
އިންޑިއާ ފުލުހުން ވަނީ އެ ފައިސާގެ އިތުރުން ޓީޗަރުގެ އަތުން 75،000 ރުފިޔާ (4 ލައްކަ އިންޑިއަން ރުޕީޒް) ނަގަނިކޮށް ރެޑްހޭންޑް ކޮށް އެ ދަރިވަރުގެ ބެލެނިވެރިން ފަޅާއަރުވާލާފައެވެ.
ޓީޗަރު ރޭޕްކޮށްފައިވަނީ ކޮލެޖެއްގައި ޑިގްރީއަށް ކިޔަވަމުން އަންނަ ދަރިވަރެކެވެ. ފުލުހުން ބުނެފައިވަނީ މިމަހު 7 ވަނަ ދުވަހު ކޮލެޖެއްގެ ދަރިވަރެއް އޭނާގެ ޓީޗަރު ރޭޕްކުރި ކަމަށް ބުނެ މައްސަލަ ހުށަހަޅާފައިވާކަމަށެވެ. ނަމަވެސް އެއީ ކޮން ކޮލެޖެއްގެ ދަރިވަރެއްކަން ހާމަކުރަން ފުލުހުން ދެކޮޅުހަދައެވެ.
ހުށަހަޅާފައިވާ ރޭޕް މައްސަލައިގައި ބުނެފައިވަނީ އެ ދަރިވަރު ގެއަށްލައިދޭނެކަމަށް ބުނެ ދިޔަ މަގުމަތީގައި ސޮފްޓް ޑްރިންކެއް ބުއިމަށް މަޑުކުރުމަށް ޓީޗަރު އެދުނުކަމަށެވެ. ނަމަވެސް ދަރިވަށް ޓީޗަރު ދީފައިވަނީ ސެޑިޓިވްއެއް ކަމަށާއި، އެ ސެޑިޓިވް ބޮއެގެން ދަރިވަރު ހޭނެތުމުން ތަނަކަށް ގެންގޮސް ރޭޕް ކުރިކަމަށް ވެސް ފުލުހުންނާ ހަވާލާދީ އިންޑިއާ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުގައި ޖެއްސުމަށްފަހު ދަރިވަރު ރޭޕްކުރި ޓީޗަރަށް ބިރު ދައްކައި، އޭނާ 30 ލައްކަ ރުޕީޒް (562،601 ރުފިޔާ) ދިނުމުން ފުލުހުގައި ޖައްސާފައިވާ ރޭޕް ކޭސްގެ މައްސަލަ އަނބުރާ ގެންދާނެކަމަށް ދަރިވަރުގެ ބެލެނިވެރިން ބުނެފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.
ދަރިވަރު ރޭޕްކުރި ޓީޗަރުގެ އަތުން ފައިސާ ހޯދުމުގައި ދަރިވަރު ވެސް އަމަލީގޮތުން ބައިވެރިވާކަމަށް ފުލުހުން ބުނެއެވެ.
މި މަައްސަލައިގައި ރޭޕް ވި ދަރިވަރާއި އޭނާގެ މަންމަ އާއި ބައްޕަވެސް މިހާރު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.