ads
އާޓް ވޯކް
ޑީޕޯޓްކޮށްލި އިންޑިޔާ މީހަކީ ފުރޭތައެއް!
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި އިންޑިޔާ މީހަކު މި ފަހުން ޑީޕޯޓްކޮށްލި މައްސަލަ މީޑިއާގައި އާއްމުވިއެވެ. މި މައްސަލަ އާއްމުވުމުން، ދައުލަތުގެ އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް އިނގިލި ދިއްކުރުން ނޫން ކަމެއް ނުވިއެވެ. މި ކިޔައިދެނީ އެ ހާދިސާގެ ތަފްސީލެވެ.
Advertisement

މިއީ ކުޑަ ކުއްޖެއްގެ މަސްލަހަތު ހިމެނޭ ހާދިސާއެއްކަމުގައިވާތީ، އެ ކުއްޖާގެ މަސްލަހަތު އެންމެ މަތީ މިންވަރުގައި ރައްކާތެރިކުރުމަށްޓައި ހާދިސާގައި ހިމެނޭ މީހުންގެ ނަންތަކާއި، އެޑްރެހާއި  އަދި އެ ނޫންވެސް އެ ކުއްޖާއަކީ ކޮން ކުއްޖެއްކަން ނުވަތަ ކޮން އާއިލާއެއްގެ ކުއްޖެއްކަން އެނގޭނެ ފަދަ އެންމެހައި މައުލޫމާތު މި ރިޕޯޓު ލިޔުމުގައި އުނިކޮށްފައިވާނެއެވެ.

ހާދިސާ ހިނގި ގޮތް

މި ވާހަކަތައް ކިޔައިދިނީ ކުއްޖާގެ ތިމާގެ މީހެކެވެ. ކަން ހިނގައި ދިޔަ ގޮތާއި މައްސަލަ ޝަރީއަތަށް ހުށަހެޅި ހިސާބުން ފެށިގެން ގޮސް އެ މީހާ މިނިވަންވެ، ޑީޕޯޓްކޮށްލުމުން ފުރައިގެން ދިޔަ ހިސާބަށް ހިނގައި ދިޔަ ކަންކަން ރަނގަޅަށް އެނގޭ މީހެކެވެ. މަސްލަހަތަށްޓަކައި އެ މީހާގެ ނަމާއި އަދި އެއީ ކާކުކަން ދެނެގަނެވިދާނެ ހުރިހާ މައުލޫމާތެއް ސިއްރުކުރަމެވެ. 

އެއީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅުން ދުވަހެކެވެ. މާލޭގެހުންނަ ގެއަކަށް އިންޑިޔާ މީހަކު ގެންދިޔައީ އެ ގޭގެ ކޮޓަރިއެއްގައި ޕުޓީ ޖެހުމުގެ މަސައްކަތް ކުރުމަށެވެ. އެ އިންޑިޔާ މީހާއަކީ ވަރަށް ރީތިކޮށް މަސައްކަތް ކުރާ މީހެކެވެ. މަސައްކަތުގައި އުޅެމުން އެގޭގައި އުޅޭ އުމުރުން އެންމެ ހަތް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ފެނުމުން އިންޑިޔާ މީހާ ބޭނުންވީ އޭނާގެ އެދުންވެރިކަން ފުއްދާށެވެ.

"އެ ތުއްތު ކުއްޖާގެ އިއްފަތްތެރިކަން އެ އިންޑިޔާ މީހާ އެއްވެސް ލަދެއް ބިރެއް ރަހުމެއް ކުލުނެއް ނެތި ފޭރިގަނެއެވެ. އާއްމު އިޖުތިމާއީ މިންގަނޑު ހިފެހެއްޓުމަށްޓަކައި އިންޑިޔާ މީހާ ކުރި ކަންތަކުގެ ތަފްސީލް ނުހިހިމަނާނަމެވެ. ހާދިސާ ހިނގިތާ ހަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ކުއްޖާވަނީ ރޮމުން އެ ވާހަކަ އެ ކުއްޖާގެ މަންމައަށް ކިޔައިދީފައެވެ. ހާދިސާ ހިނގިއިރު ކުއްޖާގެ ބައްޕަ ގެއަކު ނެތެވެ" ހާދިސާގެ ތަފްސީލް އެނގޭ މީހާ ކިޔައިދިނެވެ. 

