ads
މިދިޔަ މަހު ބޭއްވި ޖޭޕީގެ ކޮންގްރެސްގެ ތެރެއިން: ފޮޓޯ ޖޭޕީ
ރައީސް ސޯލިހްއާއެކު ކުރިއަށްދާން ޖޭޕީން ލިބުނީ އެންމެ ވޯޓެއް!
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރުމަށް އެޕާޓީގެ ކައުންސިލުން އިއްޔެވަނީ ނިންމާފައެވެ. އެއީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 50 މެމްބަރުންގެ ތެރެއިން 49 މެމްބަރުގެ ވޯޓާއި އެކުގައެވެ.

ރިޔާސީ އިންތިހާބަށް ޖޭޕީން ގޮތެއް ނިންމުމުގެ ކުރިން، ރިޔާސީ އިންތިހާބުގައި އެކުގައި ތިބުމަށާއި ތާއީދު ދެއްވުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވަނީ ޖޭޕީއަށް ދައުވަތު ދެއްވާފައެވެ. ރައީސް ސޯލިހްގެ ދައުވަތާއި ގުޅިގެން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި ރައީސް ސޯލިހްވަނީ ބައްދަލުކުރައްވާ މަޝްވަރާވެސް ކުރައްވާފައެވެ.

ޖޭޕީގެ ކައުންސިލްގެ އިއްޔެގެ ބައްދަލުވުމުގައި ޖޭޕީން ރިޔާސީ ރޭހަށް ނިކުތުމުގެ ވޯޓަށް އެހުމުގެ ކުރިން، ޖޭޕީން ކޯލިޝަނަށް ތާއީދު ކުރުމާއި ގުޅޭގޮތުން ވޯޓް ނެގުނެވެ. ނަމަވެސް އެ ހުށަހެޅުމަށް ލިބުނީ އެންމެ ވޯޓެކެވެ.

ސަރުކާރުގެ އިސްމަގާމްތަކުގައި ތިއްބަވާ ޖޭޕީގެ ގިނަ އަދަދެއްގެ ބޭފުޅުން، އެޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާއިރު، ކޯލިޝަނާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިއަށް ދިއުމަށް ވޯޓް ދެއްވީ، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އެކަންޏެވެ. ޖޭޕީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ގޮތެއް ނިންމުމަށް ވޯޓަށް އެހުމުންވެސް ދެކޮޅު ހެއްދެވީވެސް ސަމީރު އެކަންޏެވެ. ސަމީރު ވަނީ އިއްޔެ ކައުންސިލް ބައްދަލުވުމުގައި ހާޒިރުވެ އިންނަވާ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވިކަން އިއުލާނު ކުރައްވާފައެވެ.

ސަބަބަކަށް ސަމީރު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހްއަށް ތާއީދު ކުރެއްވުމަށް ކުރިންވެސް ނިންމަވާފައިވުމުން ޖޭޕީގެ ކެންޑިޑޭޓަކު ރިޔާސީ އިންތިހާބަށް ނިކުންނަވާއިރު، ޖޭޕީގައި ހުންނެވުން ގަބޫލުކުރައްވާ ކަމަކަށް ނުވުމެވެ.

your imageމިދިޔަ މަހު އޮތް ޖޭޕީގެ ކޮންގްރެސްގައި، މިނިސްޓަރު ސަމީރު: ޕޮޓޯ ޖޭޕީ

ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި، ކޯލިޝަނާއި އެކު ކުރިއަށް ދިއުމަށް، ހުށަހެޅުމުން ވޯޓް ނުދެއްވި ބޭފުޅުންގެ ތެރޭގައި، ޖޭޕީގެ ނައިބު ލީޑަރު އަދި މިސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހިމެނިވަޑައިގަންނަވައެވެ.

މީގެއިތުރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހްއާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާހު އަބްދުﷲ މާހިރުއާއި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަހުމަދު މަނިކާއި އެންވަޔަރުމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުގުނީ ހިމެނިވަޑައިގަންނަވައެވެ.

މީގެއިތުރުން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިންއާއި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޒާމިރުވެސް ވޯޓްދެއްވީ، ރައީސް ސޯލިހްއާއި އެކު ޖޭޕީން ކޯލިޝަން ހެދުމުގެ ބަދަލުގައި ޖޭޕީން ރިޔާސީ އިންތިހާބަށް ވަކި ނިކުތުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް