
އިންޑިއާގައި އެއްޖިންސުން ގުޅުންހިންގާ މީހުންނާ، ހަށިވިއްކާ މީހުން އަދި ހުންސާއިންނަށް ލޭހަދިޔާކުރުން މަނާކޮށްފައިވަނީ އެގައުމުގެ ސޭފް ބްލަޑް ޓްރާންސްފިއުޝަން ސިސްޓަމް (ބީޓީއެސް) ޕޮލިސީގެ ދަށުންނެވެ.
ޔޫނިއަން މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާ އިން ސުޕްރީމް ކޯޓުގައި މިއަދު ބުނީ ހުންސާއިން، އެއްޖިންސުން ގުޅުން ހިންގާ މީހުން، އަދި ހަށިވިއްކާ މިހުންނަށް ލޭހަދިޔާކުރުން މަނާކުރީ ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބަލައިގެންކަމަށެވެ.
މި މައްސަލަ ޕެޓިޝަނަކުން ސުޕްރީމް ކޯޓަށް ވައްދާފައިވާއިރު، އެ މައްސަލައިގައި މިއަދު ވަނީ އިބްތިދާއީ އަޑުއެހުމެއް ބާއްވާފައެވެ.
އެގައުމުގެ ހެލްތު މިނިސްޓްރީން ބުނީ އެފަދަ މީހުން އެޗްއައިވީ، ހެޕަޓައިޓިސް ބީ އަދި ސީ ޖެހުމުގެ ނުރައްކާ ބޮޑުކަމަށް ސައިންޓިފިކް ހެކިތަކުން ފެންނަކަމަށެވެ.
އެމީހުންނަކީ އިޖުތިމާއީ ފޭރާމުގައި ބާކީވެފައިވާ ގްރޫޕްތަކެއްގެ ގޮތުގައި ތިބިބައެއް ކަމަށާއި އެ ފަދަ ބަލިތަކުން ފަރުވާ ހޯދަންވެސް އެމީހުންނަށް އިންޑިއާގައި ގޮންޖެހުންތަކެއް ހުރިކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
މި ގްރޫޕްތަކުން އަލަށް އުފެދިގެން އަންނަ ބަލިތައް ފެތުރުމުގެ ނުރައްކާ ވެސް ބޮޑު ކަމަށާއި، ފަހަކަށް އައިސް މަކީ ޕޮކްސް ވެސް ފިމަދަ މީހުންގެ ފަރާތުން ފެންނަ މިންވަރު އިތުރުކަމަށް އިންޑިއާގެ ހެލްތް މިނިސްޓްރީން ބުނެއެވެ.