ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި މިނިސްޓަރު މިހެން ވިދާޅުވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު މިއަދު މިނިސްޓަރާއި ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އަފީފު ސުވާލުކުރައްވާފައިވަނީ ކޮވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު ރާއްޖެއަށް ބޭނުންވި ވެންޓިލޭޓަރު ހޯދުމުގެ ނަމުގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް 31 މިލިއަން ރުފިޔާ ދައުލަތުގެ މާލިއްޔަތަށް ޒިންމާވާންޖެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ދޫކުރެއްވީ ކީއްވެތޯ؟ އެވެ. އަދި އެ ފައިސާ މިނިސްޓަރުގެ ހުއްދަނެތި ދޫކޮށްފައިވާ ކަމަށްވާނަމަ، އެކަން ކުރި މިނިސްޓްރީގެ މުވައްޒަފަށް އަޅާފައިވާ ފިޔަވަޅަކީ ކޮބައިތޯ؟ އެެވެ.
މިނސްޓަރު ވިދާޅުވީ ދައުލަތުގެ އެއްވެސް އިދާރާއަކުން ފިނޭންސް މިނިސްޓްރީގެ މުވައްޒަފަކަށް ފިޔަވަޅު އަޅަން އަންގާފައިނުވާކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީން އުސޫލާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާކަންވެސް ފާހަގަކޮށްފައިނުވާކަމަށެވެ.
މި މައްސަލައިގައި އޭސީސީން ވެސް އަންގާފައިވަނީ ޕްރޮކިއުމެންޓުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޕްރޮކިއުމަންޓުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ދީފައިވާ ލަފަޔާ އެއްގޮތައް ފިޔަވަޅުތައް ވެސް އަޅާފައިވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ވެންޓިލޭޓަރުގެ މައްސަލަ:
ދުބާއީގެ އެގްޒެކިއުޓާސްއާ އެކު 2020 ވަނަ އަހަރު އެއްބަސްވި 75 ވެންޓިލޭޓަރުގެ ތެެރެއިން މިހާތަނަށް ލިބިފައިވަނީ އެންމެ 15 ވެންޓިލޭޓަރެވެ. އޭގެ ތެރެއިން ފަސް ވެންޓިލޭޓަރު ފޮނުވިއިރު ބައެއް އާލާތްތައް މަދެވެ. ސަރުކާރަށް ލިބެން ޖެހޭ ބާކީ 60 ވެންޓިލޭޓަރު އަދި ވެސް ނުލިބެއެވެ. އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލައި އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފަ އެވެ.
އޭސީސީން މިމައްސަލާގައި ދައުވާކޮށްދޭން ޕީޖީގައި އެދިގެން އުޅޭތާ މިހާރު ވަނީ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފަ އެވެ. އެ މައްސަލައިގައި، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ އިސްވެރިން ހިމެނޭހެން 12 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް 2020 ވަނަ އަހަރުގެ މެދުތެރޭ ހިސާބުގައި ޕީޖީ އޮފީހަށް އޭސީސީން ހުށަހެޅި ނަމަވެސް އެފަހަރު ޕީޖީން އެއްވެސް ފަރާތަކަށް ދައުވާއެއް ނުކުރި އެވެ. ނަމަވެސް މި ހަފްތާތެރޭގައި އެ މައްސަލައިގައި ގޮތެއް ނިންމާނެކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.