ads
ރާއްޖޭގައި އުޅޭ ބައެއް ބިދޭސީން-
ފިހާރަތަކުގައި "ސޭޓުން" ގެ ގޮތުގައި އަދިވެސް ބިދޭސީން
"ފިހާރަތަކުގެ ސޭޓުންގެ ގޮތުގައި އަދިވެސް ތިބެނީ ބިދޭސީން. އެމީހުންނާހުރެ ވަރަށް އުނދަގޫވޭ. އަޚުލާގީ މިންގަނޑު ވަރަށްވެސް ދަށް." މިއީ ބައެއް ދިވެހިން މީސްމީޑިއާއެގެ އެކި ޕްލެޓްފޯމްތަކަށް ބައެއް ދިވެހިން ފާޅުކޮށްފައިވާ ހިޔާލުތަކުގެ ތެރެއިން ބައެކެވެ.
Advertisement

ބިދޭސީ މަސައްކަތްތެރިންނަކީ މިވަގުތު ދިވެހިރާއްޖޭގެ މަސައްކަތްކުރާ އާބާދީގެ މުހިއްމު ހިއްސާއަކަށް ވަނީ ވެފައެވެ. ވަކިން ހާއްސަކޮށް "ލޭބަ ފޯސް" އެވެ. ބުރަ މަސައްކަތްތެއްކަމަށް ބެލެވޭ ހަމަ ކޮންމެ ކަމެއް ކޮށްލުމަށްވެސް އެއްމެ ގިނަ ބަޔަކު އަވަސްވެގަންނަނީ ބިދޭސީ މަސަައްކަތްތެރިއެއް ހޯދުމަށެވެ. އެއްމެ ކުޑަމިނުން ކުއްޔަށް ހިފައިގެން އުޅޭތަނުން އެހެންތަނަކަށް ބަދަލުވާއިރު، ގެންދަންޖެހޭ ހިފާގެންގުޅޭ ތަކެތި އުފުލުމަށްވެސް ހޯދަނީ ބިދޭސީ މަސައްކަތު މީހާއެވެ. އަމިއްލައަށް ކޮށްލައިފިނަމަ، އެ ބިދޭސީ މީހާއަށް ދުވަހު މުސާރައަށް ދޭންޖެހޭ 500 ރުފިޔާ ނުދީ ސަލާމަތްވާން އޮތަސް، ގިނަ މީހުން އަދިވެސް ހިޔާރުކުރަނީ ހަމަ މިމަގެވެ.

ފިހާރަތަކަށް ބަލާލަމާތޯ އެވެ. މާލޭގެ ގިނަ "ކަންމަތީ ފިހާރަ" ތަކުގައި އަދިވެސް ސޭޓުންގެ ގޮތުގައި އާއި، ސޭލްސް މަނުންގެ ގޮތުގައި އަދިވެސް ހަރަކާތްތެރިވަމުން ދަނީ ހަމަ ބިދޭސީންނެވެ. އެމީހުންގެ ދުއްތުރާ އިންތިހާއަށް ބޮޑެވެ. ގިނަފަހަރަށް މި ދުއްތުރާތަކާއި ކުރިމަތި ލާންޖެހެނީ ފިހާރައަށް ޒިޔާރަށް ކުރާ އަންހެނުންނަށެވެ. ބައެއް ފަރާތްތަކަށް ޖިންސީ ފުރައްސާރައިގެ ދުއްތުރާލާވެސް ކުރިމަތިލާންޖެހޭ ފަދަ ހާލަތްތައްވެސް ދިމާވެއެވެ.

މަޖީދީ މަގު ކުރީގެ 70 ނަމްބަރު ފިހާރަ ހުރި ހިސާބުގައި ހުންނަ، ހާއްސަކޮށް ދިވެހި އަންހެނުން ގިނައަދަދަކަށް ޒިޔާރަތްކޮށް އުޅޭ މަޝްހޫރު ފިހާރައަކަށް ޒިޔާރްކުރި އަންހެން ކަސްޓަމަރަކަށް ނިސްބަތްކޮށް، އެތާގައި މަސައްކަތްކުރާ ބިދޭސީ އަކު ބޭނުންކުރި ބޭއަދަބީ ބަސްތަކެއް އިއްޔެގެ ވަގުތެއްގައި މީހަކު ޓުވިޓާގައި ހިއްސާކުރިއެވެ. އަދި މިބަސްތައް އަޑުއިވުމުން، އެ ފިހާރައިގައި ހުރި އެހެން އަންހެން ކަސްޓަމަރަކު ތިކަހަލަ ބޭއަދަބީ ބަސްތައް ބޭނުންކުރާކަށް ނުވާނެ ކަމަށް ބުނެ، ހުރިހާ ބިދޭސީންވެސް ފޮނުވާލަންވީކަމަށް ބުނެ އެކަމާއި ހިތްހަމަނުޖެހުން ފާޅުކުރުމުން އޭގެ ޖަވާބުގައި "އަހަރުމެން ފޮނުވާލައިފިއްޔާ ދިވެހިން ބަނޑަށްޖެހޭނެ ކަމަށާއި، ދިވެހިން ތިބެނީ އަބަދު ނިދަން ކަމަށާއި، މަސައްކަތްކުރާނެ ބަޔަކު ނުތިބޭނެ ކަމަށް" ބުނެ ބޮޑާކަމާއި ކިބުރުވެރިކަން ފާޅުކުރި ކަމަށް އެފަރާތުން ހާމަކޮށްފައި ވެއެވެ.

ސުވާލަކީ މިއީ ހަމަ ހަގީގަތުގައިވެސް ދިވެހިންގެ ހާލަތު ތޯއެވެ. ނޫނީ ދިވެހިންނަށް ހައްގު މިންވަރުތޯއެވެ. 2005 ވަނައަހަރު ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް އުފައްދާ ހަރަކާތްތެރިވާން ހުއްދަ ލިބުނުފަހުން، އަޅުގަނޑުމެން ދިވެހިން އެކި ކަންކަމުގައި ވަރަށްގިނައިން ހިޔާލުފާޅުކުރަމެވެ. އަދި ހިތްހަމަނުޖެހޭ ކަންތައް ހައްލުނުވެއްޖެނަމަ، މުޒާހިރާވެސް ކުރަމެވެ. އެހެންނަމަވެސް، އޭގެތެރެއިން 99 އިންސައްތައަކީ ސިޔާސީ ކަންކަމޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. އާއްމު އިޖުތިމާއި ކަންކަން ހައްލުކުރުމަށް، އަދި އަޅުގަނޑުމެންގެ އިގްތިސޯދުގެ އެއްމެ މުހިއްމު އެއްބައި ކަމަށްވާ "މަސައްކަތްކުރާ އާބާދީގެ" ކޮންޓްރޯލް ހޯދުމަށް މަސައްކަތެއްކޮށްލަނީ މަދު ފަހަރެއްގައި އެވެ. 

ދިވެހިންނަށް ހައްގު މިންވަރަކީ މިއީތޯ ބަލަން، މިކަމާއި ސުވާލުކޮށްލަމާ ކީއްތޯއެވެ. އެހެނީ، މާލޭގައި އެކަނިވެސް އެތަކެއްހާސް ފިހާރައައް ހިންގަމުންއަންނަ އިރު، މިއިން ފިހާރައެއްގެ ސޭޓަކަށް ނުވަތަ ކޭޝިއަރަކަށް ދިވެއްސަކު ހަމަޖައްސައިފިނަމަ، އެއީ ކިތަކެއް ވަޒީފާ ތޯއެވެ. ވަޒީފާއާއި ބެހޭ ގާނޫނަށް އެއްމެފަހުން ގެނައި އިސްލާހާއެކު، މުސާރައިގެ ގޮތުގައި، އެއްމެ ކުޑަކޮށްވެސް 5000 ރުފިޔާ ލިބެންޖެހޭނެ ކަމަށް ބަޔާންކޮށްފައި ވާިއިރު، މި ފިހާރަތަކުގައި ސޭޓުން އަދި ކޭޝިއަރުންގެ ގޮތުގައި ދިވެހިން މަސައްކަތްކޮށްފިނަމަ، އަޅުގަނޑުމެންގެ އިގްތިސާދުގެ ތެރޭގައި ދައުރުވާން އެލިބެނީ ކިހާ ފައިސާއެއްތޯ އެވެ.

މައުލޫމާތު ކުށްކަމުގައި ނުވަނީނަމަ، 2015 ވަނައަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގެ ފިހާރަތަކުގެ ސޭޓުންގެ ގޮތުގައި ބިދޭސީން މަސައްކަތްކުރުމަކީ މަނާ ކަމެކެވެ. އަދި މިކަން ފެށުމަށް މާލެއާއި ރާއްޖެތެރޭގައި ވަރުގަދަ ކެމްޕޭނެއްވެސް ކުރެވެނެވެ. ކަމާއި ބެހޭ ފަރާތްތަކުން ފިހާރަތަކަށް ޒިޔާރަތްކޮށް، ތަންތަން ބަލާ، ސޭޓުންގެ ގޮތުގައި ތިބި ބިދޭސީން އެމަގާމުތަކުން ވަކިކުރުމަށް އަންގާ ހަރުކަށި ފިޔަވަޅުތަކެއް ވެސް އެޅިއެވެ. އެހެންނަމަވެސް، އަނެއްކާވެސް މިއޮތީ ހަމަ ކުރީގައިވެސް އޮތްފަދަ ހާލަތަކަށް ގޮސްފައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ފިހާރަތަށް ބަލާނެ ބަޔަކު ނުވެއެވެ. ޑިއުޓީ ފުލުސް މީހާއާއި، ޑިއުޓީ އިމިގްރޭޝަން އޮފިސަރު ވެސް، ފިހާރައަށް ވަދެ، ބިދޭސީ ސޭޓު އަތުން ވިޔަފާރި ކޮށްލައިގެން ދަނީއެވެ. އެއްވެސް ސުވާލެއް ކޮށްލުމެއް ނެތެވެ.

މިކަމާއި ގުޅިގެން ކޮމެންޓެއް ހޯދާލުމަށް ސީއެންއެމް ގެ ފަރާތުން އިމިގްރޭޝަންގެ މީޑިއާ އޮފިސަރ މިފްތާހަށް ގުޅާލުމުން އެފަރާތުން ވިދާޅުވީ، އިމިގްރޭޝަންގެ ސަމާލުކަމަށް މިކަން އައިސްފައިވާކަމަށާއި، އެހެންނަމަވެސް އެންފޯސިންގ ގެ މަސައްކަތް ލަސްވެފައިވަނީ، އިމިގްރޭޝަންގެ ފަރާތުން މިހާރު ހުޅުމާލޭގައި އަލަށް ތައްޔާރުކުރަމުންދާ ޑިޓެންޝަން ސެންޓަރ ގެ މަސައްކަތް ނުނިމޭތީކަމަށެވެ. އަދި މިމަސައްކަތް ނިމުނުހާ އަވަހަކަށް އެންފޯސިންގެ މަސައްކަތްތައް ވަރަށްފުޅާ ދާއިރާއެއްގައި ފެށިގެންދާނެކަމަށާއި، އޭރުން މިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށެވެ.

"އެކަން (ފިހާރަތަކާއި ހޮޓާ އަދި ކެފޭ ރެސްޓޯރަންޓް ތަކުގައި ކޭޝިއަރުންގެ ގޮތުގައި ބިދޭސީން މަސައްކަތްކުރުން ހުއްޓުވުން) ނުކުރެވި އެދަނީ އަޅުގަނޑުމެންގެ ޑިޓެންޝަން ސެންޓަރުގެ މަސައްކަތް ނުނިމޭތީވެ. އެމަސައްކަތް ނިމުނުހާ އަވަހަކަށް ވަރަށް ފުޅާދާއިރާއެއްގައި އެންފޯސިންގެ މަސައްކަތްތައް ފެށިގެން ކުރިއަށްދާނެ." - މިފްތާހު

ނޯޓް: ބިދޭސީ މަސައްކަތެރިންގެ ވާހަކައަކީ އިޖުތިމާއީ ބޮޑު މައްސަލައެކެވެ. އަދި ތަފާތު އެކި ރޮގުރޮގުން ވާހަކަ ދެއްކިދާނެ ފަދަ މައްސަލައެކެެވެ. އެހެންނަމަވެސް މި ރިޕޯޓްގައި އަޅުގަނޑުމެން ބަލާފައިވަނީ ހަމައެކަނި، ކަންމަތީ ފިހާރަތަކުގައި "ސޭޓުން" ގެ ގޮތުގައި މަސައްކަތްކުރާ ބިދޭސީންގެ މައްސަލައަށެވެ.

63%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް