ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިހާރުވެސް ވަޒީފާގެ ފުރުސަތުތައް ހުޅުވިގެން ގޮސްފައިވާ ކަމަށާއި އެއާޕޯޓާ އެކު އުފެދޭ އިގުތިސޯދީ ހަރަކާތްތަކުން އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ. އެގޮތުން ފަރެސްމާތޮޑާ އާ ކައިރީގައިވާ ރަށްތަކާ ދެމެދު ލޯންޗް ދަތުރުތައް އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަށުގައި އެންމެ އަވަހަށް ފުޅާވާނެ ކަމަށް ބެލެވެނީ ޓެކްސީގެ ހިދުމަތް ކަމަށެވެ. ރަށުގެ ހޮޓާ ރެސްޓޯރަންޓްތަކުން ހިދުމަތް ހޯދާ މިންވަރު އިތުރުވާނެ ކަމަށާއި ގެސްޓްހައުސް ވިޔަފާރިއަށް އުންމީދުކޮށްގެން ތިބި ފަރާތްތަކަށާއި އެހެނިހެން ވިޔަފާރިތަކަށްވެސް އެއާޕޯޓާ އެކު ހުޅުވިފައިވަނީ ތަނަވަސް ފުރުސަތުތަކެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ލަސްނުކޮށް މަސައްކަތް ފަށަންވީ ކަމަށެވެ.
އެއާޕޯޓާ އެކު ފަރެސްމާތޮޑާއަށް އަންނަން ފަށާފައިވާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ ރަށުގެ އާ އިންޖީނުގޭގެ މަސައްކަތް ނިމި، އެއާޕޯޓާ އެކު ކަރަންޓު އެއް ވިއުގައަކަށް ބަދަލުކުރެވި ހިދުމަތުގެ ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. ރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތްވެސް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެއާޕޯޓާއި ފަރެސްމާތޮޑާ ގުޅާލާ ކޯޒްވޭގެ މަސައްކަތް ނިމުމާ އެކު އެންމެ އަވަހަށް ފަށާނީ ބަނދަރު ސަރަހައްދުން އެއާޕޯޓަށް ދަތުރު ކުރާ ތާރު މަގުގެ މަސައްކަތް ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ފަރެސްމާތޮޑާ އެއާޕޯޓު މަޝްރޫއު ނިންމާލުމުގައި ސަރުކާރާއި އެމްޓީސީސީގެ އިތުރުން ރަށުގެ ރައްޔިތުން ކުރި މަސައްކަތްތައް ފާހަގަކުރައްވާ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.