އެ ހަރަކާތް ބާއްވަން ނިންމާފައިވަނީ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ މާޗް އަށް ވަނަ ދުވަހުގެ ހަވީރު ހަތަރަކުން އެ ދުވަހުގެ އިރުއޮއްސި ހައެއް ޖަހުމާއި ހަމައަށް އެމްޑީޕީގެ މައި ހަރުގޭގައެވެ.
އެ ކަމައާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި އައްޑޫ މީދު ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، އެ ދުވަސް އެފަދަ ގޮތަކަށް ފާހަގަކުރަން ނިންމީ އަންހެނުންނަށް ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ އެކަންކަމާއި ގުޅޭ ގޮތުން މީހުން ހޭލުންތެރި ކުރުމަށް ކަމަށެވެ.
"ބައިނައްލަގުވާމީ އަންހެނުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުން މި އަހަރު ހަމަޖައްސާފައިވާ ޝިއާރަކީ އެމްބްރޭސް އިކުއިޓީ" އެވެ.
އަދި އިކުއިޓީ އާއި އިކުއަލިޓީގެ ތަފާތު ދެނެގަންނަން ޖެހޭނެ ކަމަށާއި އިކުއަލިޓީ އަކީ ހަމަހަމަކަން ކަމަށާއި، އިކުއިޓީ އަކީ ހަމަހަމަކަން ގާއިމް ކުރުމަށް ކުރަންޖެހޭ އިތުރު މަސައްކަތްތައްކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ގާނޫނު އަސާސީން އަންހެނުންނަށް ހަމަހަމަކަން ހޯދައިދީފައިވީ ނަމަވެސް ހަމަހަމަކަން ގާއިމް ކުރުމަށް ކުރަންޖެހޭ ކަންކަން ސިޔާސީ ދާއިރާގަވެސް އަންހެނުނަށް ނުލިބޭކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.
މި ސަރުކާރުގެ ކައުންސިލްގެ ދައުރުގައި އަންހެނުން %33 ކޯޓާ އެއް ހާއްސަ ކުރެވިގެން ދިޔަ ނަމަވެސް، އާންމު ރަައްޔިތުންގެ މެދުގައި ހޭލުންތެރިކަން ކުޑަ ވުމުގެ ސަބަބުން ކޯޓާ ދިނުމަކީ ގޯސްކޮށް ކުރެވޭ ކަމެއް ކަމަށް މީހުން އަދިވެސް ގަބޫލު ކުރާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ބައިނައްލަގުވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ގެންގުޅޭ އިޝާރާތަކީ އަމިއްލަ ގައިގާ ބައްދާލައިގެން ހުރެ "އެމްބްރޭސް އިކުއިޓީ" ހޭޝްޓެގާއި އެއްކޮށް ފޮޓޯ ނަގައި ޝެއާކުރުމެވެ. މިކަން މި ގޮތަށް ކުރަނީ އެ މީހާ އަކީ ވެސް އެކަން ގަބޫލު ކުރާ މީހެއްކަން ދައްކާ ދިނުމަށް ކަމަށްވެސް އެ ކަމަނާ ވިދާޅުވިއެވެ.
އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް އެމްޑީޕީގެ މައި ހަރުގޭގައި އޮންނަ ހާއްސަ ހަރަކާތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރޮޒައިނާ ވިދާޅުވީ އެދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ސަޔެއްގެ އިތުރުން ފޮޓޯ ނެގުމާއި، އޯޕެން މައިކް އިވެންޓެއްވެސް އޮންނާނެ ކަމަށެވެ. އަދި މި އިވެންޓްސްގެ ތެރެއިން އެކަކު އަނެކަކާ ވާހަކަ ދައްކުމާއި މައުލޫމާތު ފޯރުކޮށްދިނުން އޮންނާނެކަމަށް ވިދާޅުވިއެވެ.
އަންހެނުންގެ ދުވަހުގެ ހަރަކާތް ކުރިޔަށް ގެންދަނީ މާލޭގައި އެކަނި ނޫން ކަމަށާއި، އެކި ރައްރަށުގެ އިދާރާތަކުގެ އިސްވެރިންނާ މަޝްވަރާކޮށް ރައްރަށުގައިވެސް މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ބައިނަލްއަގްވަމީ އަންހެނުންގެ ދުވަސް ފާހަކުރުމަށް އެމްޑީޕީ އަންހެނުންގެ ރޫހުގެ ފަރާތުން ބާއްވާ މި ހަރަކާތުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް ރޮޒައިނާ އެދިވަޑައިގެންނެވި އެވެ.