މިނިސްޓަރު އަސްލަމް މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ އިންސްޓިޓިއުޓް އޮފް އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަސް (އައިއީއީއީ) އިން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އާ ގުޅިގެން ކުރިއަށް ގެންދާ 'ގްލޯބަލް ކޮންފަރެންސް އޮން ރިނިއުބަލް އެނަޖީ އެންޑް ހައިޑްރޮޖަން ޓެކްނޮލޮޖީސް' ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އަސްލަމް ވިދާޅުވި ގޮތުގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަކީ ފުޅާކުރެވޭނެ ދާއިރާއެއް ކަމަށާއި މި ދާއިރާގައި މުސްތަގުބަލު އެބައޮތް ކަމުގައެވެ. އެގޮތުން އިއާދަކުރަނިވި ހަކަތަ އާ ގުޅޭ އުފެއްދުންތަކާއި ޓެކްނޮލޮޖީތަކަށް އާންމުން މިހާރަށް ވުރެ އަހުލުވެރިކޮށް، މި ދާއިރާއިން ރަނގަޅު މާކެޓެއް އުފައްދަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކޮށް ކުރިއެރުމުގެ މުހިންމުކަން ފާހަގަކުރައްވާ ވާހަކަފުޅުދައްކަވަމުން އަސްލަމް ވިދާޅުވެފައިވަނީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާ އާ ގުޅުންހުރި ޓެކްނޮލޮޖީތައް ބޭނުންކުރާތާ އެތައް އަހަރެއް ވެފައިވީ ނަމަވެސް ކުރިއަރާފައިވާ ގައުމުތަކާއި ކުރިއަރަމުން އަންނަ ގައުމުތަކުގެ ދެމެދުގައި މިފަދަ ޓެކްނޮލޮޖީތައް ބޭނުން ކުރާ މިންވަރާއި ލިބެންހުރި މިންވަރުގެ ފަރަގު ބޮޑު ކަމަށެވެ.
އައިއީއީއީ އިން އެމްއެންޔޫ އާ ގުޅިގެން އެމްއެންޔޫގެ އޮޑިޓޯރިއަމްގައި ކުރިއަށް ގެންދާ މި ކޮންފަރެންސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރިނިއުބަލް އެނަޖީ މޯލްޑިވްސްގެ ފައުންޑަ އަދި ޗެއާމަން ޑރ. އިބްރާހީމް ނާޝިދެވެ.
މި ކޮންފަރެންސްގައި 38 ގައުމަކުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާ އާއި ހައިޑްރޮޖަން ޓެކްނޮލޮޖީގެ ދާއިރާ އާ ގުޅުންހުރި 200 އަށް ވުރެ ގިނަ ޕްރެޒެންޓޭޝަން ހުށަހަޅާނެއެވެ. މި ކޮންފަރެންސްގައި އެ ދާއިރާތަކާ ގުޅުންހުރި ސެޝަންތަކެއް ކުރިއަށް ގެންދާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.