ads
އެމްޓީސީސީން ބުނީ ފަރެސްމާތޮޑާ އެއާޕޯޓަކީ އެ ސަރަހައްދުގެ ހުރިހާ ރައްޔިތުންގެ މޫނަށް ހިނިތުން ގެނުވާނެ އުފާވެރި މަޝްރޫއެއް ކަމަށް - ފޮޓޯ:އެމްޓީސީސީ
"ވިޔަވަތި ހުވަދު އަތޮޅަކަށް ބަދަލުކޮށްލުމަށް މެދުވެރިވާނެ ދަންމަރު"
ގދ. ފަރެސްމާތޮޑާ އެއާޕޯޓަކީ އެ އަތޮޅުގެ ދެކުނު ބިތުގައިވާ ރަށްތަކަށް ދިރުން ގެނުވާ ވިޔަވަތި ހުވަދު އަތޮޅަކަށް ބަދަލުކޮށްލުމަށް މެދުވެރިވާނެ ދަންމަރެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން މިހެން ބުނެފައިވަނީ ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތާ ގުޅިގެން އެ ކުންފުނީގެ ފަރާތުން ނެރުނު ނޫސް ބަޔާނުގައެވެ.

އެމްޓީސީސީން ބުނެފައިވަނީ އެ އެއާޕޯޓަކީ ހަމައެކަނި ފަރެސްމާތޮޑާގެ ރައްޔިތުން ދެކެމުން އައިސްފައިވާ ހުވަފެނެއް ނޫންކަމަށާއި އެއީ ގދ. ވާދޫ، ގދ. ފިޔޯރީ އަދި ގދ. ރަތަފަންދޫގެ ރައްޔިތުންގެ އުންމީދުތަކާވެސް ގުޅިފައިވާ މުހިންމު އެއާޕޯޓެއް ކަމަށެވެ. 

ފަރެސްމާތޮޑާ އެއާޕޯޓަކީ އެ ހަތަރު ރަށުގެ ހަ ހާހެއްހާ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ދިމާވަމުން އަންނަ ދަތި އުނދަގޫތަކުން ސަލާމަތްކޮށްދީ، އެ ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދޭނެ އަމާން ވައިގެ ބަނދަރެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އެމްޓީސީސީން ބުނީ ފަރެސްމާތޮޑާގެ އެއާޕޯޓާ އެކު ވައިގެ ދަތުރުފަތުރު ކުރުމަށް ކާޑެއްދޫއަށް ކުރަން ޖެހުނު އަގުބޮޑު އުނދަގޫ ދިގު ދަތުރު ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ.

your imageފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަދައްކަވަނީ - ފޮޓޯ:އެމްޓީސީސީ

ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ ތާރީހުގައިވެސް އެ ސަރަހައްދުގެ އުމްރާނީ ތަރައްގީއަށްޓަކައި ސަރުކާރަކުން ހޭދަކޮށްފައިވާ އެންމެ ބޮޑު އެއް މަޝްރޫއުކަން ފާހަގަކޮށް އެމްޓީސީސީން ބުނީ ކޮވިޑުގެ އާލަމީ ވަބާގެ ތެރޭގައި ފެށުނު 136.68 މިލިއަން ރުފިޔާގެ އެ މަޝްރޫއު މިވަނީ އެތަކެއް ގޮންޖެހުންތަކާ އެކުވެސް އޭގެ އެންމެ ފުރިހަމަ ސިފައިގައި ނިންމާ ރައްޔިތުންނާ ހަވާލުކޮށްފައި ކަމަށެވެ. އެ އެއާޕޯޓު ޓާމިނަލުގެ ހިތްގައިމު ޖަޒީރާވަންތަ ފަރުމާއިން އެ ކަމަށް ހެކިދޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެ ކުންފުނިން ވަނީ ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީކޮށް ނިންމާ ރައްޔިތުން ދެކެމުން އައި ހުވަފެނުގައި ހަގީގީ ކުލަޖައްސާދީފައި ކަމުގައެވެ. ހަމައެހެންމެ އެ އެއާޕޯޓަކީ ވައިގެ ބަނދަރެއްގައި ހުންނަން ޖެހޭ އަސާސީ ހުރިހާ ވަސީލަތެއް ފުރިހަމަކުރެވިގެން ނިންމާލެވިފައިވާ އެއާޕޯޓެއްކަން ފާހަގަކުރާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެެވެ.

އެމްޓީސީސީން ބުނީ ފަރެސްމާތޮޑާ އެއާޕޯޓަކީ އެ ސަރަހައްދުގެ ހުރިހާ ރައްޔިތުންގެ މޫނަށް ހިނިތުން ގެނުވާނެ އުފާވެރި މަޝްރޫއެއް ކަމުގައި އެ ކުންފުނިން ގަބޫލުކުރާ ކަމަށެވެ. އެ އެއާޕޯޓަކީ ސަރަހައްދުގެ އިޖުތިމާއީ، އިގުތިސާދީ އަދި އިންސާނީ ތަރައްގީ ކުރިއަރާ ފުޅާވެގެން ދިޔުމަށްޓަކައި ހުޅުވިގެންދާނެ ދޮރާއްޓެއް ކަމަށާއި ހާއްސަކޮށް ގދ. އަތޮޅުގެ ދެކުނު ބިތުގައިވާ ރަށްތަކަށް ދިރުން ގެނުވާ ވިޔަވަތި ހުވަދު އަތޮޅަކަށް ބަދަލުކޮށްލުމަށް މެދުވެރިވާނެ ދަންމަރެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

your imageފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު - ފޮޓޯ:އެމްޓީސީސީ

ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގައި 7،543 އަކަމީޓަރުގެ ޝޯލްޑަ ރަންވޭއަކާއި އޭޕްރަންއަކާއި ޓެކްސީވޭއަކާއި އަލިފާން ނިއްވާ ހިިދުމަތް ގާއިމު ކުރުމާއި ނެރު ބައްތި ހަރުކުރުމުގެ އިތުރުން 3.40 ކިލޯމީޓަރުގެ ބައުންޑަރީ އެންޑް ސެކިއުރިޓީ ފެންސެއް ޖެހުމާއި އަލިފާން ނިއްވާ އިމާރާތެއް ހެދުމާ އަދި ޕަސެންޖަ ޓާމިނަލެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް