ads
ޕޮންޒީ ސްކީމްއަށް ހޭލުތެރި ކުރުމުގެ ޕޯސްޓެއް
"ޕޮންޒީ ސްކީމް" އަކީ ކޮބާ؟
2022 ވަނައަހަރު އެއްމެ ގިނަބަޔަކަށް އެއްމެ ބޮޑު ސަމާލުކަމެއް ލިބުނީ "ޕޮންޒީ ސްކީމް" އެއްގެ ސިފަތައް އެކުލެވޭ ސްކީމްއެެއް ދިވެހިރާއްޖޭގައި ހިންގަމުންދާ ކަމަށް ބުނެ އެމްއެމްއޭ އިން އާއްމު ކުރުމުންނެވެ.
Advertisement

މިއާއިއެކު، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އެބޭފުޅާގެ އާއިލާއަށް ނިސްބަތްވާ ބޭފުޅުންގެ ނަމުގައި ހިންގަމުންއައި ވިޔަފާރި، "ކިންގްސް ކެޕިޓަލް ހޯލްޑިންގ އިން އެފަދަ ސްކީމެއް ހިންގާ އޭގެ ވިޔަފާރި ހިންގަމުން އަންނަކަމުގެ އަޑުތައްގަދަވިއެވެ. 

އެވާހަކަ ފެތުރުނުތާ މާގިނަދުވަހެއް ނުވެ، ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ނަމަކަށް ކިޔާ ކުންފުނީގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓް ފްރީޒްކުރެވި، ޖިނާޢީ ތަހްގީގެއްވެސް ހިންގަން ފެށުނެވެ. އެއާއި އެކު ދެން އިވެންފެށީ، އެތަކެއް އިންވެސްޓަރަކަށް ކިންގްސް ކެޕިޓަލް ހޯލްޑިންގްސް އަށް އިންވެސްޓް ކުރުމުގެ ސަބަބުން ގެއްލުން ލިބުނުވާހަކަ އެވެ. މިހުރިހާ ވާހަކަ އާއިއެކު، "ޕޮންޒީ ސްކީމް" އަކީ ވަރަށްގިނަ ދިވެހިންނަށް، ކުރިން އާ ނަމަވެސް، މިހާރު ވަރަށް އާއްމު ބަހަކަށް ވެގެން ހިނގައްޖެއެވެ. މިއާއެކު، ޕޮންޒީ ސްކީމަކީ ކިހިނެތްވާ، ކޮންކަހަލަ ސްކީމެއްތޯ ބަލާލަމާ ހިނގާށެވެ.

ޕޮންޒީ ސްކީމް އަކީ، ވަރަށް ކުރުކޮށް ދަންނަވާނަމަ، މަކަރާއި ހީލަތުން މީހުންގެ އަތުން ލާރި ހޯދުމަށް ހިންގާ އެކި ސްކީމްތަކުގެ ތެރެއިން، ވަކި ހާއްސަ ސިފަތަކެއް އެކުލެވޭ ސްކީމަކަށް ކިޔާ ނަމެކެވެ. ޕޮންޒީ ސްކީމްގައި، އިންވެސްޓް ކޮށްގެން ނުވަތަ ފައިސާ ދީގެން ކުރުމުއްދަތެއްގެ ތެރޭގައި، އިންވެސްޓް ކުރި ފައިސާގެ އެތަކެއްގުނަ އިތުރު އަދަދެއް ލިބޭނެކަމުގެ ޔަގީކަން، މި ސްކީމް ހިންގާ ފަރާތްތަކުން އިންވެސްޓަރުންނަށް ދެއެވެ. އަދި މިގޮތުގެ މަތީން، އެއްމެ ފުރަތަމަ އިންވެސްޓް ކުރާ ފަރާތްތަކަށް، އޭގެ ފަހުން އިންވެސްޓްކުރާ ފަރާތްކުންދޭ ފައިސާއިން، އިންވެސްޓްމެންތް ރިޓާންދީ، އެކަން އިޝްތިހާރުކޮށް، ކޮންމެ މީހަކު އިންވެސްޓް ކުރިނަމަވެސް، އެމީހަކަށް ފައިދާ ލިބޭނެކަމުގެ ޔަގީންކަން ލިބިދޭ ފަދަގޮތަކަށް ވާހަކަފަތުރާ މީހުންގެ ހިތްޖައްސުވައެވެ.

ޕޮންޒީ ސްކީމްގައި އިންވެސްޓް ކުރާ ފަރާތްތައް "ޕިރަމިޑް" އެއްގެ ގޮތަށް ސިފަވިނަމަވެސް، ޕޮންޒީ ސްކީމް އާއި ޕިރަމިޑް ސްކީމް ވަރަށް ތަފާތެވެ. ޕިރަމިޑް ސްކީމް އަށް އިންވެސްޓް ކުރާ ފަރާތްތަކަށް، އިންވެސްޓްމެންޓް ރިޓާން ލިބޭނެ ހަމައެކަނި ގޮތަކީ، އައު އިންވެސްޓަރުން ހޯދުންކަމަށް ޔަޤީންވިޔަސް، ޕޮންޒީ ސްކީމްގައި ހަރަކާތްތެރިވާ އިންވެސްޓަރުންނަށް ދީފައި އޮންނަ ޔަގީންކަމަކީ، ކޮންމެ ގޮތަކަށްވިޔަސް، އިންވެސްޓްމަންޓްގައި އެއްބަސްވޮގޮތަށް، އިންވެސްޓްމެންޓް ރިޓާން ލިބޭނެކަމެވެ. އަދި އެކަމާ އިންވެސްޓަރ އެއްވެސްގޮތަކަށް ވިސްނާކަށް ނުޖެހޭނެކަމެވެ.

ޕޮންޒީ ސްކީމެއް ކަން ޔަގީންކުރެވޭ ބައެއް ޙާލަތްތައް:

  • އިންވެސްޓްމެންތް ރިޓާންގެ ގޮތުގައި ބޮޑެތި އަދަދުތަކެއް ލިބޭނެކަމަށް ބުނުން

ކޮންމެކަމަކަށް އިންވެސްޓް ކުރިއަސް، އެ އިންވެސްޓްކުރާ ފަރާތަށް އަބަދުވެސް އެއީ އެކަމުގައި ކޮންމެވެސް ވަރެއްގެ ރިސްކް އެއް ނުވަތަ ފައިސާ ފަސޭހަކޮށް ނުލިބޭނެ ފަދަ ހާލަތެއް ދިމާވެދާނަކަމަށް ޤަބޫލުކުރާނެއެވެ. އެހެނީ މިސާލަކަށް، އެއްޗެއް ވިއްކުމުގެ ބޭނުމުގައި ހަރަދުކުރާ ފައިސާ، އެ ވިއްކަން އުޅޭ އެއްޗެއް ނުވިކިއްޖެ ހާލަތެއް އަތުވެއްޖެނަމަ، އަނބުރާ ނުލިބޭނެ ކަން ފަދަ، އަދި ނުވުކި ދިގުލައިގެން ގޮސްފިނަމަ، ފައިސާ އަނބުރާ ލިބެން ގިނަ ދުވަސްނަގާނެކަމަށް ގަބޫލުކުރެވޭނެއެވެ. އެހެންނަމަވެސް، ޕޮންޒީ ސްކީމް ހިންގާ ފަރާތްތަކުން، އަވަސް އަދި ކުރުމުއްދަތެއްގެ ތެރޭގައި، "ޔަގީން ކަމާއެކު" އިންވެސްޓްމެންތް ރިޓާން ލިބޭނެކަމަށް ބުނެ އުޅޭނެއެވެ.

  • އިންވެސްޓްމެންޓް ރިޓާންގެ ގޮތުގައި ލިބޭ ޢަދަދު އަބަދު އެއްވަރެއްގައި ނުވަތަ އެއަށްވުރެ ބޮޑުވާނެކަމަށް ބުނުން

ވިޔަފާރިއަކަށް އިންވެސްޓް ކޮށް، އަދި އެ ވިޔަފާރިން އިންވެސްޓްމެން ރިޓާން ލިބުމަށް އެދޭމީހާ އަށް، އަބަދު އެއްވަރެއްގައި ރިޓާން އޮން އިންވެސްޓްމެންޓް ނުވަތަ ފައިދާ ނުލިބިދާނެކަމަށް ގަބޫލުކުރެވޭނެއެވެ. އެހެނީ އެއްވެސް ވިޔަފާރި ކުންފުންޔަކަށް އަބަދު އެއްވަރެއްގައި ވިޔަފާރި ނުކުރެވިދާނެތީ އެވެ. ދިމާވާ ޙާލަތްތަކާއި އެކު، ފަައިދާ ބޮޑުވެ އަދި ކުޑަވާނެ ކަމަށް، ރަނގަޅު ވިޔަފާރިވެރިން ބުނާނެއެވެ. އެހެންނަމަވެސް، ޕޮންޒީ ސްކީމް ހިންގާ ފަރާތްކުގެގެ ޖަވާބަކަށް ވާނީ، އަބަދުވެސް ފައިދާ އެއްވަރެއްގައި ނުވަތަ، އެއަށްވުރެ ގިނައިން ލިބޭނެ ވާހަކައެވެ. ދުވަހަކުވެސް ފައިދާ ދައްވެގެން ހިތާމަކުރަންނުޖެހޭނެ ކަމަށް އެމީހުން ބުނާނެއެެވެ.

  • ރެޖިސްޓްރީ ނުކުރާ އިންވެސްޓްމެންޓްސް

އިންވެސްޓްމެންޓަކަށް ފައިސާ ހަރަދުކުރުމުގެ ކުރިން، އަބަދުވެސް އެއީ ރެޖިސްޓްރީ ކުރެވިގެން ހިންގާ ވިޔަފާރިއެއްތޯ ބަލަންވާނެއެވެ. ފައިސާގެ ވިޔަފާރި ކުރާ ވިޔަފާރިތަކަކީ، ކޮންމެ ގައުމެއްގެވެސް އެ ޤައުމެއްގެ ސެންޓްރަލް ބޭންކް އިން ދޫކުރާ ވަކި ހާއްސަ ހުއްދައެއްގެ ދަށުން ނޫނީ ނުހިންގޭނެ ވިޔަފާރި ތަކެވެ. ޕޮންޒީ ސްކީމް ހިންގާ ފަރާތްތަކުގެ އަތުގައި މިފަދަ ހުއްދަ އެއް ނޯންނާނެއެވެ. އެހެނީ، އެމީހުން އިންވެސްޓްމަންތައް ހޯދުމަށް ހުށަހަޅާ ކަންތައްތަކަކީ، އިންވެސްޓަރުންނަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެދާނެ ފަދަ ކަންތައްތަކަށް ވާތީވެ، ހުއްދަ ދޫކުރާ ފަރާތްތަކުން އަބަދުވެސް އެފަދަ ކަންތައްތަކަށް ސަމާލު ވާނެތީ އެވެ.

