މިއަލިފާނުގެ ހާދިސާގައި އެއްވެސްމީހަކު މިހާތަނަށް މަރުވެފައިވާކަމަށް ރިޕޯރޓްކޮށްފައި ނުވިނަމަވެސް، މި އަލިފާނުގެ ސަބަބުން ގާތްގަނޑަކަށް 2000 އާއި ގާތްކުރާ އަދަދަކަށް މި ރެފިއުޖީ ކޭމްޕްގައި ދިރިއުޅޭ ފަރާތްތަކުގެ ގެދޮރު ނުވަތަ ޓެންޓްތައް ބޭނުންނުކުރެވޭވަރަށް ހަލާކުވެ، 12000 އަށްވުރެ ގިނަ ރެފިއުޖީއިން ހާލުގައި ޖެހިފައިވާ ކަމަށް ބަންގަލަދޭޝްގެ ކަމާއި ބެހޭ ފަރާތްތަކާއި ހަވާލާދީ "ދަ ވޮޝިންގޓަން ޕޯސްޓް" އިން ރިޕޯރޓް ކޮށްފައި ވެއެވެ.
މިއީ މިވަގުތު މުޅިދުނިޔޭގައި ވެސް ވާ އެއްމެ ބިޔަ އަދި އެއްމެ ގިނަ ޢަދަދަކަށް ރެފިއުޖީން ދިރިއުޅޭ ރެފިއުޖީ ކޭމްޕަށް އެއްމެ ފަހުން ދިމާވި ހިތާމަވެރި ހާދިސާ ނަމަވެސް، މި ކޭޕްގައި ދިރިއުޅޭ ނިކަމެތި މުސްލިމުންނަށް މިފަދަ އެތަކެއް ހާދިސާއެއް ކޮންމެ ދުވަހަކުމެ ދަނީ ދިމާވަމުންނެވެ. އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު 12000 ރެފިއުޖީންގެ ތެރެެއިން ދެބައިކޮށްފަ އެއްބައި މީހުންނަކީ ކުޑަކުދިން އަދި އަންހެނުން ކަމަށްވާއިރު، މިއީ އެތަކެއް ވޭނަކާއި، ހިތްދަތިކަމެއްގައި އުޅެން މަޖުބޫރުވެފައިވާ ރެފިއުޖީންނަށް ދިމާވަމުންދާ އެކިއެކި ކާރިސާ ތަކަށް އިތުރުވި ބޮޅެކެވެ.
ގާތްގަނޑަކަށް މިލިނައަކާއި ގާތްކުރާ އަދަދަކަށް ރެފިއުޖީން ދިރިއުޅޭ މި ރެފިއުޖީ ކޭމްޕަކީ، މިޔަންމާގެ "ރާހީން" ސްޓްޓް އިން 2017 ވަނައަހަރު ހިޖްރަކޮށްފައިވާ މީހުންނެވެ. އެތަކެއް ހިތްދަތިކަމެއްގައި މި ރެފިއުޖީން އުޅެން މަޖުބޫވުވެފައި ވީނަމަވެސް، މި ރެފިއުޖީންނަށް އަލުން އަނބުރާ އެ މީހުންގެ ގައުމަށް ދެވޭނެކަމުގެ އެއްވެސް އުއްމީދެއް ނެތެވެ.
އެއީ އަލުން އަނބުރާ ގައުމަށް ހިނގައްޖެނަމަ، މިޔަންމާގެ ސަލާމަތީ ބާރުތަކާއި، ހަނގުރާމަވެރި ޖަމާޢަތްތަކުގެ ޝިކާރައަކަށްވެ، ފުރާނަ ހިނގައިދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާތީއެވެ. އަދި މި މީހުން ދިރިއުޅުނު ވިލެޖްގެ މަގުތަކުގައި "ރޯޑް މައިން" ފަދަ ނުރަައްކާތެރި ހަތިޔާރުތައް ބޭނުންކުރަމުންދާތީ އެވެ. މީގެ އިތުރުން މިވަގުތު އެ ސަރަހައްދުގައި ދިއުޅެމުންދާ ފަރާތްތަކަށް އަދިވެސް ހުއްޓުމެއްނެތި އެތަކެއް ދުއްތުރާތަކާއި އަނިޔާތަކެއް ލިބެމުންދާިއރު ވެސް، މިޔަންމާގެ ކަމާއިބެހޭ އެއްވެސް އިދާރާއަކުން މި މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެއްވެސް މަސައްކަތް ކުރަމުން ނުދާތީ އެވެ.
މި ރެފިއުޖީ ކޭމްޕްގައި ހިމެނޭ މީހުންގެ ތެރެއިން ބޮޑުބައެއް ހިޖްރަކޮށްފައިވަނީ 2017 ވަނައަހަރު، މި ސަރަޙައްދުގައި ދިރިއުޅެމުންދިޔަ ފަރާތްތަކާއި ދެކޮޅަށް ލާއިންސާނީ ބޮޑު ޖަރީމާއެއް ކަމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ނިންމާފައިވާ "ޚާއްސަ މިލިޓަރީ އޮޕަރޭޝަން" މިޔަންމާ ސިފައިން ފެށުމާއި ގުޅިގެންނެވެ.