ads
ރާއްޖޭގެ ރިސޯޓެއް
ފަތުރުވެރިކަމަށް 11 ބިލިއަންރުފިޔާގެ ލޯން ދޫކޮށްފި
އެމްއެމްއޭ އިން 28 ފެބްރުއަރީ ގައި އާއްމުކޮށްފައިވާ "ލޯންސް ޓު ޕްރައިވެޓް ސެކްޓަރ ބައި ފައިނޭންޝިއަލް އިންސްޓިޓިއުޝަން" އިން ދައްކާގޮތުން، 28 ފެބްރުއަރީ 2023 ގެ ނިޔަލަށް، ފަތުރުވެރިކަމުގެ ދާއިރާއަށް 11.5 ބިލިއަން ރުފިޔާގެ ލޯން ވަނީ ދޫކޮށްފި އެވެ.

މިއީ ދޫކުރެވިފައިވާ ލޯންތަކަށް ބަލާއިރު %36 އެވެ. މިއީ ޖުމްލަ ދޫކުރެވިފައިވާ ލޯންތަކަށް ބަލާއިރު ނިސްބަތުން ބޮޑު އަދަދެއްކަން ފާހަގަކޮށްލެވެއެވެ. އަދި މިކަމުން ދައްކައިދެނީ، އިގްތިސާދީ އެހެނިހެން ދާއިރާތަކަށް ދިވެހި ވިޔަފާރިވެރިންގެ ޝައުގު ކުޑަވެފެއިވާ މިންވަރުކަމަށް، ދިވެހި އިގްތިސާދު ދިރާސާ ކުރައްވާ ފަރާތްތަކުން ދެކެއެވެ.

"ވިޔަފާރިތަކަށް ހޭދަކުރާ މިންވަރު އެހެން އިގްތިސާދީ ދާއިރާތަކަށް މަދުވުމަކީ ކަންބޮޑުވާންޖެހޭ އަދި ވަރަށް ފުންކޮށް ވިސްނާލަންޖެހޭ ކަމެއް. އަޅުގަނޑުމެންނަށް، ފަތުރުވެރިކަމަށް ބަރޯސާވެގެން ތިބެވެން ނެތްކަން 2020 އަހަރު ހާމަވެގެން ގޮއްސި. މިހާރުވެސް، ރަޝިއާ އާއި ޔޫކްރެއިން އާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކޮންމެފަދަ ވަގުތަކުވެސް ފަތުރުވެރިކަމަށް ލޮޅުމެއް އަރާފާނެ. އެއީ އިގްތިސާދުގެ މައި އެއް ސެކްޓަރ ކަމަށްވާ ޕަރޗޭސިންގ ޕަވަ ގެ ބޮޑުބައެއް މިއޮންނަނީ ފަތުރުވެރިކަމެގެ ދާއިރާގައި މަސައްކަތްކޮށް އެއިން ލިބޭ އާމްދަނީ އެއްގެ މައްޗަށް. މިކަމާއި މެދު ދައުލަތުން ވަރަށް ބޮޑަށް ވިސްނަވާ، އެހެނިހެން އިގްތިސާދީ ދާއިރާތައް ކުރިއަރުވަން މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރަން ޖެހޭ" ދިވެހިރާއްޖޭގެ އިގްތިސާދު ދިރާސާކުރައްވާ ފަރާތެއް ނަންނުޖެހުމަށް ޝަރުތުކޮށް ސީއެންއެމް އާއި ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

ދަނޑުވެރިކަމުގެ ދާއިރާ ކުރިއަރުވައި ދަނޑުވެރިންނަކީ އިގްތިސާދުގެ މުހިއްމު ބައިވެރިއެއްކަމަށް ހެދުމަށް ސަރުކާރުން ވައުދުވެފައިވީނަމަވެސް، ދަނޑުވެރިކަން ކުރިއަރުވަން މާ ގިނަ މަސައްކަތްތަކެއް ނުކުރެވޭކަމަށްވެސް ސީއެންއެމް އާއި ވާހަކަދެއްކެވި ބޭފުޅާ ފާހަގަކުރެއްވިއެވެ. 

އަދި މީގެ އިތުރުން، މަސްވެރިކަމަށް ނިކުންނަން، ނުވަތަ މަސްވެރިކަމަށް އަލަށް އިންވެސްޓްކުރަން ދިވެހި ވިޔަފާރިވެރިން މިހާރު ޖެހިލިންވާކަމަށާއި، އެއީ މަސްވެރިކަމުގައި ޙަރަކާތްތެރިވާ ގިނަ އުޅަނދުތައް ގެއްލުމުގައި ދުއްވާ، އަދި މަސްވެރިކަމަށް ދޫކޮށްފައިވާ ލޯންތައް ނުދެއްކޭ ފަދަ ޙާލަތްތަކަށްގޮސް، ބޭންކް ތަކުން އެދޯނިތައް ނަގާ ހިސާބަށްދާތީ ކަމަށްވެސް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

އެމްއެމްއޭ އިން ފާހަގަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ދެވަނައަށް އެއްމެ ގިނަ އަދަދަކަށް ލޯން ދޫކުރެވިފައިވަނީ އިމާރާތްކުރުމުގެ ދާއިރާއަށްކަން ފާހަގަކޮށްލެވެއެވެ. އިމާރާތްކުރުމުގެ ދާއިރާއަށް 6.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރެފައިވާކަމަށް ދައްކާއިރު، މަސްވެރިކަމަށް 496 މިލިއަން ރުފިޔާ އަދި ތަކެތި އުފެއްދުން ނުވަތަ މެނުފެކްޗަރިންގ އަށް 199 މިލިއަން ރުފިޔާގެ ލޯން ދޫކުރެވިފައިވެއެވެ. 

މީގެއިތުރުން އަމިއްލަ ނުވަތަ ޕާސަނަލް ލޯންގެ ގޮތުގައި 4.7 ބިލިއަން ރުފިޔާގެ ލޯން ދޫކުރެވިފައިވާ ކަމަށްވެސް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް