
އިޓަލީއަށް ވޯލްޑްކަޕް ނަގައިދިން ކެޕްޓަން ފަބިއޯ ކަނަވަރޯ ވެގެންދާނީ މި ފަހަރުގެ ސްޕޯޓްސް އެވޯޑްސްއަށް އަންނަ ބައިނަލްއަގްވާމީ ތަރިންގެ ލިސްޓުގެ އެންމެ ކުރީ ސަފުން ޖާގަ ހޯދާނެ ތަރިއަކަށެވެ.
"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ނުވަތަ ކުޅިވަރު އެވޯޑަކީ މިއީ ރާއްޖޭގައި މިހާ ފުޅާދާއިރާއެއްގައި ބާއްވާ ކުޅިވަރުގެ އެންމެ ޝަރަފުވެރި އެވޯޑެވެ. މިދިޔަ އަހަރު މި އެވޯޑް އެންމެ ފުރަތަމަ ފަހަރު ތައާރަފުކޮށްފައިވާއިރު، މިދިޔަ އަހަރު ޖުމްލަ 18 ކުޅިވަރަކުން 108 އެވޯޑް ދީފައިވެއެވެ. މި ފަހަރުގެ އެވޯޑް މިވަނީ މިހާރު ބޯމަތިވެފައެވެ.
މި ފަހަރުގެ އެވޯޑަށް ރާއްޖެ އަންނަ ތަރިންގެ ލިސްޓުން ފާހަގަ ކޮށްލެވޭ ކަނަވާރޯއަކީ، 2006 ވަނަ އަހަރުގެ ވޯލްޑްކަޕް އިޓަލީއަށް ހޯދައިދިން ކެޕްޓަނެވެ. އެ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ ކަނަވާރޯއެވެ.
ކަނަވާރޯގެ އިތުރުން އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކީޕަރު ޑޭވިޑް ޖޭމްސްވެސް، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023 އަށް ރާއްޖެ އަންނާނެއެވެ.
އަންނަ ބުރާސްފަތި ދުވަހު ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ބައިވެރިވާ ދުނިޔޭގެ ފެންވަރުގެ ތަރިންގެ ނަންތަކާ އެކު، މި ފަހަރުގެ އެވޯޑްތަކަށް އެކި ކުޅިވަރުތަކުން ވާދަކުރާ ކުޅުންތެރިންގެ ނޮމިނޭޝަންތައް މިހާރުވަނީ އިއުލާން ކުރަން ފަށާފައެވެ.
މިދިޔަ އަހަރު އޮތް ސްޕޯޓްސް އެވޯޑްގައި ދުނިޔޭގެ ފެންވަރުގައި އެތައް ކާމިޔާބީތަކެއް ހޯދާފައިވާ ކުޅިވަރު ލެޖެންޑުން، ވޯލްޑް ރެކޯޑް ހޯލްޑަރުން ބައިވެރިވިއެވެ. މިދިޔަ އަހަރުގެ އިވެންޓުން ފާހަގަވި އެތްލީޓުންގެ ތެރޭގައި ބްރެޒިލްގެ ކުރީގެ ތަރި ރޮބާޓޯ ކާލޯސްއާ އިންޑިޔާގެ މަޝްހޫރު ކްރިކެޓް ލެޖެންޑް ސުރޭޝް ރައިނާ ހިމެނެއެވެ.