ads
ރާއްޖޭގެ ރިސޯޓެއް
ފަަތުރުވެރިކަމުގެ މަންފާ ލިބެނީ ކިހާ މިންވަރަކަށް؟
މިދުވަސްވަރަކީ ދިވެހިރާއްޖޭގެ ޓުއަރިޒަމްއާއި ބެހޭގޮތުން ވަރަށް ގިނައިން ވާހަކަދެކެވޭ ދުވަސްވަރެކެވެ. ވާނީވެސް އެހެންތާއެވެ. ބޭރު ގައުމެއްގެ މިނިސްޓަރަކު، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ފޫހިވާ ވާހަކަ ބުނެފި ވިއްޔާއެވެ. މިވާހަކަ އިހަށް ބާއްވާފަ، ފަތުރުވެރިކަމުން އަޅުގަނޑުމެންނަށް ހަގީގަތުގައި ލިބެނީ ކިހާ މަންފާއެއްތޯ ބަލާލުން ކީއްތޯއެވެ.
Advertisement

ފަތުރުވެރިކަމަކީ ދިވެހިރާއްޖޭގެ ރަންބިސް އަޅާ ކުކުޅެވެ. ދިވެހި އިގްތިސާދުގެ މައި ލޭނާރެވެ. ފަތުރުވެރިކަން ހުއްޓިއްޖެނަމަ، ދިވެހިން ބަނޑަށް ޖެހޭނެކަމަށް ހޮޅުއަށި ތަކުގައި ހަވީރު ފިންޏަށް އަނގަތަޅާލަން ނިކުންނަ ބޭބެއިން ވެސް ބުނެއުޅެއެވެ. އެހެންނަމަވެސް، ފަތުރުވެރިކަމުން އަޅުގަނޑުމެންނަށް ހަގީގަތުގައި ލިބެންޖެހޭ މަންފާ އެއް ނުލިބޭ ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.

އެމީހުންގެ މައިގަނޑު އެއް ޕޮއިންޓަކީ، ފަތުވެރިކަމާއި ބެހޭ ވުޒާރާއިން އަބަދުމެ "އައު ރެކޯޑެއް ހަދައިފި" އޭ ކިޔާލަ ކިޔާލަ ތިބެނީ އެވެ. އެހެނެއްކަމަކު، ބޭސްފަރުވާ އަށް ބޭރަށްދާން ޖެހޭ މީހާއަށް ބޭނުންވާ ޑޮލަރެއް ގަންނަން ލިބެނީ މަރުކަޒީ ބޭންކުން ވިއްކުމަށް ކަނޑައަޅާފައި އޮންނަ އަގަށްވުރެ ތިނެއް ނުވަތަ ހަތަރު ރުފިޔާ އަގުބޮޑުކޮށެވެ. މިވާހަކަ ދައްކާ މީހުންގެ މައިގަނޑު އެއްވާހަކައަކީ އެހާ ބައިވަރު ފަތުރުވެރިން ޒިޔާރަތްކުރާއިރު، އެހުރިހާ އެއްމެންވެސް ފައިސާ ދެއްކުމަށް ޑޮލަރު ބޭނުން ކުރާވާހަކަ އާއި، އެކަމަކު ރާއްޖޭގެ ކަޅު ބާޒާރެއް އުފެދި، އެބުނާ ބާޒާރަކުން ދުވަހަކުވެސް ވިއްކާ އަގެއް ހެޔޮ ނުވާވާހަކައެވެ. އަދި މި ފަތުރުވެރިން ރާއްޖެއައުމަށާއި، ރާއްޖޭގައި ހޭދަކުރާ ފައިސާ އެހެންވިއްޔާ ވަންނަނީ ކޮންތާކައްތޯއެވެ. އަދި މިވާގޮތެއް ކޮންމެހެން ވެސް އޮޅުން ފިލުވަން ވެެއްޖެކަމަށެވެ.

ހިސާބު އަދަދުތަކުން ފައްޓަވަމާ ހިންގަވާށެވެ. ދިވެހިރާއްޖޭގައި ޖުމްލަ ވިއްކަން ހުރި އެނދުތަކުގެ އަދަދު މިހާރު ގާތްގަނޑަކަށް ފަސްދޮޅަސްހާހުން މަތިވީއެވެ. ފާއިތުވެ ދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް ބަލާނަމަ، ޖުމްލަ ވިއްކަން ހުރި އެނދުގެ އަދަދަކީ 59745 އެކެވެ. އެވްރެޖްކޮށް 2022 ވަނައަހަރު ވިއްކިފަ ހުރީ 57254 އެނދެވެ. އެއީ ޖުމްލަ 1114 އެސްޓަބްލިޝްމެންޓް ނުވަތަ ފަތުރުވެރިކަމަށް ޚާއްސަކޮށް ވިޔަފާރިކުރާ ތަންތެނެވެ. 

ފަތުރުވެރިކަމުން ދިވެހިންނަށް މަންފާ ލިބޭ މިންވަރާއި ބެހޭގޮތުން ދިވެހިރާއްޖޭގެ އިގްތިސާދު ދިރާސާކުރަށްވާ ފަންނުވެރިއަކާއި ސީއެންއެމް އިން ވާހަކަ ދައްކާލުމުން ، ނަންނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ، ދިވެހިރާއްޖޭގެ ޓުއަރިޒަމްގެ އޯނާރޝިޕް މިހާރު އޮތީ ކަންބޮޑުވާންޖެހޭ ހިސާބެއްގައި ކަމަށާއި، ޓުއަރިޒަމް އިން ދިވެހިންނަށް ލިބެންޖެހޭ މަންފާ ސީދާގޮތެއްގައި ރާއްޖެއިން ބޭރަށް ދާވާހަކައެވެ. 

ރާއްޖޭގެ އިގްތިސޯދީ ދާއިރާގައި ކުރިން މަތީ މަގާމްތަކެއް ފުރުއްވި ބޭފުޅަކު ސީއެންއެމްއަށް ވިދާޅުވީ ހަގީގަތުގައި ދިވެހިރާއްޖޭގެ ރިސޯޓް ތަކުގެ ކޮންޓްރޯލް ދިވެހިންނަށް ގެއްލިއްޖެކަމަށާއި އަތުން ގުނާލެވޭހާ މަދު އަދަދެއް ފިޔަވައި ގާތްގަނޑަކަށް ހުރިހާ ރިސޯޓެއްގެ ވެސް އޯނަރޝިޕް މިހާރު މިއޮތީ ބޭރު މީހުނަށް ކަމަށެވެ. އަދި ރިސޯޓްތަކުގެ ވަޒީފާ އަދާކުރާ މުވައްޒިފުންގެ ވެސް ބޮޑު ހިއްސާއެއް އޮތީ ބޭރު މީހުންގެ އަތްމަތީގާކަމަށާއި އެކަމުހެ ސަބަބުން ދިވެހިރާއްޖެއަށް ވަންނަޖެހޭ ފައިސާގެ ބޮޑު ރާއްޖެއިން ބޭރަށް ދާކަމަށާއި ބޭރުގެ ފަރާތްތަކަށް ރައްޖޭގެ ރިސޯޓްތަކުގެ ހެޑް ލީސް ކޮންޓްރޯލް ކޮށްލެވޭގޮތަށް އޮތްއޮތުން އެއީ ވަރަށް ނުރައްކާތެރި ކަމެއްކަމަށެވެ.

"ގާނޫނެއްގެ ތެރެއިންވެސް މިކަން ބަަދަލުކުރަން އެބަޖެހޭ. ދިވެހިންނަށް ހެޑްލީސް ކޮންޓްރޯލް ކުރެވޭ ގޮތަށް އޮވެއްޖެނަމަ، ކޮންމެވެސް އެއްޗެއް ދިވެހިންނަށް ލިބިފަ، ބޭރުގެ އިންވެސްޓަރަށް ދާނީ. ދެންއޮތީ ރިސޯޓްތަކުން ކުރާ ޚަރަދު ތަކުގެ ވާހަކަ. މިހާރު ކަންތައްމިއޮތްގޮތުން، ރިސޯޓްތަކަށް ގަންނަ ގިނަ އެއްޗެހިވެސް މިގެންނަނީ އިންޑިއާ ނުވަތަ ލަންކާއިން. އަދި ރިސޯޓްތައް ހެދުމުގެ މަސައްކަތުގެ ކޮންޓްރޯލްވެސް މިދަނީ ހަމަ ބޭރުގެ ކުންފުނިތަކަށް. އެހެންވީމާ، ހަގީގަތުގައިވެސް ޓުއަރިޒަމް އިން ދިވެހިންނަށް ލިބެންޖެހޭ މަންފާއެއް ނުލިބޭ." އެބޭފުޅާ ވިދާޅުވިއެވެ.

އަހަރު ނިމުނުއިރު ރާއްޖޭގެ އެވްރެޖް އޮކިއުޕަންސީ ހުރީ 58 އިންސައްތައިގައެވެ. ވިއްކަންހުރި އެނދުތަކާއި، ވިޔަފާރިކުރަން ތައްޔާރަށް ހުރި ތަންތަނާއި އަޅާބަލާއިރު، ނިސްބަތުން މަދުއަދަަދެއް ކަމަށް ދެންނެވިދާނެއެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ދުވާލަކު އެއްފަހަރު ރިކޯޑެއް ހެދިއްޖެ ކަމަށް އިއުލާނު ކުރިއަސް، ހުޅުވާފައި އަދި ހިންގަން ތައްޔާރަށް ހުރި ތަންތަނުގެ ޖުމްލަ އަދަދާއި އަޅާބަލާއިރު، އެކަށީގެންވާ އަދަދަށް ފަތުރުވެރިން ޒިޔާރަތްކުރިކަމަށް ނުބެލެވޭނެއެވެ. ތެދެކެވެ. ކުރީއަހަރަށްވުރެ، ޒިޔާރަތްކުރި މީހުންގެ އަދަދު ގިނަ އެވެ. 

އެކަމަކު ކުރީ އަހަރަށްވުރެ، ވިއްކަން ތައްޔާރަށްހުރި ތަންތަންވެސް ގިނަވެއްޖެކަމަށް ބުނަންވާނެ ނޫންހެއްޔެވެ. އެހެންވީމާ ހަގީގަތުގައި މީހުންގިނަވި ކަމަށްވާނީ، ޒިޔާރަތްކުރި މީހުންގެ އަދަދުވެސް، ވިއްކަންތައްޔާރުވެފައިވާ ތަންތަނުގެ އަދަދާއި އެއްވަރަކަށް ކުރިއަރައިގެން ނޫންހެއްޔެވެ. ޒިޔާރަތް ކުރި މީހުންގެ އަދަދު ގިނަވިޔަސް، ކުރިން އަޅުގަނޑު ދެންނެވި 58 އިންސައްތައިގެ އޮކިއުޕަންސީ އެއް މިދައްކަނީ އެހެންވެގެންނެވެ. މާނައަކީ ރިސޯޓްތަކަށްވެސް ޖުމްލަ ލިބޭ އާމްދަނީ މަދުވުމުވެ.

ވިއްކަން ތައްޔާރަށް ހުރި ތަންތަނާއި އެކަަށީގެންވާ އަދަދަށް މީހުން ނުގެނެވެނީ ކީއްވެގެންތޯ އެވެ. ވަރަށް ބައިވަރު ސަބަބުތަކެއް އެބަހުއްޓެވެ. ފަށަންޖެހެނީ އަޅުގަނޑުމެންގެ އެއަރޕޯޓާއި ހަމައިންނެވެ. އެވާހަކަ އެހެން ފަހަރެއްގަ ދައްކަން ބާއްވަމާ ހިންގަވާށެވެ.

މައްސަލައެއްނެތެވެ. ފަތުރުވެރިން އަންނަނީއެވެ. ޑޮލަރުން ހަރަދުކުރަނީ އެވެ. އެހެނެއްކަމަކު އަޅުގަނޑުމެންނަށް އޭގެ މަންފާއެއް ނުލިބެއެވެ. ރާއްޖެއިން ބޭރުން މުދާ ގެންނަ ވިޔަފާރިވެރިޔާވެސް ބުނަނީ 17 ނޫނީ 18 ރުފިޔާއަށް ޑޮލަރުގަނެގެން މުދާ އިމްޕޯޓްކޮށްގެން ވިއްކަންވީމާ އަގުހެޮޔޮކޮށް ނުވިއްކޭނެ ވާހަކައެވެ. އެއީ ތެދެކެވެ. ދިވެހިރާއްޖޭގެ ޓުއަރިޒަމްއާއި ބެހޭ ގާނޫނު ބުނާގޮތުން ކޮންމެ ރިސޯޓެއްގެ ވެސް މަސައްކަތްކުރާ މީހުންގެ ވަކި އިންސައްތައެއް ދިވެހިންނަށް ޚާއްސަކުރެވެންޖެހެއެވެ. އެހެންނަމަވެސް ހިތާމައާއި އެކު ދަންނަވަންޖެހެނީ ގިނަ ރިސޯޓްތަކުން އެކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ ވާހަކައެވެ. ދިވެހިންނަށް 60 އިންސައްތަ އެއް ނޫނެވެ. 

ގާތްގަނޑަކަށް 30 އިންސައްތަ ވެސް ލިބެނީ ކިރިޔާއެވެ. މީގެ ދެތިން 8 ވަރަކަށް އަހަރު ކުރިއަށް ޖެހިލާނަމަ، ރިސޯޓްތަކުގެ ސެކިއުރިޓީއިންގެ ގޮތުގައި ވެސް ތިބެންޖެހޭނީ، ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ކަމާއި ބެހޭ ތަމްރީން ލިބިގެން ތިބި ދިވެހިންކަމަށްބުނެ، ވަރަށް ބާރަށް އެވާހަކަވެސް ދެކެވުނެވެ. އަދި ކޮންމެ ރިސޯޓަކަށް ވަކިވަކިން ޒިޔާރަތްކޮށް، އެކަން އެގޮތަށް ކުރޭތޯ ބަލާނެ ވާހަކަވެސް އިއުލާނުކުރިއެވެ. ފަހުން ވީ ކިހިނެތްތޯއެވެ. އެއްކަލަ ސެކިއުރިޓީއިން ގެ ވަޒީފާގެ ނަން، ގެސްޓް ސާވިސް އޮފިސަރ ނުވަތަ ގެސްޓުންނާއި ގުޅުންހުރި ކޮންމެވެސް އެހެންނަމަކަށް ކިޔާ ބަދަލުކޮށްލީއެވެ. އެއްކަލަ ސެކިއުރިޓީ މަސައްކަތް ކުރާ މީހުންނަށް ހަމަ އަނެއްކާވެސް މިވީ ބިދޭސީންނެވެ.

ކޮންސްޓްރަކްޝަން މަސައްކަތަކީ ހަމައެކަނި ބަންގްލަދޭޝް މީހުންގެ މަސައްކަތެކޭ ބުނާ އުސޫލުން ރިސޯޓް ސެކިއުރިޓީ މަސައްކަތަކީ ހަމައެކަނި ނޭޕާލް މީހުންގެ މަސައްކަތެކޭ ބުނާހިސާބަށްވެސް ކަންތައް ދިޔައީއެވެ. އަސްލު ވާހަކައަށް ޖެހިލަމާ ހިންގަވާށެވެ. މިދަންނަވާހެން ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒިފުންގެ އަދަދުން 70 ވަރަކަށް އިންސައްތަ ބޭރު މީހުންނަށް ވީމާ މިވާގޮތަކީ، މުސާރަައިގެ ގޮތުގައި ލިބޭ ޑޮލަރުކޮޅުންވެސް ބޮޑު ބައެއް މިދަނީ ރާއްޖެއިން ބޭރަށެވެ. ހަމަ ރާއްޖޭގެ އިގްތިސާދުގައި އެނބުރެންޖެހޭ ޑޮލަރު ބޭރަށް ދަނީ އެވެ. ހުއްޓުވަން ކުރެވޭނެ ކަމެއްނެތެވެ. އަޅާލާނެ ބަޔަކުވެސް ނެތީއެވެ. ތަންފީޒީ އިދާރާތަކަށް ނެނގެނީ އެއް ނޫނެވެ. އެކަމަކުވެސް ހަމަ ބަލަހައްޓައިގެން ތިބެވެނީ އެވެ.

ދެންއޮތީ ރިސޯޓްތައް ހިންގުމަށް ބޭނުންވާ ސާމާނެވެ. ނުވަތަ ސަޕްލައި އެވެ. ބޮޑު ހަރަދެއް ކުރަންޖެހުނަސް ރިސޯޓްތަކުގެ ޕާޗޭސިންގ މެނޭޖަރުންނަށް ތިބޭ ބޭރުމީހުންނަށް އެމީހުން ނިސްބަތްވާ ގައުމުން ތަކެތި ގަތީމާ އޭގެ ފައިދާ މާ ބޮޑެވެ. ފައިދާ ބޮޑުވާ ވާހަކަ ތަފްސީލުކޮށް ދައްކާކަށް ނެތީމެވެ. އެކަމަކު ހަމަ އަނެއްކާވެސް ދިވެހި އިގްތިސާދުގައި އެނބުރެންޖެހޭ ބޭރުފައިސާ، ރާއްޖެއިން ބޭރަށް ދިޔައީއެވެ.

ދެން އޮތީ ބޭންކިން ގެ ވާހަކައެވެ. ދިވެހިރާއްޖޭގެ ބޭންކިން ސިސްޓަމް އޮންނަގޮތުން ރާއްޖޭގައި ިވޔަފާރި ކުރަން އުނދަގޫވާހަކަ ވަރަށްގިނަ ވިޔަފާރިވެރިން އަބަދުވެސް ދައްކައެވެ. ރިސޯޓަކުގެ ވެރިންވެސް، ކޮންމެހެން ރާއްޖޭގެ، ބޭންކަކުން ކުރަންޖެހޭނެ ފަދަ މުއާމަލާތެއް ކުރަން ފިޔަވައި، ދިވެހި ބޭންކްގެ ބޭނުންކުރާކަށް ބޭނުމެއް ނުވެއެވެ. އޭގެ ބަދަލުގައި، އެފަރާތްތަކަށް ހެޔޮގޮތް ހޯދައިދޭ އެހެނިހެން ގައުމުތަކުގެ ބޭނިންކިން އަށް ބަރޯސާކޮށް، ލިބޭފައިސާކޮޅު އެބޭންކްތަކަށް ބަދަލުކުރަނީ އެވެ. ހަނދާނަށް އަންނަ ވާހަކައެއް ހިއްސާކޮށްލާނަމެވެ. 

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް، އެމަނިކުފާނުގެ ރިޔާސީ ޕްރައިމަރީގައި 2013 ވަނައަހަރު ވާހަކަ ދައްކަވަމުން، އެމަނިކުފާނުގެ ވެރިކަމެއްގައި "އޮފްޝޯރ ބޭންކިން" ތައާރަފްކުުރާނެ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާއފައިވެއެވެ. އަދި އެކަމުގެ ސަބަބުން ރިސޯޓްތަކަށް ވަންނަ ބޭރުފައިސާގެ ގޮތުގައި ވަންނަ އާމްދަނީ، ދިވެހިރާއްޖޭގައި ހިފެހެއްޓުމުގެ ފުރުސަތު ބޮޑުވާނެ ވާހަކައާއި، އިންވެސްޓަރުންގެ ސަމާލުކަން ވެސް ބޮޑަށް ލިބޭނެ ވާހަކަ ފާހަގަކުރައްވައި ވާހަކަފުޅުދައްކަވާފައި ވެއެވެ. އެހެންނަމަވެސް، ފަސް އަހަރުގެ ދައުރެއް ނިމިގެން ދިޔައިރު އެކަމެއް ނުކުރެވުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް