މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުވާދު ޕްރޮޑިއުސްކޮށްފައިވާ "ހިނދުކޮޅެއް" އެއީ އަހުމަދު ތޮލާލުގެ ވާހަކައަކަށް ހަދާފައިވާ ފިލްމެކެވެ.
ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ މީހެއްދެކެ ލޯބިވާ ދަނޑިވަޅެއްގައި އަމިއްލަ ނަފުސު އިހުތިޔާރު ކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.
"ހިނދުކޮޅެއް" މީޑިއާނެޓުގެ ވީޑިއޯކުލަބާއި އެމްއެސްޓީވީ އަދި އެމްއެސް ލައިޓަށް މިހާރު ރިލީޒް ކޮށްފައިވާއިރު، ސްމޯލް ސްކްރީނުން ވީޑިއޯކްލަބްގެ ހިދުމަތް ހޯއްދަވާ ފަރާތްތަކަށް މާޗު 23 ވަނަ ދުވަހުން ފެށިގެން ފޯނުން އެ ފިލްމު ބަލައިލެވޭނެއެވެ.
އެ ފިލްމުގެ މުހިއްމު ރޯލުތަކުން ފެންނާނީ ކުޅަދާނަ ބަތަލާ އާމިނަތު ރަޝްފާ (އާޝާ) އާއި ޝަރަފުއްދީން އަބްދުﷲ ގެ އިތުރުން ރަވީ ފާރޫގު ފަދަ ހުނަރުވެރި ފަންނާނުންނެވެ.
"ހިނދުކޮޅެއް" ރިލީޒްކޮށްފައިވާއިރު ޑާކްރެއިން އިން ވަނީ މި އަހަރުގެ ފުރަތަމަ ފީޗާ ފިލްމު "ބީވީމާ" ގެ ކާމިޔާބު ޝޯތަކެއް އޮލިމްޕަހުގައި ދައްކާފައެވެ.
މިިދޔަ މަހުގެ ހަވަނަ ދުވަހު ރިލީޒްކުރި "ބީވީމާ"ގެ އެންމެ ފަހު ވަދާއީ ޝޯ ދައްކާފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެ ފިލްމު ބެލި ގިނަ ބެލުންތެރިންވަނީ ފިލްމު ރީތި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވެސް ފިލްމަށް ތައުރީފު ކޮށްފައެވެ.
އެ ފިލްމުން ފެނިގެންދިޔައީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި ކޮޕީ އިސްގެ އިތުރުން އާޝާ އަދި ޒިދާންގެ މޮޅު އެކްޓިންނެވެ. ބެލުންތެރިންނަށް ވަނީ އަޝްފާ ކުޅެފައިވާ ރޯލު ވަރަށް ކަމުގޮސްފައެވެ.