ހާދިސާގެ ވާހަކަ ތުއްތު ކުއްޖާ މަންމައަށް ރޮމުން ކިޔައިދިނުމާއެކު ހަމަ އެ ވަގުތު މައްސަލަ ފުލުހުންނަށް އެ ތުއްތު ކުއްޖާގެ އާއިލާގެ ފަރާތުން ރިޕޯޓް ކުރިއެވެ. އެއީ އެ ދުވަހުގެ މެންދުރެއްހާއިރުއެވެ. ފުލުހުން އަންނާކަށް ގިނަ އިރެއްވެސް ނުނެގިއެވެ. އަދި އެ މީހާ ހަމަ އެ ދުވަހު މެންދުރު ހައްޔަރުވެސް ކުރިއެވެ.

ހާދިސާ ހިނގި ދުވަހުން ފެށިގެން މި ކޭސްގެ ޓައިމްލައިން ( މިއީ ހައްތާވެސް ޕަބްލިކް ޑޮމެއިންގައި މިހާރުވެސް ހުރި މައުލޫމާތުގެ މައްޗަށް އެކުލަވާލާފައިވާ ޓައިމްލައިނެކެވެ)

  • ހާދިސާ ހިނގި ދުވަސް : 23 ޖޫން 2020
  • ބަންދު ކުރި ދުވަސް: 23 ޖޫން 2022
  • ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅި ދުވަސް: 22 ޖުލައި 2020
  • ކްރިމިނަލް ކޯޓުން މައްސަލަ ނިމުނު ދުވަސް: 25 ސެޕްޓެމްބަރު 2022
  • އިންޑިޔާ މީހާ ބަންދުކޮށްދިނުން އެދި ހައިކޯޓަށް ހުށަހެޅި ތާރީޚު: 29 ސެޕްޓެމްބަރު 2022
  • ހައިކޯޓަށް ހުށަހެޅި ހުށަހެޅުން ބަލައި ނުގަންނަކަން އެންގި ތާރީޚު: 4 އޮކްޓޫބަރު 2022
  • ހައިކޯޓުގެ ނިންމުން ރިވިއުކުރަން ޕީޖީން ހުށަހެޅި ތާރީޚު: 12 އޮކްޓޫބަރު 2022
  • ހައިކޯޓުން ރިވިއުކުރުމަށް ފަހުވެސް ރިޖެކްޓްކުރި ތާރީޚް: 7 ނޮވެންބަރު 2022
  • ހައިކޯޓަށް މައްސަލަ ހުށަހެޅި ތާރީޚު: 29 ނޮވެންބަރު 2022
  • ހައިކޯޓަށް މައްސަލަ ބަލައިގަތް ތާރީޚު: 8 ޑިސެމްބަރު 2022
  • އިންޑިޔާ މީހާ ޑީޕޯޓްކުރި ތާރީޚް: 8 ޑިސެމްބަރު 2022
  • ހައިކޯޓުން މައްސަލަ ބާތިލުކުރި ތާރީޚު: 8 ފެބްރުއަރީ 2023

ހާދިސާގެ ރިޕޯޓް ކުއްޖާގެ އާއިލާއިން ޕޮލިހުންނަށް ކުރުމާއި އެކު ހަމަ އެ ދުވަހު އެ އިންޑިޔާ ހައްޔަރު ކުރިއެވެ. ހައްޔަރުކޮށްގެން، ޖެހިގެން އައި ދުވަހު ކޯޓަށް އޭނާ ހާޒިރުކުރުމުން ކޯޓުން އޭނާ ބަންދުކޮށްފައި ބަހައްޓަން ފުރަތަމަ މުއްދަތު ދިނީ ފަސް ދުވަހަށެވެ. 

ފަސް ދުވަސް ހަމަ ވެގެން ދެވަނަ ފަހަރަށް އޭނާ ކޯޓަށް ގެންދިޔުމުން ކޯޓުން ދެން ޖެހީ 10 ދުވަހުގެ މުއްދަތެކެވެ. 

ތިންވަނަ ފަހަރަށް މުއްދަތު މަޖިލީހަށް ގެންދިޔުމުން ދެން އޭނާ ބަންދު ކުރީ ޝަރީއަތް ނިމެންދެނެވެ. އެއީ 2020 ވަނަ އަހަރުގެ ޖުލައި މަހުއެވެ.

މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޝަރީއަތަށް ހުށަހެޅީ 22 ޖުލައި 2020 ގައެވެ. ދައުލަތުން އިންޑިޔާ މީހާގެ މައްޗަށް ދައުވާ ކުރީ، ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާއެވެ. 2020 ވަނަ އަހަރުގެ ޖުލައި މަހު ހުށަހެޅި މި މައްސަލަ ނިމުނީ، 25 ސެޕްޓެމްބަރު 2022 ގައެވެ. 

މައްސަލަ ނިމުނީ އިންޑިޔާ މީހާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. ދެ އަހަރަށް ދިގުލައިގެން ދިޔަ ޝަރީއަތަކަށް ފަހު ކުށް ސާބިތުނުވާ ކަމަށް ކޯޓުން ކަނޑައެޅުމާއެކު އިންޑިޔާ މީހާ މިނިވަންވީއެވެ. ޝަރީއަތުގެ މުއްދަތުގައި އެއްކޮށް އޭނާ ހުރީ ބަންދުކޮށްފައި ކަމަށް ނުވަތަ ނޫން ކަމެއް، ވާހަކަތައް ހިއްސާ ކުރި މީހާއަށްވެސް ކަށަވަރު ކޮށް ބުނެދޭކަށް ނޭނގުނެވެ. އެހެންނަމަވެސް ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި އެ އިންޑިޔާ މީހާ އެ މުއްދަތުގެ ތެރޭގައި މިނިވަންވީ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

އިންޑިޔާ މީހާ ޑީޕޯޓްކޮށްލުން 

މި ހާދިސާގައި ކުށް ސާބިތުނުވާ ކަމަށް ދަށު ކޯޓުން ކަނޑައެޅި މީހާ ޑީޕޯޓްކޮށްލީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ. އެކަމަކު އިމިގްރޭޝަނުން ބުނީ އިންޑިޔާ މީހާ ޑީޕޯޓްކޮށްލީ އޭނާގެ މައްސަލަ ކޯޓުގައި އޮތްކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގާފައި ނުވާތީ ކަމަށެވެ. 

އާއްމުކޮށްފައިވާ ރިޕޯޓްތަކުން އެނގޭ ގޮތުގައި އެ މީހާ ޑީޕޯޓްކޮށްލާފައިވަނީ ޑިސެމްބަރު މަހުއެވެ. މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީވީވެސް ޑިސެމްބަރު މަހުއެވެ.  

އެކަމާ ގުޅިގެން އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ މީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކަމަށެވެ. އަދި މިދިޔަ ޑިސެމްބަރު މަހު އޭނާ ޑީޕޯޓްކޮށްލުމާއި ހަމައަށް އޭނާގެ މައްސަލަ ހައި ކޯޓުގައި އޮތްކަން ޕީޖީ އޮފީހުން ރަސްމީކޮށް އަންގާފައިނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ. މީގެ އިތުރުން އޭނާ ފުރުން މަނާކުރުމުގެ އަމުރެއް ވެސް ކޯޓަކުން ނެރެފައިނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި ތައްޔާރު ކުރެވުނު ޓައިމްލައިންގެ އަލީގައި ބެލެވެނީ ދަށު ކޯޓުން އިންޑިޔާ މީހާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކަނޑައެޅުމުން އިމިގްރޭޝަނުން އޭނާ ބަންދު ކުރީ ކަމަށެވެ. އެއީ އެ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމީ ސެޕްޓެމްބަރު މަހު ކަމަށްވެފައި، އޭނާ ޑީޕޯޓްކޮށްލީ ޑިސެމްބަރު މަހުގައިކަމުގައިވާތީއެވެ. މިކަމުގެ ތަފްސީލެއް ނުލިބުނެވެ.

ޕީޖީގެ އިނގިލި އެންމެ ފުރަތަމަ އިމިގްރޭޝަނަށް

މި މައްސަލައިގައި ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި އޭނާގެ މައްސަލަ އިސްތިއުނާފް ކުރަން އުޅޭކަން އިމިގްރޭޝަނަށް އޮންނާނީ އަންގައިފަ އެވެ. ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ބައެއް މީޑިއާތަކަށް ވިދާޅުވެފައިވަނީ އެ އިންޑިޔާ މީހާ ޑިޕޯޓުކޮށްލީ މައްސަލަ އިސްތިއުނާފުކުރި ފަހުން، އިމިގްރޭޝަނުން ކަމަށެވެ. 

ޕީޖީ އޮފީހަށް ނޭނގި އެ އިންޑިޔާ މީހާ ޑިޕޯޓުކުރި އިރު މައްސަލަ އިސްތިއުނާފުކުރަން އުޅޭކަން ވެސް އިމިގްރޭޝަނަށް އޮންނާނީ އަންގައިފައި ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. 

ޕީޖީގެ އިނގިލި ދެން އައީ ހައިކޯޓާ ދިމާލަށް

މި ހާދިސާގެ ވާހަކަ ނޫސްތަކުގެ ސުރުހީއަށް އެރުމުން، ޕީޖީގެ ވާހަކަ ދެން ބަދަލު ވެގެން އައީ ހައިކޯޓާ ދިމާލަށެވެ. ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވީ އިންޑިޔާ މީހާ ފުރުވާލީ އެ މީހާ ބަންދުގައި ބަހައްޓަށް އެދި ހައި ކޯޓުން އަމުރު ނުދިނުމުންކަމަށެވެ.

ޕީޖީ ވިދާޅުވީ ދަށު ކޯޓުން ކުށް ސާބިތުނުވުމުން އެ އިންޑިޔާ މީހާ ހުރީ އިމިގްރޭޝަންގެ ބަންދުގައި ކަމަށެވެ. އިމިގްރޭޝަންގެ ލީގަލް ޑިޕާޓްމަންޓްގެ އޮފިޝަލަކަށް ޕީޖީ އޮފީހުގެ ޕްރޮސެކިއުޓަރަކު ގުޅުއްވާފައި މައްސަލަ އިސްތިއުނާފު ކުރަން ބޭނުންވާ ކަމަށާއި އެ މީހާ ފުރުވާނުލައި ބެހެއްޓުމަށް އެދިވަޑައިގެންނެވިކަން ފާހަގަކުރި ކަމަށްވެސް ޕީޖީއާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

"ހައިކޯޓަށް އަޅުގަނޑުމެން އިސްތިއުނާފުކުރާނެ ކަމާއި ބަންދުގައި ބަހައްޓަންޖެހޭކަން އެންގީމަ ހައިކޯޓަށް އެ މީހާ ބަންދުކުރުމުގެ ބާރު އެބަ ލިބޭ. މި މައްސަލައިގައި އަޅުގަނޑުމެން އޮތީ އިސްތިއުނާފުކުރަން ގަސްތުކުރާ ކަމާއި އިސްތިއުނާފުގެ މުއްދަތުގައި އޭނާ ބަންދުގައި ބަހައްޓަން އެދޭކަމަށް ހައިކޯޓަށް ދަންނަވާފަ. ހައިކޯޓުގެ ފަނޑިޔާރުންވެސް ނިންމާފަ އޮތީ އަމުރެއް ދެވެން ނެތް ކަމަށް،" ޝަމީމް ވިދާޅުވި އެވެ.

ހައި ކޯޓުން އެ އިންޑިޔާ މީހާގެ މައްސަލަ ބާތިލުކޮށް މައްސަލަ ބޭރުކޮށްލީ، އޭނާ އުޅޭ ތަނެއް ހޯދިއްޖެ ނަމަ އަލުން މައްސަލަ ހައި ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ލިބޭނެކަން ޕީޖީ އޮފީހަށް އަންގަމުންނެވެ. 

އެކަމަކު ސުވާލަކީ ޑީޕޯޓް ކުރި އިންޑިޔާ މީހަކު އަލުން ރާއްޖެ ގެނެވިދާނެތޯއެވެ؟ އަދި ކުށް ސާބިތު ނުވާ ކަމަށް ދަށު ކޯޓުން ނިންމުމާއެކު ޑީޕޯޓްކޮށްލަން ޖެހުނީ ކީއްވެގެންތޯއެވެ؟ 

އުމުރުން އެންމެ ހަތް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް ފަހު ފުރައިގެން ދިޔައީއެވެ. އެ ތުއްތު ކުއްޖާއަށް ދެން އިންސާފު ލިބޭނެތޯއެވެ؟ މިކަމުގެ ޒިންމާ ނަގާނީ ކާކުތޯއެވެ؟ 

9%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
74%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް