ކުއްކުރުން ހުއްޓެވުމަށް ޓޭޒާ ގަން ބޭނުން ކުރުމަށް ފުލުހުން ނިންމީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.
އެކަމުގެ ކަންބޮދުވުން ފާޅުކޮށް ރާއްޖޭގެ ބައެއް މަދަނީ ޖަމިއްޔާތަށް ކަމަށާއި އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް އާއި، ހޭންޑްސް ޓުގެދާ، މެންޓަލް ހެލްތު ސަޕޯޓް ގްރޫޕާއި، ރައިސް އަޕް މޯލްޑިވްސް އަދި ސޭވް މޯލްޑިވްސް އިންވަނީ ޓޭޒާ ގަން ބޭނުން ކުރުން މިހާރުން މިހާރަށް ހުއްޓާލަން ގޮވާލައިފިއެވެ.
އެ ޖަމިއްޔާތަކުން ބުނީ ޓޭޒާ ގަން އަކީ އިންސާނުންގެ ހަށިގަނޑަށް ގެއްލުން ހުރި އެއްޗެއް ކަމަށެވެ. އޭގެ ސަބަބުން މީހުންގެ ފުރާނަ ގެއްލޭ ނުރައްކާތެރި އެއްޗެއް ކަމަށްވެސް ބުންޏެވެ.
ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ވަނީ 2016 ވަނަ އަހަރު އިނގިރޭސިވިލާތުގެ ސައިންޓިފިކް އެޑްވައިޒަރީ ކޮމިޓީ އޮން މެޑިކަލް އިމްޕްލިކޭޝަންސް އޮފް ލެސް ލީތަލް ވެޕަންސް އިން ބުނެފައިވައިވާ ގޮތުން ޝޮކް ލިބޭ ފަރާތުގެ ހިތް ހުއްޓޭ ހާލަތްތައް ވެސް ކުރިމަތިވެފައިވާކަމަށެވެ. އޭގެ އިތުރުން އެ ބަޑި ޖެހުމުން ވަރަށް ތަދުވާ ކަމަށް އެ އަނިޔާ ލިބުން މީހުން ބުނެފައިވާ ކަމަށްވެސް އެ ޖަމިއްޔާތަކުން ބުނެފައިވެއެވެ.
2018 ވަނަ އަހަރުގެ ރިޕޯޓެއްގައި ބުނެފައިވަނީ، %90 މީހުން އެ ބަޑި ޖެހުމުގެ ސަބަބުން މަރުވެފައިވާކަމަށެވެ. އެހެން ދިރާސާ އަކުން ދައްކާފައިވާ ގޮތުން ޓޭޒާ ބަޑި ޖެހުމުގެ ސަބަބުން %150 މީހުން މަރުވެފައިވާއިރު، ގިނަ މީހުންތަކެއްވަނީ ނަފްސާނީ ބަލިތަކާއި ސިކުނޑީގެ އެކި ބަލިތައް ތަހައްމަލު ކުރަމުންނެވެ.
މިކަމާ ގުޅިގެން ޖަމިއްޔާއިން ބުނީ ފުލުހުން ޓޭޒާ ބޭނުންކުރަން ނިންމި ނިންމުމަކީ ކުރިއެރުމެއް ލިބޭނެ ކަމެއް ނޫން ކަމަށާއި އެ ނިންމުން ބަދަލުކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އަށް ގޮވާލާ ކަމަށެވެ.