
މި ހާދިސާ ހިނގީ މިހާރު ހިނގަމުންދާ ގުޖްރާތުގެ ބޯޑް އެގްޒާމަށް އަންހެން ދަރިފުޅު ގޮވައިގެން ދިޔަ ބައްޕަޔަށް އޮޅިގެން އޭނާ ދާންޖެހޭ އެގްޒާމް ސެންޓަރު ނޫން އެހެން ސެންޓަރަކަށް ގެންދެވުމުންނެވެ. އެގްޒާމް ސެންޓަރަށް ދަރިފުޅު ލުމަށްފަހު ބައްޕަ އެނބުރިދިޔައެވެ.
ނަމަވެސް އަންހެން ކުއްޖާއަށް އެގްޒާމް ހަދާ ދަރިވަރުންގެ ލިސްޓުން އޭނާގެ ނަން ނުފެނުމުން ދާންޖެހޭ ހިސާބެއް ނޭންގި ހާސްވިއެވެ. އަދި އޭނާއަށް ހުރެވުނީ ނުބައި އެގްޒާމް ސެންޓަރެއްގައި ކަމަށް ހީވިއެވެ.
އެވަގުތު އެތަނުގައި ޑިއުޓީއަށް ހުރި ފުލުސް އޮފިސަރަށް އަންހެން ކުއްޖާ ކަންބޮޑުވެފައި ހުރިކަން އެނގުމުން އެހީތެރިވެދިމަށް ނިންމިއެވެ. އަދި އޭނާގެ އެގްރާމް އިންވިޓޭޝަން ބެލުމުން ފުލުސް އޮފިސަރަށް ޔަގީންވީ އަންހެން ކުއްޖާ ދާންޖެހެނީ އޭނާ އެވަގުތު ހުރިތަނާ 20 ކިލޯ މީޓަރު ދުރުގައިވާ އެގްޒާމް ސެންޓަރަކަށް ކަމަށެވެ. ނަމަވެސް ޓްރެފިކަށް ބަލާ އެހިސާބަށް އާއްމު އުސޫލުން ދެވޭނެގޮތެއް ނެތެވެ.
ފުލުސް އޮފިސަރު ނިންމީ މިހާލަތުގައި އެމެޖެންސީ އަޅުމަށްފަހު، ފުލުހުންގެ ޖިޕްގާ އަންހެން ކުއްޖާ އެގްޒާމް ސެންޓަރަށް ގެންގޮސްދޭށެވެ. އަދި ސައިރިން އެޅުމަށްފަހު ފުލުހުންގެ ޖިޕްގައި އަންހެން ކުއްޖާ އެގްޒާމް ސެންޓަރަށް ގެންގޮސްދީ އެކަން އޭނާ ކާމިޔާބު ކުރިއެވެ.
މި ހާދިސާގެ ވީޑިއޯއާއި ފޮޓޯތައް މިހާރު އާއްމުވެފައިވާއިރު، އާއްމުން ގެންދަނީ ފުލުސް އޮފިސަރަށް ތައުރީފްކުރަމުންނެވެ.