުގެ ހާލަތު ބަދަލުކޮށްގެން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާއި އެ ކުދިންގެ އުފަން އާއިލާ ގުޅުވައިދިނުމާއި، ފޮސްޓަރިން ނިޒާމު ހަރުދަނާކޮށް، ވަގުތީގޮތުން ވެސް ކުދިން ފޮސްޓާކޮށް އާއިލާގައި ބެހެއްޓޭނެ ނިޒާމު ގާއިމުކޮށް، ކުދިންނަށް އާއިލީ ވެއްޓެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތެކެވެ.
މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ ކުދިންގެ ހެދިބޮޑުވުމާއި، ކުދިންގެ ޝަހުސިއްޔަތު ބިނާކުރުމާއި، އަހުލާގީ މިންގަނޑުތަކާއި، އިޖުތިމާއީ ހުނަރުތައް ދަސްކޮށްދިނުމަށް އެންމެ ރަނގަޅީ އާއިލާގެ ލޯތްބާއި އަޅާލުން ލިބޭ، ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ، އާއިލީ ވެއްޓެއް ކަމަށެވެ. އަދި މަރުކަޒުގައި ކުދިން ބެލެހެއްޓުމަކީ ކުދިންގެ ހެދިބޮޑުވުމާއި، ކުދިންގެ ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް އެންމެ ފައިދާހުރި ގޮތް ނޫންކަން ދިރާސާތަކުގެ އަލީގައި ވެސް ފެންނަން އެބަ އޮތްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.