
ރައީސްގެ މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން ވަޑައިގެންފައިވަނީ ގަތަރުގެ ވެރިރަށް ދޯހާއަށެވެ. އަދި އެމަނިކުފާނު ވަނީ ދޯހާގައި ކުރިޔަށްދިޔަ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގެ ޖެނެރަލް ޑިބޭޓްގައި ވާހަކަފުޅު ދައްކަވާފައެވެ.
މި ކޮންފަރެންސްގެ ހަވާސާގައި އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާއި ބައްދަލުކުރައްވާފައެވެ.
މީގެއިތުރުން މި ދަތުރުފުޅުގައި ރައީސް ވަނީ ސޭޝެލްސްގެ ރައީސް އާއި، ފަލަސްތީނުގެ ރައީސް އާއި، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ޓިމޯރ-ލެސްޓޭގެ ރައީސްއާއި، ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ގުރޫޕުގެ ޗެއަރ އަދި މަލާވީގެ ރައީސްގެ އިތުރުން ރިޕަބްލިކް އޮފް ސާބިއާގެ ރައީސްއާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުންތަކުގައި އެމަނިކުފާނު ވަނީ ދިވެހިރާއްޖެއާއި އެގައުމުތަކުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ޤައުމުތަކާ އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
ޖަރުމަންވިލާތަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޖަރުމަނު ވިލާތުގެ ބަރލިންގެ މެސޭ ބަރލިންގައި މިހާރު ކުރިޔަށްދާ، ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑުފެއާ ކަމުގައިވާ، އިންޓަރނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައި.ޓި.ބީ) ބަރލިން ފެއާއަށް ޒިޔާރަތް ކުރައްވާފައެވެ.
މި ދަތުރުފުޅުގައި ޖަރުމަނުގައި އެންމެ ފަހުގެ ރަސްމީ ބައްދަލުވުމެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަރުމަނުގެ ރައީސް އާ ބައްދަލުކުރައްވާފައެވެ.