
އިންތިހާބުގައި ވާދަކުރައްވާކަން އިއުލާނު ކުރެއްވިފަހުން ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވީ އިންތިހާބުގައި ވާދަކުރައްވަނީ އަމިއްލަ އިހްތިޔާރުގައި އަމިއްލައަށް ކަމަށެވެ. އަދި އެއީ އެއްވެސް މީހެއް ބުނެގެން ކުރާކަމެއް ނޫންކަމަށާއި އެވެސް މީހެއްގެ "އެޖެންޓެއް" ވެސް ނޫން ކަމަށް މުނައްވަރު ވިދާޅުވިއެވެ.
މި އަހަރުގެ ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިންގައި މުނައްވަރު އުޅުއްވުމުން ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުން އަންނަނީ މުނައްވަރު އިންތިހާބުގައި ވާދަކުރައްވަނީ ރައީސް ނަޝީދު ވިދާޅުވެގެން ކަމަށެވެ. މުނައްވަރަކީ ކުރިން އެމްޑީޕީގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ރައީސް ނަޝީދުގެ ރަނިންމޭޓަކަށް ވާނީ އައްޑޫ ބޭފުޅެއްކަމަށް ޕްރައިމަރީގެ ތެރޭގައި އިއުލާނު ކުރައްވާފައި ވަނިކޮށް ރައީސް ނަޝީދުގެ އަރިހުގައި މުނައްވަރު ކެމްޕެއިނަށް ވަޑައިގެންނެވުމުންވެސް ބައެއް ފަރާތަތަކުން ތުހުމަތުކުރީ ރައީސް ނަޝީދުގެ ރަނިންމޭޓެއްގެ ގޮތުގައި ނިކުންނަވާނީ މުނައްވަރު ކަމަށެވެ.
ނަމަވެސް މުނައްވަރު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެއްވެސް މީހެއްގެ ރަނިންމޭޓެއްގެ ގޮތުގައިވެސް ފެނިވަޑައިނުގަންނަވާނެ ކަމަށާއި އިންތިހާބުގައި ވާދަކުރެއްވުމުގެ ކަންކަމުގައި އެއްވެސް ސިޔާސީ ބޭފުޅަކާ މަޝްވަރާވެސް ކުރައްވާފައި ނުވާނެ ކަމަށެވެ.
މިއަހަރު އޮންނަ ރިޔާސީ އިންތިހާބު ބޭއްވުމަށް މިހާރު ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.