
ދިރާގުން ބުނީ އެ ކުންފުނީގެ 34 ވަނަ އަހަރީ އާންމު ޖަލްސާ މާޗް 20 ވާ ހޯމަ ދުވަހުގެ ރޭގަނޑު 8:15 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެެވެ.
އެ ކުންފުނިން ބުނީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 'ހައިބްރިޑް' ކޮށް ކަމަށްވާތީ، ޖަލްސާގައި ހިއްސާދާރުންނަށް 'ފަހިވޯޓް' މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ކްރޮސްރޯޑް މޯލްޑިވްސްގެ ޖަލްސާ ކުރާ މާލަމަށް ހާޒިރުވެގެން ބައިވެރިވެވޭނެ ކަމަށެވެ.
ރަޖިސްޓަ ކުރުމަށް ހުޅުވާލެވިފައިވާނީ:
- ހިއްސާދާރުންގެ ޕްރީ-ރެޖިސްޓްރޭޝަން: މާޗް ތިނެއް ވީ ހުކުރު ދުވަހުގެ 14:15 އިން 19 މާޗް 2023 ވާ އާދީއްދަ ދުވަހުގެ 13:00 ގެ ނިޔަލަށް
- ޕްރޮކްސީންގެ ރެޖިސްޓްރޭޝަން: މާޗް ތިނެއް ވީ ހުކުރު ދުވަހުގެ 14:15 އިން 18 މާޗް 2023 ވާ ހޮނިހިރު ދުވަހުގެ 13:00 ގެ ނިޔަލަށް
ދިރާގުން ބުނި ގޮތުގައި މި މަހުގެ 14 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ހިއްސާދާރުންނަށް ޖަލްސާގައި ބައިވެރިވުމަށް ދައުވަތު ދޭ ކަމަށެވެ.
ޖަލްސާ ކުރާ މާލަމަށް ގޮސްގެން ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެވޭ ހިއްސާދާރުންގެ އަދަދު 150 ހިއްސާދާރުންނަށް ލިމިޓްކޮށްފައިވާ ކަމަށް ދިރާގުން ބުނެއެވެ. އެ ކުންފުނިން ބުނެފައިވަނީ ޖަލްސާ ކުރާ މާލަމަށް ގޮސްގެން ޖަލްސާގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ހިއްސާދާރުންގެ ތެރެއިން، ޖަލްސާގައި ބައިވެރިވެވޭނީ މާލަމަށް ހާޒިރުވެގެންކަން ނުވަތަ އޮންލައިންކޮށްކަން، އެ ފަރާތްތަކަށް މި މަހުގެ 19 ވާ އާދީއްތަ ދުވަހުގެ 16:00 ގެ ކުރިން އެންގޭނެ ކަމަށެވެ.
އަހަރީ ޖަލްސާގެ ނޯޓިސް އަދި ދިރާގުގެ 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އެ ކުންފުނީގެ ވެބްސައިޓުގައި މި މަހުގެ ތިންވަނަ ދުވަހު ޝާއިއުކޮށްފައިވާނެ ކަމަށް ދިރާގުން ބުނެއެވެ. މި ލިންކުން https://bit.ly/3t8KAhS އަހަރީ އާންމު ޖަލްސާ އާ ގުޅުންހުރި މައުލޫމާތު ލިބޭނެއެވެ.