  • ސިއްރު އަދި ވިސްނައިގަންނަން އުނދަގޫ ސިޔާސަތުތައް

އިތުރު ކަމަކަށް ފާހަގަ ކޮށްލަންޖެހެނީ، ޕޮންޒީ ސްކީމް ހިންގާ ފަރާތްތަކުގެ "ސިއްރު" ސިޔާސަތުތަކާއި، އިންވެސްޓަރަށް ވިސްނައިގަންނަން އުނދަގޫ ވާނެ ފަދަ ވާހަކަތައް ގިނަކަމެެވެ. މިގޮތުން ފައިސާ އަނބުރާދެވޭނީ ކިހެނެއްކަން އެހުމުން، ސީދާ ދެވޭނެ ގޮތެއް ބުނެނުދީ، އެކިކަހަލަ ވާހަކަ ދައްކާނެއެވެ. އެހެންނަމަވެސް، އިންވެސްޓަރެއް އެމީހަކު ފައިސާ އިންވެސްޓްކުރާ ތަނަކުން، އިންވެސްމެންޓް ރިޓާން ލިބޭނީ ކިހިނެތްކަން އަހާލައިފިއްޔާ، އެ ކުންފުނިން ކުރާ މަސައްކަތް ތަފްސީލާއި ހެއްކާއެކު ހާމަކުރާނެއެވެ. މޭގެތެރޭގައި އޮޑިޓެޑް ފައިނޭންޝިއަލް ސްޓޭޓްމަންޓްސް ފަދަ ކަންތައްތ ހިމެނޭނެއެވެ.

ޕޮންޒީ ސްކީމްގެ ތާރީޚު

ޕޮންޒީ ސްކީމަށް، ޕޮންޒީ ސްކީމްގެ ނަން ދެވުނީ، 1919 ވަނައަހަރު މަކަރާއި ހީލަތުން އެތަކެއްހާސް މީހުންނެއްގެ އަތުން، އޮޅުވާލައިގެން ފައިސާހޯދި މަކަރުވެރިއެއް ކަމަށްވާ "ޗާލްސް ޕޮންޒީ" އަށް ނިސްބަތްކޮށެވެ. މިނާއަކީ މިކަމެއް ފެއްޓީ 1919 ވަނައަހަރު "ޕޯސްޓޭޖް ސްޓޭމްޕް" ތަކެއް ގަންނަން އިންވެސްޓްކުރާ ފަރާތްތަކަށް "%50 އަދި %100" އިން އިންވެސްޓްމެންޓް ރިޓާން ކޮށްދޭނެކަމަށް ބުނެެއެވެ. އަދި އިންވެސްޓްމެންޓް ރިޓާން %50 ލިބޭ މީހުންނަށް 45 ދުވަހުން އަދި %100 ލިބޭމީހުންނަށް 90 ދުވަހުން ލިބޭނެކަމަށް ބުނެއެވެ. އެދުވަސްވަރަކީ، ދުނިޔޭގެ އެއްތަނުން އަނެއްތަނަށް ޕޯސްޓް ގެ ޒަރީއާއިން ތަކެތި ފޮނުވުން މަޝްހޫރު ދުވަސްވަރެކެވެ. އަދި އަވަސް ޕޯސްޓް ގެ ހިދުމަތް ނުވަތަ "ޕްރިއަރިޓީ ޕޯސްޓިންގ" އަށް "ޕޯސްޓޭޖް ސްޓޭމްޕް" ވިއްކައި އުޅުނު ދުވަސްވަރެކެވެ. 

ޕޮންޒީ އަށް ދުނިޔޭގެ އެކި ގައުމުތަކުން އަގުހެޔޮކޮށް މިގޮތަށް ކޫޕަންތައް ގަނެ، އެ ކޫޕަންތައް ގަތުމަށް ހޭދަކުރި އަގަށްވުރެ އެތަކެއް އަގުބޮޑު "ޕޯސްޓޭޖް ސްޓޭމްޕްތަކަށް" ބަދަލުކުރެވޭނެ މަގެއްފެނި، އަދި މި ޕޯސްޓޭޖް ސްޓޭމްޕްތައް ވިއްކައި، އެގޭއިން ފައިދާ ހޯދޭނެ ގޮތެއް ފެނުމާއި އެކު، މިފުރުސަތުގެ ބޭނުންހިފައި، މީނާގެ ސްކީމް މީސްމީހުންނަށް ވިއްކަން ފެށިއެވެ. އަދި މިކަމުން ލިބޭ މަންފާތައް ފެނި، އެހެން މީހުން މީނާ ލައްވާ މިމަސައްކަތްކޮށް، އޭގެއިން މަންފާލިބޭނެކަމަށް ބަލާ، އިންވެސްޓްކުރަން ފެށިއެވެ. ފުރަތަމަކޮޅު، އިންވެސްޓްކުރި މީހުންނަށް، ފަހުން އިންވެސްޓްކުރި މީހުންގެ އަތުން ލިބުނު ފައިސާގެ ތެރެއިން ބައެއް ދިނުން ވެގެންދިޔައީ، އަލަށް އިންވެސްޓްކުރަން އެހެންމީހުންނަށް ދައްކަން ލިބުނު ހެއްކަކަށްވިއެވެ. 

އަދި ފަސޭހަކަމާއި އެކު، އެތަކެއް ހާސް މީހުންނެއްގެ އަތުން މިގޮތަށް ފައިސާ ހޯދާ، އެމީހުން މީނާގެ މަޅީގައި ޖެއްސިއެވެ. މިކަންތައް 1920 ވަނަ އަހާއި ހަމައަށް މީނާ ކުރިއަށް ގެންދިޔައެވެ. އެހެންނަމަވެސް، އިންވެސްޓް ކުރި މީހުން އެމީހުންނަށް ލިބެންޖެހޭ އިންވެސްމެންތް ރިޓާން ނުލިބި ލަސްވެގެން ދިޔުމުގެ ސަބަބުން ހުށަހެޅި ޝަކުވާތައް ބެލުމަށް، ޔޫ.އެސް ސެކިއުރިޓީސް އެކްސްޗޭންޖް އިން މިކަމުގެ ތެރެއަށް ވަދެ، މިކަން ތަހްގީގުކުރަން ފެށި ހިސާބުން މިކަން ހުއްޓުމަކަށް އައެވެ. އެއިރު އެތަކެއްހާސް މީހުންނެއްވަނީ މީނާގެ މަޅީގައި ޖެހި، މިއަށް އިންވެސްޓްކޮށްފައި އެވެ. ފަހުން އިންވެސްޓްކުރި އެއްވެސް މީހަކަށް އޭގެ ރިޓާން އެއް ނުލިބުނެވެ.

"ޕޮންޒީ ސްކީމް" އިން ރައްކާތެރިވާނެ ގޮތް

އެއްވެސް ފަރާތަކުން އިންވެސްޓް ކޮށްދޭށޭ، ރިޓާން އޮން އިންވެސްޓްމަންޓް މިވެނި މުއްދަތެއްގެ ތެރޭގައި ދޭނަމޭ ބުނެފި ކަމަށްވާނަމަ، އެއްމެ ފުރަތަމަވެސް، އެ ފަރާތަކީ، އިންވެސްޓްމެންޓް ފަންޑް އެއް ހިންގުމުގެ ލައިސެންސް އޮތް ފަރާތެއްތޯ ބަލާށެވެ. އަދި އޭނާގެ އިންވެސްޓްމެންޓް ރިޓާން ދޭން ހިޔާރުކުރާގޮތް، ފައިނޭންޝިއަލް ސްޓޭޓްމަންޓްސް އެހީގައި ދެއްކުމަށް އެދޭށެވެ. މީގެއިތުރުން، އިންވެސްޓްމެން ރިޓާންގެ ގޮތުގައި ދޭނެކަމަށް ބުނާ އަދަދާއި، ދޭނެކަމަށް ބުނާ މުއްދަތަކީ، ރިއަލިސްޓިކް އަދަދުތަކެއްތޯ ބެލުމަށް، ފައިނޭންސިންގ ދާއިރާއިން ތަޖުރިބާލިބިފައިވާ މީހުންގެ އެހީ ހޯދާށެވެ. އަދި ކިރިޔާވެސް ޝައްކެއް އުފެދޭކަމަށް ވަނީނަމަ، އިންވެސްޓް ނުކުރާށެވެ.

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް