
ރިޔާސީ އިންތިހާބުގެ ކެމްޕެއިނާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ އަވަށްޓެރި އިންޑިއާއާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި އޮންނަ ގުޅުމާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އިންޑިއާއާއި މެދު އޮތީ އެންމެ މައްސަލައެއްކަމަށާއި އެއީ އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަނުންކަމަށް މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ އިންޑިއާގެ މަސައްކަތްތެރިންނާއި ފަތުރުވެރިންނާއި އިންވެސްޓަރުންނަށް މަރުހަބާ ކިޔާކަމަށެވެ. އަދި އެދާއިރާތަކުން އިންޑިއާއާއި ރާއްޖޭގެ ގުޅުން ބަދަހިވާން އެދޭކަމަށާއި ނަމަވެސް ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް އިންޑިއާ ވަންނަން ނޭދޭކަމަށް މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ތުހުމަތު ކުރެއްވި ގޮތުގައި، ބައެއް މައްސަލަތަކުގައި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީއަށް ބައެއް ވަޒީރުންވެސް ހާޒިރު ކުރެއެވެ. އަދި އެކަން އެގޮތަށް ކުރުން ހުއްޓާލުމަށްވެސް މުނައްވަރު ގޮވާލެއްވިއެވެ.
މުނައްވަރު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެއްވެސް މީހެއްގެ ރަނިންމޭޓެއްގެ ގޮތުގައިވެސް ފެނިވަޑައިނުގަންނަވާނެ ކަމަށާއި އިންތިހާބުގައި ވާދަކުރެއްވުމުގެ ކަންކަމުގައި އެއްވެސް ސިޔާސީ ބޭފުޅަކާ މަޝްވަރާވެސް ކުރައްވާފައި ނުވާނެ ކަމަށެވެ.
މިއަހަރު އޮންނަ ރިޔާސީ އިންތިހާބު ބޭއްވުމަށް މިހާރު ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.