
ގެއްލުނު މީހާ ހޯދަން މިހާތަނަށް 323.35 ސްކެއާ ކިލޯމީޓަރުގެ ސަރަހައްދެއް ބެލިފައިވީ ނަމަވެސް އެމީހާ އަދިވެސް ފެނިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އިއްޔެ ރޭ މެންދަމު އާގަލާ ބޯޓްގައި ރޯވެ، އޭގެން ދަތުރުކުރަމުންދިޔަ 15 މީހުން ކަނޑުވިއިރު އިއްޔެ ހެނދުނު 8:20 އެހާއިރު ބޯޓްވަނީ އަޑިއަށް ގޮސްފައެވެ.
އައްޑޫއަށް ނިސްބަތްވާ އާގަލާ ބޯޓްގައި އަލިފާން ރޯވީ، އައްޑޫއިން މާލެއަށް ދަތުރުކުރަމުން ދަނިކޮށެވެ. ނަމަވެސް ބޯޓްގައި ރޯވަން ދިމާވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
ބޯޓް އަޑިއަށް ދިޔައިރު، އެބޯޓުން ދަތުރު ކުރި 15 މީހުންގެ ތެރެއިން 14 މީހަކު މިހާތަނަށް ވަނީ ސަލާމަތް ކުރެވިފައެވެ. އަދި ބޯޓުން ދަތުރުކުރި އެކަކު ފެނިފައި ނުވާއިރު، އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ބޯޓްގައި ރޯވި ހާދިސާގައި ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށާއި، އޭނާ ހޯދުމަށް ކަނޑާއި ވައިގެމަގުން ބަލަމުން ގެންދާކަމަށެވެ. ގެއްލިގެން ހޯދަނީ ބޯޓުގެ އިންޑިއާ ފަޅުވެރިއެކެވެ.
ބޯޓުގައި ދަރުތުކުރަމުންދިޔައީ:
- 5 ދިވެހީން
- 5 އިންޑިއާ މީހުން
- 5 ބަގްލަދޭޝް މީހުން
ސަލާމަތްކުރި 14 މީހުންނަށް ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ.