
އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް)ގެ ދިހަވަނަ އަހަރީ ދުވަހާ ދިމާކޮށް "ސެލެބްރޭޓިން އަ ޑެކޭޑް އޮފް ޑިފަރެންސް" ނަމުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ ކުޑަކުދިންނަށް ކުރާ ގޯނާގެ މައްސަލަތަކަކީ ހަމައެކަނި އާއިލާތަކުން ނުވަތަ މުޖުތަމައަށް ހައްލު ކުރެވޭނެ ކަންކަން ނޫން ކަމަށެވެ.
"މިފަދަ ކަންކަމަކީ، ހަމައެކަނި ޢާއިލާތަކުން ނުވަތަ މުޖުތަމަޢުން ޙައްލުކުރެވޭނެ ކަންކަމެއް ނޫން. މިކަމުގައި ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކުން މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރަން އެބަޖެހޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޝަރުއީ ކޯޓުތަކާއި ތަހުގީގީ އިދާރާތަކާއި، ތަންފީޒީ އެހެން އިދާރާތަކުގެ ޒިންމާ އާއި މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ކުރަން ޖެހޭ ކަމަށާއި، މި މައްސަލައަކީ އެންމެން ގުޅިގެން ނޫނީ ހައްލު ނުކުރެވޭނެ މައްސަލައެއް ކަމަށެވެ.
ދައުލަތުގެ އިދާރާތަކަށް ދިމާ ގޮންޖެހުންތައް ފާހަގަކުރައްވައި، ރައީސް ސޯލިހު ވިދާޅުވީ ފަންނީ ބޭފުޅުން މަދުވުމަކީ އެންމެ ބޮޑު މައްސަލަ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ފަންނީ ބޭފުޅުން މަދުވުން ފަދަ މައްސަލަތައް ހައްލު ކުރުމަށް އަމިއްލަ ޖަމިއްޔާތަކަށް ބޮޑު ދައުރެއް އަދާ ކުރެވިދާނެ އެވެ.
"އަޅުގަނޑު ގަބޫލުކުރާގޮތުގައި، ދައުލަތް ހިންގުމަކީ ނުވަތަ ސަރުކާރެއް ހިންގުމަކީ، ހަމައެކަނި ރައްޔިތުން އިންތިޚާބުކޮށްފައި ތިބޭ ބަޔަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން މިއަދަކު. ދައުލަތް ހިންގުމުގެ މަފްހޫމް އެއަށްވުރެ މިހާރު މާ ފުޅާވެއްޖެ. އަމިއްލަ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކަކީވެސް، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި މިހާރު ހިމެނޭ އެއްބައި،" އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އާކްއަށް ދިހަ އަހަރު ފުރުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވަނީ މިދިޔަ އަހަރު އެ ޖަމިއްޔާގެ އެމްބެސެޑަރުންގެ ގޮތުގައި މަސައްކަތް ކުރި ފަރާތްތަކަށް ހަނދާނީ ފިލާ ދެއްވާފަ އެވެ.