'ޒަކާތު ނަފާ' ޕްރޮގްރާމަކީ އިސްލާމިކް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ނޮޅިވަރަމުގެ ހަތަރު އާއިލާއަކަށް ދަނޑުވެރިކަން ކުރުމަށް އެހީ ވަނީ ދީފައެވެ.
އެ ކުންފުނީގެ ޓެކްނިކަލް ފަރާތްތަކުގެ ތަޖުރިބާ އާއެކު، 5،000 އަކަފޫޓުގެ ބިމެއްގައި ހަދާފައިވާ ހަތަރު ގްރީންހައުސްއަކީ ފަޓިގޭޝަން ސިސްޓަމް ބެހެއްޓިފައިވާ ބޮޑުމިނުގައި 16 ފޫޓް 50 ފޫޓުގެ ހިމެނޭ ހަތަރު ގްރީންހައުސް ކަމަށް އެގްރޯނެޓުން ބުނެއެވެ.
އެ ކުންފުނިން ބުނީ ބިމުގެ ބާކީ ބައިގައި ވަޅާއި ޕަންޕު ބަހައްޓާ، ޒަމާނީ އިރިގޭޝަން ސިސްޓަމެއް ގާއިމްކޮށްފައިވުމުން ދަނޑުގެ ބޮޑު ބަޔަކަށް ސެމީއޮޓޯމެޓިކްކޮށް ފެންދެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށެވެ. އެގްރޯނެޓުން ބުނި ގޮތުގައި ދަނޑަށް ފެންދިނުމަށް ދަނޑުވެރިން ދޭއް ނުވަތަ ތިން ގަޑިއިރު ހޭދަކުރަންޖެހޭއިރު، އަލަށް ގާއިމުކުރެވުނު އިރިގޭޝަން ސިސްޓަމްގެ އެހީގައި މަދުވެގެން 20 މިނެޓުގެ ތެރޭގައި މުޅި ދަނޑަށް ފެން ޖަހާ ނިންމާލެވޭނެ ކަމަށެވެ.
މި ޕްރޮޖެކްޓުގެ ދަށުން ދަނޑުވެރިންނަށް ބޭނުންވާ ޓްރެއިންނިން އާއި ދަނޑުވެރިކަން ކުރަން ބޭނުންވާ ގަސްކާނާ، އޮށް އަދި ބޭސް ފަދަ ހުރިހާ ވަސީލަތެއް އެ ކުންފުނި މެދުވެރިކޮށް ދަނޑުވެރިންނަށް ފޯރު ކޮށްދެވިފައިވާ ކަމަށް އެގްރޯނެޓުން ބުނެއެވެ. އެ ކުންފުނިން ބުނީ ފަޓިގޭޝަން ސިސްޓަމް އާ ބެހޭ މައުލޫމާތާއި ދަނޑުވެރިކަމުގެ ފަންނީ އެހީތެރިކަން ދަނޑުވެރިންނަށް ދެވިފައިވާ ކަމަށެވެ.
އެގްރޯނެޓުން ބުނި ގޮތުގައި ކުރިއަށް މިއޮތް ހަމަސް ދުވަހުގެ ތެރޭގައި މި ގްރީންހައުސްތަކުގައި ދަނޑުވެރިކަން ކޮށްގެން މާކެޓަށް ބައެއް ބާވަތްތައް ނެރެވޭނެކަމަށް ބެލެވޭ ކަމުގައެވެ. ދަނޑުވެރިން ހައްދާ ހުރިހާ ބާވަތްތަކެއް އެއް އަހަރު ވަންދެން އެގްރޯނެޓުން ގަންނާނެ ކަމަށާއި އެއް އަހަރު ހަމަވުމުން ދަނޑުވެރިންނަށް އެގްރޯނެޓުގެ ކޮންޓްރެކްޓް ފާމިންގް ޕްރޮގްރާމް މެދުވެރިކޮށް ހައްދާ ބާވަތްތައް ވިއްކުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
'ޒަކާތު ނަފާ' ޕްރޮގްރާމަކީ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އަމިއްލައަށް މަސައްކަތްކޮށްގެން ފުދުންތެރި ދިރިއުޅުމެއް ފަށައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މިއީ އަމިއްލައަށް މަސައްކަތްކޮށްގެން ޝަރަފުވެރި އަބުރުވެރި ދިރިއުޅުމެއް އުޅުމަށް ބާރުއެޅުމާ އެކު، އިގުތިސޯދު ކުރިއެރުވުމުގައި ފަރުދުންގެ ބައިވެރިވުން އިތުރު ކުރުމާާއި ފަގީރުން އެމީހުންގެ ދިރިއުޅުން ތަނަވަސްވެ ކުރިމަގުގައި މުދަލު ޒަކާތް ދެއްކުމާ ހަމައަށް ވާސިލުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ދަނޑުވެރިކަމުގެ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދާނީ އެގްރޯނެޓުގެ ތަޖުރިބާ އާއި އެހީތެރިކަމާ އެކުގައެވެ.