ads
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް
ރައީސް ސޯލިހްގެ އިސްތިއުފާއަށް ގާސިމް ގޮވާލައްވައިފި
ރިޔާސީ ދައުރު ނިމުމުގެ ކުރިން ޖުމްހޫރީ ޕާޓީ، ސަރުކާރުން ބޭރުކުރާނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެކަމަށް ޖޭޕީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެމްޑީޕީގެ ބައެއް މެމްބަރުންވަނީ ޖުމްހޫރީ ޕާޓީއާމެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައެވެ. އަންނަ ރިޔާސީ އިންތިހާބުގައި ޖޭޕީން ވަކިން ވާދަކުރަން ނިންމެވުމުން މިއަދުގެ ޖަލްސަގައި ބައެއް މެމްބަރުން ވަނީ ސަރުކާރުން ޖޭޕީގެ ބޭފުޅުން ވަކިކުރަން ގޮވާލައްވާފައެވެ.

އެކަމަށް ރައްދުދެއްވާ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީއަށް ސަރުކާރުން މަގާމުތައް ދީފައިވަނީ މީހެއްގެ ތަރިކަ މުދަލުން ނޫންކަމަށެވެ. އަދި މިސަރުކާރު ގެނައުމަށް ޖޭޕީން މަސައްކަތްކުރީ އެއްބަސްވުމެއްގެ ދަށުން ކަމަށް ގާސިމް ވިދާޅުވިއެވެ.

އެގޮތުން އަންނަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހާއި ހަމައަށް، ސަރުކާރުގައި ހިއްސާކުރުމަށް ޖޭޕީއާއިއެކު އެއްބަސް ވެފައިވާކަމަށާއި އެތާރީހުގެ ކުރިން ޖޭޕީގެ ބޭފުޅުން ސަރުކާރުން ވަކިކުރާނަމަ ރައީސް ސޯލިހްވެސް ޖެހިވަޑައިގެންނަވާނީ އިސްތިއުފާ ދެއްވުމަށްކަމަށް ގާސިމް ވިދާޅުވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސަގައި ގާސިމް މިހެން ވިދާޅުވިއިރު، ސަރުކާރުގައި ރިޔާސީ ދެ ކެންޑިޑޭޓުން ތިބެގެން ކުރިއަށްދާން ދަތިވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވަނީ ވިދާޅުވެފައެވެ.

މިއުވާން ވިދާޅުވީ ސަރުކާރުގައި ދެ ކެންޑިޑޭޓުން ރިޔާސީ ރޭހުގައި ތިއްބެވުމުން ކުރިއަށް ދިއުމަށް ދަތިވާނެކަމަށާއި، އެހެންކަމުން އެ މައްސަލައާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި މަޝްވަރާ ކުރައްވާނެ ކަމަށެވެ. 

ރިޔާސީ ރޭހުގައި ޖޭޕީން ވަކިން ވާދަކުރަން އިއްޔެ ނިންމި ކައުންސިލް ބައްދަލުވުމުގައި، ކޯލިޝަނާއި އެކު ކުރިއަށް ދިއުމަށް، ހުށަހެޅުމުން ވޯޓް ނުދެއްވި ބޭފުޅުންގެ ތެރޭގައި، ޖޭޕީގެ ނައިބު ލީޑަރު އަދި މިސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހިމެނިވަޑައިގަންނަވައެވެ.

މީގެއިތުރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހްއާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާހު އަބްދުﷲ މާހިރުއާއި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަހުމަދު މަނިކާއި އެންވަޔަރުމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުގުނީ ހިމެނިވަޑައިގަންނަވައެވެ.

މީގެއިތުރުން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިންއާއި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޒާމިރުވެސް ވޯޓްދެއްވީ، ރައީސް ސޯލިހްއާއި އެކު ޖޭޕީން ކޯލިޝަން ހެދުމުގެ ބަދަލުގައި ޖޭޕީން ރިޔާސީ އިންތިހާބަށް ވަކި ނިކުތުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް