
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެފައިވަނީ ފާއިތުވެދިޔަ ދެ ދުވަހު މަސްވެރިކަން ދަށަށް ދިއުމަށް ފަހު، މަސްވެރިކަން ރަނގަޅުވާން ފަށާފައިވާ ކަމަށެވެ. ބައެއް ދޯނިތަކުން 50 ޓަނުގެ މަސް ބާނައިގެން އަންނަކަން ފާހަގަކުރައްވާ އިސްމާއިލް ވިދާޅުވެފައިވަނީ މަސްކިރުވުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.
އިސްމާއިލް ވިދާޅުވި ގޮތުގައި މަސްވެރިކަން ކުރާ އުޅަނދުތަކުން މިހާރު މަސް ބާނަނީ ތަންކޮޅެއް ބޭރުން ކަމަށާއި އެހެން އަންނައިރު 50 ޓަނުގެ މަސް ބާނައިގެންވެސް އަންނަ ކަމުގައެވެ. އެހެންނަމަވެސް، އެގޮތަށް މަސް ބާނައިގެން އާދެވެނީ ތަންކޮޅެއް ލަހުން ކަމަށްވާތީ މަސް ކިރުވުމުގައި އުދަނގޫތަކެއް ހުންނަ ކަމަށް މިފްކޯގެ ސީއީއޯ ވިދާޅުވިއެެވެ.
މިފްކޯއިން ބުނެފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 1،390 ޓަނުގެ މަސް އެ ކުންފުންޏަށް ކިރުވާފައިވާ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި މިފްކޯއިން 23.6 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މިފްކޯއިން ބުނީ މިފަހުން އެވްރެޖްކޮށް ދުވާލަކު 300-350 ޓަނުގެ މަސް އެ ކުންފުންޏަށް ކިރުވަމުންދާ ކަމަށެވެ.
މިފްކޯއިން އަންނަނީ އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ރަނގަޅުކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޅ. ފެލިވަރު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިހާރު ހުރި ކެޕޭސިޓީގެ ދަތިތައް ހައްލުކޮށް، މަސް ގަތުމާ ގުޅުންހުރި ހުރިހާ ކަމެއް އެއް ތަނަކުން ފަސޭހައިން ލިބޭނެ ތަނަކަށް ފެލިވަރު ހެދުމަށް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އަދި މަސްކިރުވުމުގައި ހުރި ދަތިތައް ހައްލު ކުރުމަށް މަސްކިރޭނެ އިތުރު ހަތަރު ބޯޓު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިފްކޯއިން ވަނީ ބުނެފައެވެ.